ދެކުނު ކޮރެއާގެ ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާޙުކޮށްފި: 80 އަހަރުވީ ނިޒާމަށް ބޮޑު ބަދަލެއް

ދެކުނު ކޮރެއާގެ ގާނޫނުހަދާ މަޖިލީހުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބޮޑު އިސްލާޙެއް ގެނެސް، ކުށްތައް ތަހުގީގު ކުރުމަށް ޕްރޮސެކިއުޝަނަށް ދީފައިވާ ބާރުތައް އަތުލުމަށް ހުކުރު ދުވަހު ފާސްކޮށްފިއެވެ. މީގެ މާނައަކީ މީގެ ކުރިން ޖަރީމާތައްް ތަހުގީގު ކުރުމާއި ޕްރޮސެކިއުޓު ކުރުމުގެ ބާރު ޕްރޮސެކއިޓަރ އޮފީހަށް ލިބިފައި އޮތް އޮތުން މިހާރު ނިމުމަކަށް އައީ އެވެ.

މި ބިލު ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއިން ފާސްވީ 175 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލާ ދެކޮޅަށް 2 މެންބަރަކު ވޯޓު ދެއްވިިއިރު، އެކަކު ވަނީ ވަކިފަރާތަކަށް ވޯޓު ނުދީ ވަކިވެފައެވެ. މި ބިލު ފާސްކުރެވުނީ އިދިކޮޅު މައި ޕީޕަލް ޕަވަރ ޕާޓީން (ޕީޕީޕީ) ބުރާސްފަތި ދުވަހު ފެށި ބިލު ލަސްކުރުމަށް ކުރި މަސައްކަތް ލިބަރަލް ޕާޓީތަކުގެ ވޯޓުން ނިމުމަކަށް ގެނައުމަށްފަހުއެވެ.

މިއިސްލާޙުގެ ސަބަބުން ތަހުގީގުކުރުމާއި ދައުވާކުރުމުގެ ބާރުތައް ވަކިވާ ނެއެވެ. އަދި މިކަމުގެ ސަބަބުން ބާރުތައް އެއްވެ ނާޖާއިޒު ގޮތުގައި ބޭނުންކުރުން ހުއްޓުވޭނެ ކަމަށެވެ. އަދި މިއީ އަނިޔާލިބޭ ފަރާތްތަކާއި އާންމުންގެ އިންސާނީ ހައްގުތައް ރައްކާތެރިކޮށް، ޖިނާއީ އިންސާފުގެ ނިޒާމު ރައްޔިތުންނާ ގާތްކޮށްދޭނެ ފިޔަވަޅެއް ކަމަށްވެސް ސަރުކާރުން ބުނެއެވެ.

ނަމަވެސް، އިދިކޮޅު ޕީޕަލް ޕަވަރ ޕާޓީން ބުނަނީ މިއިން ރައީސްގެ ޖިނާއީ މައްސަލަތަކުގެ މަސްއޫލިއްޔަތުން ރެކެން އެހީތެރިވެދޭނެ ކަމަށެވެ،. އަދި މި ބިލު ތަސްދީގު ނުކުރައްވައި ވީޓޯ ކުރެއްވުމަށް ރައީސަށް ގޮވާލާ ފައި ވެއެވެ. އަދި ބިލު ތަސްދީގު ކުރުން ހުއްޓުވުމަށްޓަކައި ދުސްތޫރީ ކޯޓަށް ހުށަހެޅުން ފަދަ ހުރިހާ މަގުތަކެއް ބަލަމުންދާ ކަމަށްވެސް ބުނެއެވެ.

80 އަހަރުވީ ތާރީޚީ އިސްލާޙެއް

ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީ އޮފް ކޮރެއާއިން އުއްމީދުކުރަނީ، މިއިސްލާޙާއެކު ޕްރޮސެކިއުޝަންގެ 80 އަހަރަށްވުރެ ދިގު ތާރީޚުގައި ބާރުތައް ނާޖާއިޒުގޮތުގައި ބައްކޮށްގެން ބޭނުންކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ފަހުގެ މަރުހަލާ ފުރިހަމަވެގެންދާނެ ކަމަށެވެ.

  • އޮކްޓޯބަރު 2 އިން ފެށިގެން ބިލަށް އަމަލުކުރާނެ: ތަހުގީގީ ބާރުތައް އަތުލުމަށް ޑިމޮކްރެޓިކް ޕާޓީން ކުރިން ހުށަހެޅި ގާނޫނާއެކު މި އިސްލާޙަށް އޮކްޓޯބަރު 2 އިން ފެށިގެން އަމަލުކުރަން ފަށާނެއެވެ.

  • ސިޔާސީ ނުފޫޒު: ޕްރޮސެކިއުޝަނަށް ބާރުތައް އެއްވެފައި އޮތުމުގެ ސަބަބުން ސިޔާސީ ފަރާތްތަކަށް ހަމަލާދީ، ގައުމީ ސިޔާސަތަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ޑިމޮކްރެޓިކް ޕާޓީން ތުހުމަތުކުރެއެވެ.

  • ތާރީޚީ ސިޔާސީ އަނިޔާ: ޕްރޮސެކިއުޝަންގެ އަތުގައި ތަހުގީގު ކުރުމުގެ ބާރާއި ދައުވާ ކުރުމުގެ ބާރު އެެއްވެފައި އޮތުމުން ރައީސް ލީއާއި، 2009 ގައި ކޮރަޕްޝަންގެ ތަހުގީގަކާ ކުރިމަތިލައްވަނިކޮށް އަވަހާރަވި ކުރީގެ ރައީސް ރޯ މޫ-ހްޔުން ފަދަ ލިބަރަލް ސިޔާސީ ބޭފުޅުންނަކީ ސިޔާސީ މަގުސަދުގައި ހިންގި ތަހުގީގުތަކުގެ ޝިކާރައަކަށްވި ބޭފުޅުން ކަމަށް އޭރުވެސް ބުނެވެއެވެ.

ފުލުހުންގެ ތަހުގީގު ފުރިހަމަނުވާ މައްސަލަތަކުގައި ފުލުހުންގެ ކިބައިން އިތުރަށް ތަހުގީގު ކުރުމަށް އެދުމުގެ ހައްގު ޕްރޮސެކިއުޝަނަށް މިއިސްލާޙުގެ ދަށުންވެސް ލިބިދޭ އެވެ.

އަދި ޖިންސީ އަނިޔާއާއި ގޭތެރޭގެ އަނިޔާ ފަދަ ވަކި ކުށްތަކުގެ އަނިޔާލިބޭ ފަރާތްތަކަށް، ތަހުގީގު ގޮސްފައިވާ މިންވަރު ބެލުމާއި، މައްސަލަ ލަސްވާނަމަ އިސްތިއުނާފު ކުރުމުގެ ހައްގު ލިބިގެންދާނެއެވެ.

ހިއްސާ ކުރައްވާ!