ބަލޮޗިސްތާނުގައި ކޯލާ ދެލިނަގާ 11 މީހުން ވަގަށް ނަގައި މަރާލައިފި

ޕާކިސްތާނުގެ ބަލޮޗިސްތާނު ޕްރޮވިންސްގެ ކޯލޫ ސަރަހައްދުގައި އާދީއްތަ ދުވަހު ހަތިޔާރުއެޅި ބަޔަކު ކޯލާ ދެލި ނަގާ މައިންތަކުން 11 މަސައްކަތު މީހުން ވަގަށް ނަގައި، ފަހުން  އެމީހުން މަރާލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި ހާދިސާއަކީ އެ ޕްރޮވިންސްގައި މަސައްކަތު މީހުންނާއި މައިންތަކުގެ މަސައްކަތްކުރާ މީހުންނަށް އަމާޒުކޮށް ޓެރަރިސްޓުން ދެމުންގެންދާ ހަމަލާތަކުގެ ސިލްސިލާއަށް އިތުރުވި އެންމެ ފަހުގެ ހަމަލާއެވެ.

ކޯލޫގެ ފުލުހުން ބުނި ގޮތުގައި، މަރުވި މީހުންނަކީ އެ ޕްރޮވިންސްގެ ޗަމަލަންގް ކޯލް މައިންތަކުގައި މަސައްކަތް ކުރަމުންދިޔަ މީހުންނެވެ.

"ދެ ޕިކަޕްގައި ޑޫކީއަށް ދަތުރުކުރަމުން ދަނިކޮށް، ކޯލޫގެ ހޮސްރީ ސަރަހައްދުން ހަތިޔާރުއެޅި ބަޔަކު އެ މީހުން ވަގަށް ނެގީ. ހަތިޔާރުއެޅި މީހުން އެ މީހުންގެ ވެހިކަލްތައް ހުއްޓުވައި، ވަގަށް ނަގައިގެން ގެންގޮސް ފަހުން މަރާލީ،" ފުލުހުންގެ އިސް އޮފިސދަރު އިޤްބާލް ވިދާޅުވިއެވެ.

ޓެރަރިސްޓުން ވަނީ 11 މަސައްކަތު މީހުން މަރާލުމުގެ ކުރިން އެ ވެހިކަލްތަކުގެ ޑްރައިވަރުން ދޫކޮށްލާފައި ކަމަށެވެ. "މަސައްކަތު މީހުން މަރާލުމަށްފަހު އެ މީހުން ފިލައިގެން ދިޔައީ،" އޭނާ ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ޓީމެއް އެ ސަރަހައްދަށް ގޮސް، މަރުވި މީހުންގެ ހަށިތައް ކޯލޫގެ ޑިސްޓްރިކްޓް ހެޑްކުއާޓާސް ހޮސްޕިޓަލަށް ގެންގޮސްފައި ވެއެވެ. މަރުވި މީހުންގެ ތެރެއިން ދެ މީހެއްގެ ވަނަވަރު އެނގިފައިވާ އިރު އިތުރު މީހުންނާ ބެހޭ މައުލޫމާތު ފުލުހުން ދަނީ ހޯދަމުންނެވެ.

ބަލޮޗިސްތާނުގައި މަސައްކަތު މީހުންނަށް އަމާޒުކޮށް ދިން މި ހަމަލާ އައިސްފައިވަނީ، އެ ޕްރޮވިންސްގައި މިފަހުން ހިނގި މިފަދަ އެހެން ހާދިސާތަކަކަށް ފަހުގައެވެ. އޮގަސްޓް މަހުގެ 24 ވަނަ ދުވަހު، ބަލޮޗިސްތާނުގެ ޕިޝިން ޑިސްޓްރިކްޓްގެ ސަރާނާން ސަރަހައްދު ކައިރިން، ހަދަމުންދިޔަ މަގެއްގައި މަސައްކަތް ކުރަމުންދިޔަ ހަތަރު މަސައްކަތު މީހަކު، ވެސް މަރާލާފައިވެއެވެ.

ހިއްސާ ކުރައްވާ!