ގަވާއިދާ ޚިލާފަށް ގްރީސްއަށް އެތެރެވުމަށް މީސް މީޑިއާގައި ދަޢުވަތު ދިން ބަންގްލަދޭޝްގެ ރައްޔިތަކު އެ ޤައުމުން ޑީޕޯޓްކޮށްލައިފި

ގަވާއިދާ ޚިލާފަށް ގްރީސްއަށް އެތެރެވުމަށް އެހެން މީހުންނަށް ހިތްވަރުދީ މީސް މީޑިއާގައި ވީޑިއޯއެއް ޝާއިޢުކުރި ޢުމުރުން 27 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތަކު، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާއަތުތައް ނިންމުމަށްފަހު އަންގާރަ ދުވަހު ގްރީސްއިން ޑީޕޯޓްކޮށްލައިފިއެވެ.

ގްރީސްގެ ވެރިރަށް އެތެންސްއިން ފުރި ޚާއްސަ ޗާޓަރު ފްލައިޓެއްގައި އޭނާ އަނބުރާ ބަންގްލަދޭޝްއަށް ފޮނުވާލާފައިވަނީ، ބަންގްލަދޭޝްއާއި ޕާކިސްތާނަށް ނިސްބަތްވާ އިތުރު 50 މީހުންނާ އެކުގައެވެ. އޭނާ ޑީޕޯޓްކުރުމުގެ ފިޔަވަޅު އަޅާފައިވަނީ، ބައިނަލްއަޤްވާމީ ޙިމާޔަތަށް ނުވަތަ އެސައިލަމްއަށް އެދި އޭނާ ހުށަހެޅި ތިންވަނަ ހުށަހެޅުންވެސް ކަމާބެހޭ އިދާރާތަކުން ބާޠިލުކޮށް، ޤާނޫނީ ގޮތުން އިތުރަށް ކުރެވޭނެ ހުރިހާ ކަމެއް ނިމުމަކަށް އައުމާ ގުޅިގެންނެވެ.

މި މައްސަލަ ދިމާވެފައިވަނީ މިދިޔަ ޖޫން މަހުގެ ފަހުކޮޅު، ގްރީސްގެ ނަފްޕްލިއޯ ސަރަޙައްދުގައި ހުރެ އޭނާ މީސް މީޑިއާގައި އާންމުކުރި ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯގައި އޭނާ ވަނީ، އެއްވެސް ރަސްމީ ލިޔެކިޔުމަކާ ނުލައި އެތައް އަހަރެއް ވަންދެން އެ ސަރަޙައްދުގައި ދިރިއުޅުނު ނަމަވެސް ފުލުހުންގެ ބަލައިފާސްކުރުންތަކެއް ނުވަތަ ޑީޕޯޓްކޮށްލުމުގެ އެއްވެސް ނުރައްކަލެއް ކުިމަތި ނުވާނެ ކަމަށް ބުނެފައެވެ. އަދި އެ ސަރަޙައްދުގައި ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކަމަށް ބުނެ، ގަވާއިދާ ޚިލާފަށް އެތަނަށް އައުމަށް ބަންގްލަދޭޝްގެ އެހެން ރައްޔިތުންނަށް އޭނާ ދަޢުވަތު ދީފައިވެއެވެ.

ގްރީސްގެ "ޕްރޮޓޯ ތީމާ" ނޫހާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ހިޖުރަވެރިންގެ މައްސަލަތަކުގައި ޙަރަކާތްތެރިވާ އަމިއްލަ ޖަމުޢިއްޔާއެއްގެ ފަރާތުން ދެ ޤާނޫނީ ވަކީލަކު ވަނީ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އޭނާ ގްރީސްގައި ބެހެއްޓުމަށް ޤާނޫނީ ގޮތުން މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް، ތަކުރާރުކޮށް ހުށަހެޅި ހުށަހެޅުންތައް ނާކާމިޔާބުވުމުން އެ މަސައްކަތަށް ވަނީ ނިމުން އައިސްފައެވެ.

ޖޫން މަހުގެ ފަހުކޮޅު އެ ވީޑިއޯ އާންމުވުމާއެކު، ގްރީސްގެ މައިގްރޭޝަން އެންޑް އެސައިލަމް މިނިސްޓަރު ތާނޯސް ޕްލެވްރިސް ވަނީ ވަގުތުން އެކަމަށް ރައްދު ދެއްވާފައެވެ. އެފަދަ ޕޯސްޓުތަކުގެ ސަބަބުން ގްރީސްގެ ހިޖުރަވެރިންނާ ބެހޭ ސިޔާސަތުތަކާ ގުޅޭގޮތުން ދޮގު މަޢުލޫމާތު ފެތުރޭ ކަމަށާއި، ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކަށް ގަވާއިދާ ޚިލާފަށް މީހުން އެތެރެކުރާ ވަގުފާރިވެރިންގެ ވިއުގަތަކުން އޭގެ ނާޖާއިޒު ފައިދާ ނަގާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. ފުލުހުން އެ މީހާ ދެނެގަނެ މައްސަލަ ތަޙުޤީޤުކުރަން ފެށުމަށްފަހު، ޖޫން 26 ވަނަ ދުވަހު އޭނާގެ ރެސިޑެންސް ޕާމިޓް ބާޠިލުކޮށް ޑީޕޯޓްކުރުމުގެ އިޖުރާއަތުތައް ވަނީ ފަށާފައެވެ.

މި މައްސަލައާ ގުޅޭގޮތުން މައިގްރޭޝަން އެންޑް އެސައިލަމް މިނިސްޓްރީން ދެކޭގޮތުގައި، މިއީ މަޤާމުގައި ދެމިތިބުމަށްޓަކައި ތަކުރާރުކޮށް އިސްތިއުނާފުކޮށް ހުށަހެޅުންތައް ހުށަހެޅި ނަމަވެސް، ޤާނޫނީ ގޮތުން ޝަރުޠު ހަމަނުވާ ފަރާތްތައް އަނބުރާ ޤައުމަށް ފޮނުވާލުމުގެ ޤާބިލުކަން ދައުލަތުގައި ހުރިކަން ދައްކުވައިދޭ ރަމްޒެކެވެ. މިނިސްޓަރު ޕްލެވްރިސް ވިދާޅުވި ގޮތުގައި، މިއީ ޤާނޫނީ ޝަރުޠުތައް ފުރިހަމަނުވާ ކަމަށް ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ ބިދޭސީން ޤައުމުގައި ތިބުން ހުއްޓުވުމަށް އެ މިނިސްޓްރީން ތަންފީޒުކުރަމުންދާ ސިޔާސަތުގެ ފުރިހަމަ މިސާލެކެވެ.

ގްރީސްގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެ ޤައުމުން ޖުމްލަ 2,638 މީހަކު އަނބުރާ ޤައުމަށް ފޮނުވާލާފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ފޮނުވާލި 2,207 މީހުންނާ އަޅާބަލާއިރު 20 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ގަދަކަމުން ޑީޕޯޓްކުރި މީހުންގެ ޢަދަދު ވަނީ 915 އިން 1,292 އަށް އިތުރުވެ، 41 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. ގަވާއިދާ ޚިލާފަށް ޤައުމަށް އެތެރެވުމާއި ދިރިއުޅުމާ ދެކޮޅަށް ގްރީސްއިން ވަނީ ޤާނޫނީ އޮނިގަނޑު އިތުރަށް ހަރުދަނާކޮށް، ޖަލު ޙުކުމެއް ތަންފީޒުކުރުމުގެ ބަދަލުގައި ވަކި ޝަރުޠުތަކެއްގެ ދަށުން އަމިއްލައަށް ޤައުމަށް އެނބުރި ދިއުމުގެ އިޚްތިޔާރު ބިދޭސީންނަށް ފަހިކޮށްދީފައެވެ.

ހިއްސާ ކުރައްވާ!