ޕާކިސްތާނަށް ދީފައިވާ ޖީއެސްޕީ ޕްލަސް ވިޔަފާރީގެ އިމްތިޔާޒު ވަގުތީ ގޮތުން މެދުކަނޑާލުމަށް އެދި ބަލޮޗިސްތާން ނޭޝަނަލް މޫވްމަންޓް (ބީއެންއެމް) އިން ހުށަހެޅި ހުށަހެޅުމާ ގުޅޭގޮތުން އިތުރު ފިޔަވަޅެއް ނޭޅުމަށް ނިންމައި، އެ މައްސަލައިގެ ފައިލް ޔޫރަޕިއަން ޕާލަމެންޓްގެ ކޮމިޓީ އޮން ޕެޓިޝަންސްއިން ބަންދުކޮށްފިއެވެ.
ބަލޮޗިސްތާނުގައި އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތައް ހިންގާ ކަމަށް ބުނެ، ޔޫރަޕިއަން ޔޫނިއަން އިން ޕާކިސްތާނަށް ދީފައިވާ ޖީއެސްޕީ ޕްލަސް ވިޔަފާރީގެ ފަސޭހަތައް ވަގުތީ ގޮތުން އަނބުރާ ގެންދިއުމަށް އެދި، 3 ޖުލައި 2026 ގައި ޔޫރަޕިއަން ޕާލަމެންޓަށް އެ ހުށަހެޅުން ހުށަހެޅުއްވީ ބީއެންއެމްގެ މީޑިއާ ކޯޑިނޭޓަރު ޖަމާލް ބަލޮޗް އެވެ.
ޕެޓިޝަން ނަންބަރު 1730/2026 އާ ގުޅޭގޮތުން 24 ނޮވެމްބަރު ގައި ނެރުއްވި ސިޓީއެއްގައި، އެ ކޮމިޓީގެ ޗެއާމަން ބޮގްޑަން ރޮޒޮންކާ ވަނީ މި މައްސަލައަކީ ޔޫރަޕިއަން ޔޫނިއަންގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ، އެ ހުށަހެޅުން ބަލައިގަނެވޭނެ މައްސަލައެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާކަން ހުށަހެޅި ފަރާތަށް އަންގަވާފައެވެ. އަދި މަޢުލޫމާތަށްޓަކައި ޔޫރަޕިއަން ޕާލަމެންޓްގެ ޚާރިޖީ ކަންކަމާ ބެހޭ ކޮމިޓީ އާއި، އިންސާނީ ޙައްޤުތަކާ ބެހޭ ސަބް-ކޮމިޓީ އަދި ދެކުނު އޭޝިޔާއާ އޮންނަ ގުޅުންތަކާ ބެހޭ ވަފުދަށް ވެސް އެ ހުށަހެޅުން ވަނީ ފޮނުއްވާފައެވެ.
އެހެންނަމަވެސް، އެ ހުށަހެޅުމާ ގުޅޭގޮތުން އިތުރު ފިޔަވަޅެއް އެޅުމުގެ ޤާބިލުކަން ކޮމިޓީއަށް ލިބިގެން ނުވާ ކަމަށާއި، އެހެންކަމުން އެ މައްސަލައިގެ ފައިލް ބަންދުކުރުމަށް ނިންމާފައިވާކަން ކޮމިޓީން ފޮނުއްވި ސިޓީގައި ވަނީ ސާފުކޮށް ބަޔާންކުރައްވާފައެވެ.
މި ނިންމުމުގެ މާނައަކީ، އެ ހުށަހެޅުމާ ގުޅިގެން ޕާކިސްތާނުގެ ޖީއެސްޕީ ޕްލަސް ދަރަޖަ މެދުކަނޑާލުމަށް އެއްވެސް ލަފައެއް ނުވަތަ ފިޔަވަޅެއް އަޅާފައި ނުވުމެވެ.
2014 ވަނަ އަހަރުން ފެށިގެން ޕާކިސްތާނަށް ލިބެމުން އަންނަ ޖީއެސްޕީ ޕްލަސް ޚިދުމަތުގެ ދަށުން، ޔޫރަޕްގެ ބާޒާރުތަކަށް ޚާއްސަ އިސްކަމެއް ދީގެން ވިޔަފާރިކުރުމުގެ ފުރުޞަތު އެ ޤައުމަށް ލިބެއެވެ. މި ޚިދުމަތް ގުޅިފައިވަނީ އިންސާނީ ޙައްޤުތަކާއި، މަސައްކަތްތެރިންގެ ޙައްޤުތަކާއި، ތިމާވެށި ޙިމާޔަތްކުރުމުގެ އިތުރުން ރަނގަޅު ވެރިކަމުގެ ނިޒާމެއް ޤާއިމުކުރުމާއެކު ބައިނަލްއަގުވާމީ 27 މުޢާހަދާއަކަށް ޢަމަލުކުރުން ޝަރުތު ކޮށެވެ.
2023 އިން 2025 އާ ދެމެދުގެ މުއްދަތުގައި ޖީއެސްޕީ ޕްލަސްއާ ގުޅޭ ޒިންމާތަކަށް ޕާކިސްތާނުން ޢަމަލުކުރަމުންދާ މިންވަރު ވަޒަންކޮށް، 16 ޖުލައި 2026 ގައި ޔޫރަޕިއަން ކޮމިޝަނުން ވަނީ ރިޕޯޓެއް ވެސް ޝާއިއުކޮށްފައެވެ. އެ ރިޕޯޓުގައި ބައެއް ދާއިރާތަކުން ކުރިއެރުން ލިބިފައިވާކަން ފާހަގަކޮށްފައިވީ ނަމަވެސް، ގިނަ ކަންކަމުގައި ފަރުވާ ކުޑަކޯށްފައިވާ ކަން ވަނީ ފާހަގަކޮށްފައެވެ.




