ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާން، ނޮވެމްބަރު މަހުގެ ފަހުކޮޅު ނުވަތަ ޑިސެމްބަރު މަހުގެ ކުރީކޮޅު އިންޑިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށްވެއެވެ. މި ދަތުރުފުޅާ ގުޅޭގޮތުން ދެ ޤައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށްދާ ކަމަށް މީޑިއާއިން ރިޕޯޓު ކޮށްފައި ވެއެވެ.
މި ދަތުރުފުޅުގެ އެންމެ މައިގަނޑު މަޤުސަދަކީ، އަންނަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިމުމަކަށް އައުމަށް ހަމަޖެހިފައިވާ ގަންގާ ކޯރުގެ ފެން ޙިއްސާކުރުމުގެ އެއްބަސްވުން (ގަންގާ ވޯޓަރ ޝެއަރިންގ ޓްރީޓީ) އާކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. މި އެއްބަސްވުން އާކުރުމުގެ މަސައްކަތްތައް ދެ ޤައުމުގެ ދެމެދުގައި އޮތް ޑިޕްލޮމެޓުންގެ މެކޭނިޒަމްތައް މެދުވެރިކޮށް ކުރިއަށްދާއިރު، މިކަމުގެ ނަތީޖާއަށް ބަލައި ތާރިޤް ރަޙްމާންގެ ދަތުރުފުޅުގެ ތާރީޚު ކަށަވަރުވެގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިދިޔަ މަހުގެ ތެރޭގައި ބަންގްލަދޭޝްގެ ވޯޓަރ ރިސޯސަސް މިނިސްޓަރު ޝަހުދުއްދީން ޗައުދަރީ އަނީ ވިދާޅުވެފައިވަނީ، ޑިސެމްބަރު 12 ގެ ކުރިން އިންޑިޔާއާއެކު އައު އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި 1977 ގެ އެއްބަސްވުމުގައި އޮތް ފަދައިން ޔަގީންކަންދޭ މާއްދާ އަލުން އިއާދަކުރުމަކީ އައު އެއްބަސްވުމުގައި ބަންގްލަދޭޝްއިން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށްވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.
އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުގެ ކުރިން، ބޮޑުވަޒީރު ތާރިޤް ރަޙްމާން އޮކްޓޯބަރު 26 އިން 29 އަށް ޖަޕާނަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މިއަހަރުގެ ތެރޭގައި އޭނާ ކުރައްވާ ހަތަރުވަނަ ރަސްމީ ބޭރު ދަތުރުފުޅެވެ. މީގެ ކުރިން މެލޭޝިޔާއާއި، ޗައިނާއަދި ނިއުޔޯކްގައި އޮތް އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ވަޑައިގެންފައިވެއެވެ.
ޖަޕާނުގެ ބޮޑުވަޒީރު ސަނާއެ ތަކައިޗީގެ ދަޢުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި، އޮކްޓޯބަރު 27 ގައި ޓޯކިޔޯގައި ދެ ޤައުމުގެ ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ރޭވިފައެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، ވިޔަފާރިއާއި، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާތަކުން ހަތަރަކަށްވުރެ ގިނަ އެމް.އޯ.ޔޫ. ގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގަންގާ ކޯރުގެ ފެން ޙިއްސާކުރުމުގެ އެއްބަސްވުމަކީ 1996 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އިންޑިޔާގެ ބޮޑުވަޒީރު އެޗް.ޑީ ޑޭވް ގޯވްޑާއާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ސޮއިކުރެއްވި 30 އަހަރު ދުވަހުގެ ދެ ޤައުމުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ކޮންމެ އަހަރެއްގެ ޖެނުއަރީ 1 އިން މެއި 31 އާ ދެމެދު ފަރައްކާ ބެރޭޖް ސަރަޙައްދުން ފެން ޙިއްސާކުރާނެ ގޮތްތައް ކަނޑައަޅާފައިވެއެވެ.




