ބަންގްލަދޭޝްގައި ރީޓޭލް ބޭންކިންގ މައިދާން ގައި ހަރަކާތްތެރިވަމުން އައި ބައިނަލްއަޤުވާމީ ބޮޑެތި ބޭންކުތައް ކަމަށްވާ ސްޓޭންޑަރޑް ޗާޓަރޑް އާއި އެޗްއެސްބީސީއިން އެ ބޭންކުތަކުގެ ކޮންސިއުމަރ ބޭންކިންގ ޚިދުމަތްތައް ހުއްޓާލުމަށް ނިންމުމާ ގުޅިގެން، އެ ގައުމުގެ އިންވެސްޓްމަންޓް މާހައުލާމެދު ކަންބޮޑުވުންތަކެއް އުފެދިއްޖެއެވެ. ނަމަވެސް، މާލީ މުހައްލިލުން ފާހަގަކުރާ ގޮތުގައި މިއީ ހަމައެކަނި ބަންގްލަދޭޝްގެ ބޭންކިންގ ދާއިރާގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ނިންމި ނިންމުމެއް ނޫނެވެ. މިއީ ދުނިޔޭގެ ބޭންކިންގ ސްޓްރެޓެޖީ އަށް އަންނަމުންދާ ބޮޑު ބަދަލެއްގެ ބަޔެކެވެ.
ފާއިތުވި ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ބަންގްލަދޭޝްގެ މާލީ ދާއިރާގައި ބޭރުގެ ބޭންކުތަކުން ވަނީ ޕްރޮފެޝަނަލްކަމާއި، ޒަމާނީ ވަސީލަތްތަކާއެކު އާންމުންގެ އިތުބާރު ހޯދާފައެވެ. އެހެންކަމުން، އެ ބޭންކުތަކުން ރީޓޭލް ބޭންކިންގ ދޫކޮށްލުމުން ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ބަންގްލަދޭޝްއަށް އޮތް އިތުބާރު ގެއްލެނީތޯ ސުވާލު އުފެދުނެވެ. ނަމަވެސް ބޭންކިންގ ދާއިރާގެ މާހިރެއް ކަމަށްވާ މައުމޫން ރަޝީދު ވިދާޅުވި ގޮތުގައި، މައްސަލައިގެ ޙަޤީޤަތް މިއަށްވުރެ ފުޅަލެވެ. އަމިއްލަ މީހުންގެ ޑިޕޮސިޓްތަކާއި، ކްރެޑިޓް ކާޑާއި، ގެދޮރު އިމާރާތްކުރުމުގެ ލޯނު ފަދަ ރީޓޭލް ޚިދުމަތްތައް ހުއްޓާލި ނަމަވެސް، ކޯޕަރޭޓް ބޭންކިންގއާއި، ވިޔަފާރިތަކަށް ފަންޑުކުރުމާއި، ޓްރެޜަރީ ޚިދުމަތްތަކުގެ މައިދާން ގައި މި ބޭންކުތަކުން ދެމިތިބޭނެއެވެ.
މި ބަދަލު އައުމުގެ މައިގަނޑު އެއް ސަބަބަކީ ބައިނަލްއަޤުވާމީ ބޭންކުތަކުން ސައިބަރ ސެކިއުރިޓީއަށާއި، މަނީ ލޯންޑްރިންގއާ ދެކޮޅަށް ކުރާ މަސައްކަތްތަކަށާއި، ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތުމަށް ކުރަންޖެހޭ ޚަރަދުތައް އިންތިހާއަށް މައްޗަށް ދިއުމެވެ.
ވަކި ގައުމެއްގައި ރީޓޭލް ބޭންކިންގ ކަސްޓަމަރުންގެ އަދަދު އެކަށީގެންވާ މިންވަރަކަށް އިތުރުނުވާނަމަ، ކޮންމެ ކަސްޓަމަރަކަށް ހިނގާ ޚަރަދު ބޮޑުވެ، ބޭންކުގެ ފައިދާއަށް އަސަރުކުރެއެވެ.
އޭގެ އިތުރުން، ބަންގްލަދޭޝްގެ އަމިއްލަ ބޭންކުތަކުން ގޮފިތައް ފުޅާކޮށް، މޮބައިލް ފައިނޭންޝަލް ޚިދުމަތްތަކާއި ޑިޖިޓަލް ޕޭމަންޓް ނިޒާމުތައް ތަރައްގީކުރުމުން، ބޭރުގެ ބޭންކުތަކަށް އޮތް ޓެކްނޮލޮޖީގެ ކުރިއެރުން ވަނީ ކުޑަވެފައެވެ.
މިއީ ހަމައެކަނި ބަންގްލަދޭޝްއަށް އެކަނި ދިމާވެގެން އުޅޭ ކަމެއް ނޫނެވެ.
އިންޑިއާގައި ސިޓީބޭންކުން ދެމުންއައި ކޮންސިއުމަރ ބޭންކިންގ ޚިދުމަތްތައް އެކްސިސް ބޭންކަށް 2023 ގައި ވިއްކާލާފައިވާއިރު، ސްޓޭންޑަރޑް ޗާޓަރޑުންވެސް ވަނީ ނިއުދިއްލީ ގައި އެ ބޭންކުގެ ރީޓޭލް ޕޯޓްފޯލިއޯތައް އިންޑިއާގެ ބޭންކުތަކަށް ބަދަލުކޮށްފައެވެ.
މީގެ އިތުރުން ޕާކިސްތާނާއި، އޮސްޓްރޭލިއާ، އިންޑޮނޭޝިއާ އަދި ސްރީލަންކާ ފަދަ ގައުމުތަކުގައިވެސް އެޗްއެސްބީސީއިން ވަނީ ރީޓޭލް ބޭންކިންގ ހުއްޓާލައި، އިތުރު ފައިދާ ލިބޭ ބޮޑެތި ވިޔަފާރިތަކަށް އިންވެސްޓްކުރުމުގެ ސްޓްރެޓެޖީ އެކުލަވާލާފައެވެ.
އެހެންނަމަވެސް، ބަންގްލަދޭޝްގެ ބޭންކިންގ ދާއިރާއަށް ކުރިމަތިވެފައިވާ ނުދައްކާ ހުރި ލޯނުތަކުގެ މައްސަލައާއި، ވެރިކަން ހިންގުމުގެ ނިޒާމުގައި ހުރި އުނިކަންކަމުގެ ސަބަބުން މި ބޭންކުތަކުގެ ނިންމުން އަވަސްވުމަށް ބަދަލުވިކަން މުހައްލިލުން ގަބޫލުކުރެއެވެ.
ސިޔާސީ ނުފޫޒުން ދޫކޮށްފައިވާ ލޯނުތައް އަނބުރާ ނުލިބުމުގެ ސަބަބުން މާލީ ދާއިރާގެ ނާޒުކުކަން ވަނީ ހާމަވެފައެވެ. ނަމަވެސް، ބޭރުގެ ބޭންކުތަކުން ރީޓޭލް ޚިދުމަތް ދޫކޮށްލިޔަސް، ކޯޕަރޭޓް އަދި ޓްރޭޑް ފައިނޭންސްގެ މައިދާން ގައި އެ ބޭންކުތައް ދެމިތިބުމަކީ ބަންގްލަދޭޝްގެ އިޤްތިޞާދީ މުސްތަޤުބަލާމެދު އެ ބޭންކުތަކުގެ ޝައުގުވެރިކަން އޮތްކަން ރަމްޒުކޮށްދޭ ކަމެކެވެ. މިއީ ބަންގްލަދޭޝްގެ އަމިއްލަ ބޭންކުތަކަށް އެ ބޭންކުތަކުގެ ވިޔަފާރި ފުޅާކުރުމަށް ލިބިގެންދާނެ އައު ފުރުޞަތެކެވެ.




