އިސްރާޢީލުގެ މަގުމަތީގެ ނަންބޯޑުތަކާއި ރަސްމީ ލިޔެކިޔުންތަކުން ޢަރަބި ބަސް އުނިކުރުމަށް އިސްރާޢީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ދަރި ޔާއީރު ނަތަންޔާހޫ ގޮވާލުމާ ގުޅިގެން، އިސްރާޢީލުގެ ޤާނޫނު ހަދާ މަޖިލިސް ކްނެސެޓްގެ ޢަރަބި މެންބަރު އަޙްމަދު އައްޠީބީއާ ދެމެދު މީސް މީޑިއާގައި ވަރުގަދަ ޒުވާބެއް ބަދަލުކޮށްފިއެވެ. މި މައްސަލައިގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާއެކު، އިސްރާޢީލުގެ ސިޔާސީ މަސްރަހުގައި އޮތް ނަސްލީ ތަފާތުކުރުންތަކާއި ބަހުގެ ޙައްޤުތަކާ ގުޅޭ ބަހުސް ވަނީ އަލުން ހޫނުވެފައެވެ.
މި ބަހުސް ފެށިފައިވަނީ އާދީއްތަ ދުވަހު މީސް މީޑިއާގެ މަންސަ "އެކްސް" ގައި ޔާއީރު ނަތަންޔާހޫ ޝާއިޢުކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ އިސްރާޢީލަކީ ދެ ޤައުމިއްޔަތެއްގެ މައްޗަށް ބިނާވެފައިވާ ދައުލަތެއް ނޫން ކަމަށާއި، ދުނިޔޭގެ 22 ޤައުމެއްގެ ރަސްމީ ބަހަކީ ޢަރަބި ބަސް ކަމަށްވާއިރު، ޢިބްރީ ބަހަކީ ހަމައެކަނި އެއް ޤައުމުގެ ބަސް ކަމަށެވެ. އަދި އިސްރާޢީލުގައި ދިރިއުޅޭ ޢަރަބިންނަށް ޢިބްރީ ބަސް ރަނގަޅަށް އެނގޭ ކަމަށާއި، ދައުލަތުން ދޭ އިޖުތިމާޢީ ރައްކާތެރިކަމާއި ކުޑަކުދިންގެ އިނާޔަތްތައް އެ މީހުންނަށް ލިބޭތީ، ރަސްމީ ބޯޑުތަކުގައި ހަމައެކަނި ޢިބްރީ ބަސް ބޭނުންކުރުން ކޮންމެހެން މުހިންމު ކަމަށް ޔާއީރު ބުނެފައިވެއެވެ.
ޔާއީރުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން، ކްނެސެޓްގެ ޖޮއިންޓް އަރަބް ލިސްޓް ބްލޮކްގެ ރައީސް ޑރ އަޙްމަދު އައްޠީބީ އެކްސްގައި ވިދާޅުވީ،
"ޢަރަބި ބަހަކީ މައި ބަސް ކަމަށާއި، ނަމަވެސް ކަލޭގެ ނަސްލީ ތަފާތުކުރުމަކީ ބަފާގެ ބަސް" ކަމަށެވެ. އަދި ޢަރަބި ބަސް ދެމިއޮންނާނެ ކަމަށާއި، ޔާއީރުގެ ބަފާ ނަތަންޔާހޫއާއި ޔާއީރު ވެސް ވަރަށް އަވަހަށް ސިޔާސީ ޙަޔާތުން ގެއްލިގެންދާނެ ކަމަށް އައްޠީބީ ވިދާޅުވިއެވެ.
މި ރައްދާއެކު ޔާއީރު ވަނީ އައްޠީބީއަށް ބަހުގެ ހަމަލާދީ، ޢަރަބި ބަހަކީ ޢަރަބި ޖަޒީރާއަށް ނިސްބަތްވާ ޢަރަބިންގެ މައި ބަސް ކަމަށާއި، ޢިބްރީ ބަސް އުފެދުނީ ޔަހޫދާގެ ބިމުގައި ކަމަށް ބުނެފައެވެ. މީގެ އިތުރުން، ފަލަސްޠީނުގެ ކުރީގެ ރައީސް މަރްޙޫމް ޔާސިރު ޢަރަފާތުގެ އެހީތެރިއެއްގެ ގޮތުގައި އައްޠީބީ މަސައްކަތް ކުރެއްވި ކަން ފާހަގަކޮށް، ޢަރަފާތަކީ "ހަރުކަށި ނަސްލީ ތަފާތުކުރުންތެރިއެއް" ކަމަށް ޔާއީރު ސިފަކުރިއެވެ. އަދި ކްނެސެޓްގެ ގަވާއިދުގެ ހަތްވަނަ މާއްދާގެ (ހ) އަށް އިޝާރާތްކޮށް، އައްޠީބީއަކީ އިސްރާޢީލުގެ ޕާލަމެންޓްގައި ހުންނަން ޖެހޭ މެންބަރެއް ނޫން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
މި ބަހުގެ ހަމަލާތަކާ ގުޅިގެން މީސް މީޑިއާގައި ގިނަ ބަޔަކު ވަނީ ޔާއީރު ނަތަންޔާހޫގެ ވާހަކަތަކަށް ފާޑުކިޔައި، މަލާމާތް ރައްދުކޮށްފައެވެ.
އެކްޓިވިސްޓުންނާއި ޢާންމުން ފާހަގަކުރި ގޮތުގައި، ޔާއީރުގެ އާއިލާގެ މައި ބަހަކީ ޕޮލެންޑްގެ ބަސް ކަމަށްވާއިރު، އޭނާއާއި އޭނާގެ ބަފާއާ އާއިލާއަކީ ފަލަސްޠީނުގެ ބިމާ އެއްވެސް ގުޅުމެއް އޮތް ބައެއް ނޫނެވެ. އަދި ޢަރަބި ބަހުގެ މަޤާމު ދިފާޢުކޮށް، ޢާންމު މައިދާނުން ޢަރަބި ބަސް އެކަހެރިކުރުމަށް ގޮވާލާ ނަސްލީ ގޮވާލުންތަކަށް އެއްވެސް ޖާގައެއް ނުދޭނެ ކަމަށް މީސް މީޑިއާގައި ޚިޔާލު ފާޅުކުރި ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ.

