ދެކުނު ކޮރެއާގެ އިންޗިއޯން ސިޓީގެ ޝޮޕިން މޯލެއްގައި މީހަކު ވަޅިން ދިން ހަމަލާތަކެއްގައި އަށް މީހުން ޒަޚަމްވެއްޖެ ކަމަށާއި، އޭގެ ތެރެއިން އެކެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ. މި ހާދިސާއާ ގުޅިގެން 59 އަހަރުގެ ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ޔޮންހަޕް ނޫސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަންގާރަ ދުވަހު ހިންގި މި ހަމަލާގައި ޒަޚަމްވި މީހުންގެ ތެރޭގައި ހަ އަންހެނުންނާއި ދެ ފިރިހެނުން ހިމެނެއެވެ. މޯލުގެ އެކި ފަންގިފިލާތަކަށް އަރައި، ދެއަތުގައި ވަޅި އައްސާލައިގެން ހުރެ އާންމުންނަށް ހަމަލާދެމުންދިޔަ މި މީހާ، އެ ވަގުތު އެ ސަރަހައްދުގައި ތިބި އާންމުންގެ ބަޔަކު ނުކުމެ ވަނީ ހިފަހައްޓާފައެވެ. އަދި އޭގެފަހުން އޭނާ ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. މި ހަމަލާގައި ޒަޚަމްވި އުމުރުން 20 އަހަރުގެ އަންހެނަކަށް ކައިރީގައި ހުރި ހޮސްޕިޓަލެއްގައި އޮޕަރޭޝަނެއް ކުރުމަށްފަހު އިންޓެންސިވް ކެއާ ޔުނިޓްގައި ދަނީ ފަރުވާދެމުންނެވެ.
ޖަސްޓިސް މިނިސްޓްރީން ހާމަކުރި ގޮތުގައި، ހައްޔަރުކުރި މީހަކީ މީގެ ކުރިން މީހަކު މަރަން އުޅުމުގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާ މީހެކެވެ. އަދި 2019 ވަނަ އަހަރު ޖަލުން ދޫކޮށްލިފަހުން، ނަފްސާނީ މައްސަލަތަކާއި މަސްތުވާތަކެއްޗާއި ބަނގުގެ ނުބައި އާދަތަކަށް ފަރުވާ ހޯދަމުންދާ ކަމަށާއި، އޭނާގެ ހަރަކާތްތައް މޮނިޓާ ކުރުމަށް ފައިގައި ޖީޕީއެސް ޓްރެކިން ޑިވައިސް ހަރުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މި ހާދިސާއާ ގުޅިގެން ޖަލުން މިނިވަންކުރާ ނުރައްކާތެރި ކުށްވެރިން މޮނިޓާކުރުމަށް ގެންގުޅޭ ނިޒާމު އިތުރަށް ތަހުގީގުކޮށް ހަރުދަނާކުރާނެ ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.
ދެކުނު ކޮރެއާގައި މީގެ ކުރިން 2023 ވަނަ އަހަރުވެސް މިފަދަ ވަޅިން ހަމަލާދިނުމގެ ނުރައްކާތެރި ހާދިސާތަކެއް ހިނގާފައިވެއެވެ. އަދި މިއަހަރުގެ މެއި މަހުވެސް ޖީއަންގްޖޫ ސިޓީގައި ޒުވާނަކު ދިން ވަޅީގެ ހަމަލާއެއްގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު މަރުވެ، އިތުރު ޒުވާނަކު ޒަޚަމްވެފައިވެއެވެ.
ސޯލްގެ ހުޅަނގުން އޮންނަ އިންޗިއޯން ސިޓީއަކީ އެ ގައުމުގެ މައި އެއާޕޯޓު ގާއިމުކޮށްފައިވާ، އަދި ވެރިރަށުގެ ބޮޑު ސަރަހައްދުގެ ތެރޭގައި ހިމެނޭ މުހިންމު ސަރަހައްދެކެވެ. ފުލުހުން ދަނީ މި ހަމަލާދޭން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށް އިތުރު ތަހުގީގުތައް ހިންގަމުންނެވެ.



