ގޭބަންދުކޮށްފައިވާ މައުލާނާ ފަޒުލުއްރަހުމާން ހޮސްޕިޓަލަށް ބަދަލު ކޮށްފި

ޖަމްޢިއްޔަތު ޢުލަމާއޭ އިސްލާމް-ފަޟްލު (ޖޭޔޫއައި-އެފް) ގެ ވެރިޔާ މައުލާނާ ފަޟްލުއްރަޙްމާންގެ ޙާލުކޮޅު ދެރަވެ، މެޑިކަލް ޗެކަޕް ހެއްދެވުމަށްފަހު، "ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން" ޗައުދަރީ ޕަރުވޭޒް އިލާހީ އިންސްޓިޓިއުޓް އޮފް ކާޑިއޮލޮޖީއަށް އޭނާ ގެންގޮސްފިއެވެ. މި ޚަބަރު ޙިއްސާކޮށްފައިވަނީ މުލްތާނުގެ ފުލުހުންގެ އޮފީހުން ނެރުނު ބަޔާނެއްގައެވެ.

މީގެ ކުރިން މުލްތާނުގައި ޕްރޮވިންޝަލް އޮތޯރިޓީތަކުން ވަނީ ފަޟްލު ހައްޔަރުކޮށްފައިވާ ކަމަށް ޖޭޔޫއައި-އެފް އިން ކުރި ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި ސަރުޚާރުގެ ވަޒީރުންވެސް ވަނީ މައުލާނ ހައްޔަރުކޮށްފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

ޖޭޔޫއައި އެފްއިން ބުނާ ގޮތުގައި މައުލާނާ ހައްޔަރުކޮށްފައި ވަނީ ނޮވެމްބަރު 30 ގައި ލާރްކާނާގައި ބާއްވާ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ސިންދުއަށް ވަޑައިގަންނަވަނިކޮށް، ރަޙީމް ޔާރު ޚާން ކައިރިން ނެވެ. އަދި ފަހުން މުލްތާނުގައި ހުންނަ ފަޟްލުގެ ގޭގައި ސަރުކާރުން އޭނާ ބަންދުކުރި ކަމަށް ވެސް އެ ޕާޓީން ތުހުމަތު ކުރިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕަންޖާބުގެ ތަޢުލީމާ ބެހޭ ވަޒީރު ސިކަންދަރު ޙަޔާތު ވަނީ، ޖޭޔޫއައި-އެފް ގެ ވެރިޔާގެ ޕާޓީން ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ޓްރެފިކަށް ދަތިތައް ކުރިމަތިވަމުންދާކަން ފާހަގަކުރައްވައި، އެކަމަށް ފާޑުވިދާޅުވެފައެވެ. އަދި ފަޟްލުގެ މުދަލާ ގުޅޭގޮތުން ތަޙުޤީޤު ކުރުމަށް ސުޕްރީމް ކޯޓާއި ފެޑެރަލް ކޮންސްޓިޓިއުޝަނަލް ކޯޓުގެ އުއްތަމަ ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގަތެވެ.

މުލްތާނު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މައުލާނާ މުލްތާނަށް ވަޑައިގަތީ އަމިއްލަ އިޚްތިޔާރުގައި ކަމަށާއި، އެއްވެސް ނޭދެވޭ ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި ޖޭޔޫއައި-އެފް ގެ ވެރިޔާއަށް ފުލުހުން "ސެކިއުރިޓީ ފޯރުކޮށްދީފައިވާ" ކަމަށެވެ. "މައުލާނާ ފަޟްލުއްރަޙްމާނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަކީ މުލްތާނު ފުލުހުން ތަންފީޒުކުރާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއް،" އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

ޖޭޔޫއައި-އެފް އާއި ޕާކިސްތާން ސަރުކާރާ ދެމެދު ނުތަނަވަސްކަން އިތުރުވެފައި ވެއެވެ. އޭގެ ތެރޭގައި ޚައިބަރު ޕަޚްތޫންޚްވާގައި ގަވަރުނަރުގެ ވެރިކަން ހިންގުމަށް ޕާކިސްތާން ސަރުކާރުން ނިންމުމާއި އެ ޕްރޮވިންސްގައި ވެރިކަން ކުރި ޕީޓީއައިގެ ސަރުކާރު ވައްޓާލުމާއި ގުޅިގެން ފަޟްލު ފާޑުވިދާޅު ވުމުން ސަރުކާރުން ވަނީ ނުރުހިފައެވެ.

ވެރިކަން ކުރާ ޕީއެމްއެލް-އެން ގެ މައި ކޯލިޝަން ބައިވެރިޔާ ކަމަށްވާ ޕީޕަލްސް ޕާޓީ (ޕީޕީޕީ) ގެ ޗެއާމަން ބިލާވަލް ބުއްޓޯ ޒަރްދާރީ ވަނީ ފަޟްލަށް ތާޢީދުކުރައްވައި، އޭނާއާ ދެކޮޅަށް "ސަރުކާރުން އަޅާ ފިޔަވަޅުތައް" ކުށްވެރި ކުރައްވާފައެވެ.

ހިއްސާ ކުރައްވާ!