އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ޔޫރަޕިއަން ކޮމިޝަނަށް ވަރުގަދަ ސައިބަރ ހަމަލާއެއް ދީފި 

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ އެހީގައި ޔޫރަޕިއަން ކޮމިޝަންގެ ޑިޖިޓަލް ނިޒާމުތަކަށް އަމާޒުކޮށް ދިން ވަރުގަދަ ސައިބަރ ހަމަލާއަކާ ގުޅިގެން، އެ ކޮމިޝަންގެ ގިނަ ޚިދުމަތްތަކެއް މެދުކަނޑާލައި، ޢާންމުންގެ ޒާތީ މަޢުލޫމާތުތަކެއް ލީކު ކޮށްފައިވާ ކަން ކަށަވަރުކޮށްފިއެވެ. ފާއިތުވި އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު ފެށި މި ހަމަލާ އަދިވެސް އެއްކޮށް ކޮންޓްރޯލް ކުރެވިފައި ނުވާއިރު، މި ހާދިސާގެ ފަހަތުގައި ވަނީ ޗައިނާ ސަރުކާރާ ގުޅުން އޮންނަ "ޕާންޑާ" ނަމަކަށް ކިޔާ ހެކަރުންގެ ގްރޫޕެއް ކަމަށް ޔޫރަޕްގެ މަސްދަރުތަކުން ތުހުމަތުކުރެއެވެ.

ޔޫރަޕިއަން ކޮމިޝަންގެ ތަރުޖަމާނު ތޯމަސް ރެނިއޭ ވިދާޅުވީ، މި ހަމަލާގައި އެ ކޮމިޝަންގެ ރަސްމީ އޮންލައިން ތަޢުލީމީ މަންސަ ކަމަށްވާ "ޔޫރަޕިއަން ޔޫނިއަން އެކަޑަމީ" ބޭނުންކުރާ ފަރާތްތަކުގެ ޒާތީ މަޢުލޫމާތު ލީކުވެފައިވާ ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ވެބްސައިޓް ވަގުތީގޮތުން ބަންދުކޮށް، މަޢުލޫމާތު ލީކުވި ފަރާތްތަކަށް މިހާރު އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ގެއްލުން އިތުރަށް ބޮޑުވިޔަ ނުދިނުމަށްޓަކައި ކޮމިޝަންގެ އެތެރޭގެ ބައެއް ޚިދުމަތްތައް ވެސް ވަނީ މެދުކަނޑާލާފައެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި މި މައްސަލައިގެ ތަޙުޤީޤު އަދިވެސް ދަނީ ކުރިއަށެވެ.

"ޔޫރޯނިއުސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހެކަރުން މި ހަމަލާ ދިނުމަށް ބޭނުންކޮށްފައިވަނީ އެމެރިކާގެ ތަޙުޤީޤީ އިދާރާ އެފްބީއައި އިން ދާދިފަހުން އިންޒާރު ދީފައިވާ "އާޓެކްސް" ނަމަކަށް ކިޔާ އައު އޭއައި ސޮފްޓްވެއާއެކެވެ.

މި ސޮފްޓްވެއާއަކީ ކުރިން ސައިބަރ ސަލާމަތީ ނިޒާމުތަކުގައި ހުންނަ ބަލިފައިތައް ދެނެގަތުމަށް އުފެއްދި ވަސީލަތެއް ނަމަވެސް، ފަހުން ހެކަރުން ވަނީ ނިޒާމުތަކަށް ވަދެގަތުމަށް އެ ސޮފްޓްވެއާއަށް ބަދަލުތަކެއް ގެނެސްފައެވެ. މައިކްރޮސޮފްޓް އަދި ކްރައުޑްސްޓްރައިކް ފަދަ ސައިބަރ ސަލާމަތީ ކުންފުނިތަކުން މީގެ ކުރިން ވެސް ވަނީ "އާޓެކްސް" ސޮފްޓްވެއާއާއި ޗައިނާގެ ހެކަރުންގެ ގްރޫޕްތަކާ ގުޅުން ހުރިކަން ފާހަގަކޮށްފައެވެ. ނަމަވެސް، ބައިނަލްއަޤުވާމީ އިދާރާތަކަށް ދޭ މިފަދަ އެއްވެސް ސައިބަރ ހަމަލާއަކާ ގުޅުން ނެތް ކަމަށް ބުނެ ޗައިނާ ސަރުކާރުން ދަނީ މި ތުހުމަތުތައް ދޮގުކުރަމުންނެވެ.

މި ހާދިސާ ކުރިމަތިވެފައިވަނީ ބައިނަލްއަޤުވާމީ ސައިބަރ މަސްރަހު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައެވެ.

ފާއިތުވި ހަފުތާގައި އެމެރިކާގެ މައިކްރޮސޮފްޓް ސާވަރުތަކަށާއި ނޭޝަނަލް ސެކިއުރިޓީ އޭޖެންސީ (އެންއެސްއޭ) ގެ ސިއްރު މުވާޞަލާތީ ނިޒާމަށް ޓެކްނިކަލް މައްސަލަތަކެއް ކުރިމަތިވިއިރު، އެފްބީއައިގެ ޑޭޓާބޭސްއެއް ވެސް ހެކްކޮށްފައިވާ ކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހާމަކުރައްވާފައެވެ.

އަނެއްކޮޅުން، މި ހަމަލާއާ ގުޅޭ މަޢުލޫމާތު ކޮމިޝަންގެ މުވައްޒަފުންނަށް މީޑިއާގެ ޒަރީޢާއިން އެނގުމުން، މުވައްޒަފުންގެ ޔޫނިއަނުން ވަނީ ކޮމިޝަންގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ނަމަވެސް، ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ މިކަން ސިއްރުކުރީ މުވައްޒަފުންގެ މެދުގައި ބިރުވެރިކަން އުފެދުނަ ނުދިނުމަށާއި، ހަމަލާ ދިން ފަރާތްތައް ހޯދުމުގެ ކުރިން އެ މީހުންނަށް ޝައްކުވެ ހަމަލާ ހުއްޓާލުމުގެ ފުރުޞަތު ނުދިނުމަށް ކަމަށެވެ.

އެމެރިކާގެ އެންބީސީ ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭއައި ބޭނުންކޮށްގެން ދޭ ސައިބަރ ހަމަލާތައް އިތުރުވުމާ ގުޅިގެން، މެންޑިއަންޓް، ކްރައުޑްސްޓްރައިކް އަދި ކްރޯލް ފަދަ ބޮޑެތި ސައިބަރ ސަލާމަތީ ކުންފުނިތަކަށް ކުއްލި ޚިދުމަތަށް އެދޭ މިންވަރު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.

މުވައްޒަފުންނަށް ނުކަތާ ވަރަށް މަސައްކަތް ބުރަވުމުގެ ސަބަބުން، އެމެރިކާގެ ބޮޑެތި ސައިބަރ ސަލާމަތީ ކުންފުނިތަކުން މިހާރު އައު ކަސްޓަމަރުންގެ ކުއްލި އެހީގެ ހުށަހެޅުންތައް ޤަބޫލުކުރުން ވެސް ވަނީ ހުއްޓާލާފައެވެ.

ހިއްސާ ކުރައްވާ!