ޖަމްޢިއްޔަތު ޢުލަމާއޭ އިސްލާމް-ފަޟްލު (ޖޭޔޫއައި-އެފް) ގެ ވެރިޔާ މައުލާނާ ފަޟްލުއްރަޙްމާން އިސްލާމްއާބާދުގައި ދިރިއުޅުއްވާ ގޭގައި ޕާކިސްތާނުގެ ކެޕިޓަލް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީޑީއޭ) އިން ހޮނިހިރު ދުވަހު ސިލުޖަހައިފިއެވެ. ސަރުކާރުން ބުނެފައި ވަނީ އެ ގޭގެ ވެރިފަރާތަކީ ބޭރު ޤައުމެއްގެ ރައްޔިތެއްކަން ސާބިތުވުމުން، އޭނާގެ ޕާކިސްތާނުގެ ޤައުމީ އައިޑީ ކާޑު ބާޠިލު ކޮށްފައިވާ ކަމަށެވެ.
އެ ޢިމާރާތުގެ ގޭޓުގައި ތަތްކޮށްފައިވާ ނޯޓިސްގައި ބުނެފައިވަނީ، މިލްކުވެރިކަން ބާޠިލުކުރުމާ ގުޅިގެން ސީޑީއޭ އިން އިމާރާތުގައި ސިކު ޖަހާފައިވާ ކަމަށެވެ.
ނޮވެމްބަރު 27 ވަނަ ދުވަހު ނެރުނު އަމުރެއްގައި، ސީޑީއޭއިން ބުނީ އެ ތަނުގެ ވެރިފަރާތް މުޙައްމަދު ޔޫނުސްގެ ދަރިފުޅު އަމާނުﷲ އަކީ ބޭރު ޤައުމެއްގެ ރައްޔިތެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އޭނާގެ ނޭޝަނަލް އައިޑެންޓިޓީ ކާޑު ވަނީ ބާޠިލުކޮށްފައެވެ.
ސީޑީއޭ އިން ބުނާ ގޮތުގައި، އިސްލާމްއާބާދު ކެޕިޓަލް ޓެރިޓަރީގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބޭރު ޤައުމުތަކުގެ މީހުން އަނބުރާ ޤައުމަށް ފޮނުވާލުމުގެ ޕްލޭންގެ ދަށުން މިފަދަ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
ޕާކިސްތާން ސަރުކާރާ ދެކޮޅުވެރިވެ އިދިކޮޅު ހަރަކާތްތައް ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާތީ ސަރުކާރުން ވަނީ އިދާރީ ފިޔަވަޅެއްގެ ގޮތުން ފަޒުލުއްރަޙުމާނު ގޭގައި ބަންދުކޮށްފައެވެ. އަދި އިދިކޮޅު އިހުތިޖާޖުތަކުގައި ބައިވެރިވުމަށް ސަރަގޯދާއަށް އޭނާ ވަނުން މަނާކޮށް އަމުރެއް ނެރެފައި ވެއެވެ.





