ފަތުރުވެރިކަމާއި ވިޔަފާރީގެ އިތުރުން ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަޤުޞަދުގައި، ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ޕާކިސްތާނަށް ސީދާ ވައިގެ ދަތުރުތައް ފެށުމަށް ތައްޔާރުވާން ފަށައިފިއެވެ.
ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން އާއި ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުޙްސިން ނަޤްވީ ވަނީ އިސްލާމްއާބާދުގައި ބުދަ ދުވަހު މި ކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.. އެހެންނަމަވެސް، ދަތުރުތައް ފަށާނެ ރަސްމީ ތާރީޚާއި، ދަތުރުތަކުގެ އަދަދު އަދި ޕާކިސްތާނުގައި ދަތުރުކުރާނެ މަންޒިލްތައް އަދި ހާމަކޮށްފައެއް ނުވެއެވެ.
ޕާކިސްތާންގެ މިނިސްޓަރ ނަޤްވީ ވިދާޅުވި ގޮތުގައި، ސީދާ ދަތުރުތައް ފެށުމުން، ރާއްޖެއަށް ޒިޔާރަތްކުރުމަށް ޝައުޤުވެރިވާ ޕާކިސްތާނުގެ ރައްޔިތުންނަށް ފަސޭހަވެގެންދާނެއެވެ. އަދި އޭގެ އިތުރުން ފަތުރުވެރިކަން ކުރިއަރުވައި ސަޤާފީ ގުޅުންތައް ބަދަހިކުރުމަށްޓަކައި، ފުރަތަމަ ދަތުރުގައި ޕާކިސްތާނުގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިންނާއި ފަންނާނުން އަދި އެހެނިހެން މަޝްހޫރު މީހުން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް މިނިސްޓަރ ނަޤްވީ ވިދާޅުވިއެވެ.
ޕާކިސްތާންގެ މި އިސްނެގުމަށް މަރުޙަބާ ވިދާޅުވަމުން މިނިސްޓަރ އަމީން ވިދާޅުވީ، ޕާކިސްތާނުގެ މަޝްހޫރު ފަރާތްތަކަށް ރާއްޖޭގައި ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ކަމަށާއި، އެ ފަރާތްތަކުގެ ދަތުރުތަކުގެ ސަބަބުން އިތުރު ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް އެހީތެރިވެދޭނެ ކަމަށެވެ.
މި ބައްދަލު ކުރެއްވުމުގައި ނަޤްވީ ވަނީ ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމްއެއް ޤާއިމުކުރުމުގެ ޕްރޮޕޯސަލްއެއް ޕާކިސްތާން ކްރިކެޓް ބޯޑު (ޕީސީބީ) އިން ދިރާސާ ކުރަމުންދާ ކަންވެސް ހާމަ ކުރައްވާފައެވެ. އަދި މިކަމަކީ، ޒުވާން ކުޅުންތެރިންނަށް ފަންނީ ތަމްރީނު ލިބޭނެ ފުރުޞަތުތައް ފަހިކޮށްދޭނެ ކަމެއް ކަމަށާއި މި ޕްރޮޕޯސަލްގައި ކްރިކެޓް އެކަޑަމީއެއް ހިމެނޭ ކަމަށްވެސް ޕާކިސްތާން މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، ޕާކިސްތާނުގެ ހުނަރުވެރި އަދި ފަންނީ މުވައްޒަފުން ރާއްޖެއަށް ގެނައުމަށް ޝައުޤުވެރިކަން ފާޅުކުރައްވައި، ޕާކިސްތާނުން އިމާރާތްކުރުމުގެ ސާމާނާއި ބޭހުގެ އިތުރުން އެހެނިހެން އުފެއްދުންތައް އިމްޕޯޓްކުރުމަށް ހުރި ފުރުޞަތުތައް އަމީން ފާހަގަކުރެއްވިއެވެ. ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ދާޚިލީ ވަޒީރު އަލީ އިޙުސާން ޕާކިސްތާނަށް ވަޑައިގަތުމަށް ނަޤްވީ ވަނީ ދައުވަތު ދެއްވާފައެވެ.




