އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބުޅިފުޅު އަދި ޚާއްސަ މަންދޫބު ޖެރެޑް ކުޝްނާ، މެދުއިރުމަތީގެ ޤައުމުތަކުގެ ވެރިންނާއެކު ސިއްރު މާލީ މުޢާމަލާތްތަކެއް ހިންގަވައި، ސިއްރު ބޭންކު އެކައުންޓްތަކެއް މެދުވެރިކޮށް އެތައް މިލިއަން ޑޮލަރެއްގެ މުޢާމަލާތް ކުރެއްވި ކަމަށް ބުނާ ރިޕޯޓެއް "ވެނިޓީ ފެއާ" މަޖައްލާގައި ޝާއިޢު ކޮށފިއެވެ.
ނޫސްވެރިޔާ މެތިއު ކޯލް ލިޔެފައިވާ "ޕްރިންސަސް އެންޑް ތީވްސް: ޖެރެޑް ކުޝްނާ އެންޑް މުޙައްމަދު ބިން ޒައިދުސް ސީކްރެޓް ކޮންސްޕިރަސީ ޓޫ ރީޝޭޕް ދަ މިޑްލް އީސްޓް" ފޮތުގެ މައްޗަށް ބިނާކޮށް ޝާއިޢުކުރި މި ރިޕޯޓުގައިވާ ގޮތުން، ކުޝްނާގެ އައިފޯން، ރަޝިޔާގެ އަސްކަރީ އިންޓެލިޖެންސްގެ ހެކަރެއްގެ އެހީތެރިކަމާއެކު ނެދަރލެންޑްސްގެ ޖާސޫސީ އިދާރާ (އެމް.އައި.ވީ.ޑީ) އިން ވަނީ ހެކްކޮށް، އޭނާ މެނޭޖްކުރެއްވި ސިއްރު އެކައުންޓްތަކުގެ މަޢުލޫމާތު ހޯދާފައެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، 2017 ވަނަ އަހަރުގެ ފަހުކޮޅު ނެދަރލެންޑްސްގެ ޖާސޫސީ އިދާރާ (އެމް.އައި.ވީ.ޑީ) ހޯދި މަޢުލޫމާތުތަކުން އެނގުނު ގޮތުގައި، އެކުވެރި އަރަބި އިމާރާތުގެ (ޔޫ.އޭ.އީ) ފަސްޓް އަބޫދާބީ ބޭންކްގައި އޮތް "އަލްފާ" ނަމުގައި އޮތް އެކައުންޓަކާއި، އިސްރާއީލުގެ ސެންޓްރަލް ބޭންކުގައި އޮތް "ބީޓާ" އެކައުންޓެއް މެދުވެރިކޮށް 2 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ކުޝްނާ ވަނީ ދައުރުކޮށްފައެވެ. މި ފައިސާއަކީ ޔޫ.އޭ.އީގެ ރައީސް މުޙައްމަދު ބިން ޒައިދު އާލަނަހްޔާން އާއި ސަޢޫދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން، ކުޝްނާ މެދުވެރިކޮށް އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ނުފޫޒު ފޯރުވުމަށާއި، އިސްރާއީލާއި އަރަބި ޤައުމުތަކުގެ ގުޅުން ބަދަހިކުރުމުގެ މަޝްވަރާތަކަށް ޚަރަދުކުރުމަށް އުފެއްދި "ބްލެކް ފަންޑު" އެއްކަމަށް ރިޕޯޓުގައި ތުހުމަތުކޮށްފައިވެއެވެ.
އަޒަރުބައިޖާނުގެ ބޭންކުތައް މެދުވެރިކޮށް މަނީލޯންޑަރކޮށްގެން ސިއްރުން ފޮނުވާފައިވާ މި ފައިސާގެ ތެރެއިން "އަލްފާ" އެކައުންޓަކީ ޔޫ.އޭ.އީގެ "ވަތަނީ އަލްއިމާރާތު" ނަމަކަށް ކިޔާ ހިލޭ ސާބަހަށް ޚައިރާތީ މަސައްކަތް ކުރާ ޖަމްޢިއްޔާއެއްގެ ނަމުގައި އޮތް އެކައުންޓެކެވެ. ނަމަވެސް އެ އެކައުންޓުން ފައިސާ ޚަރަދުކުރުމަށް ސޮއި ކުރުމުގެ ބާރު ކުޝްނާއަށް ދީފައި ވެއެވެ. މި ފައިސާގެ ބައެއް ސިއްރު ހަތިޔާރު ހޯދުމަށާއި ކުލީ ސިފައިންނަށް ޚަރަދުކޮށްފައިވާ ކަމަށް ރިޕޯޓުގައިވެއެވެ. މީގެއިތުރުން، އިސްރާއީލާއި ޔޫ.އޭ.އީގެ މެދުގައި ސޮއި ކޮށްފައިވާ ސިއްރު އެއްބަސްވުމެއްގެ ދަށުން، އީރާނުން ދީފާނެ ހަމަލާއަކުން އިމާރާތް ދިފާޢުކުރުމަށް އިސްރާއީލުން އެހީތެރިވުމަށް އެއްބަސް ވެފައިވާ ދިފާޢީ ފަންޑެއްވެސް އިސްރާއީލުގެ ސެންޓްރަލް ބޭންކުގައި ޤާއިމުކުރެވުނު ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އެމެރިކާގެ ޤާނޫނުތައް ބުނާގޮތުން ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ބޭރު ޤައުމުތަކުގެ ބޭންކު އެކައުންޓްތަކުގެ މަޢުލޫމާތު ހާމަކުރަންޖެހެއެވެ. ނަމަވެސް ކުޝްނާ މި އެކައުންޓްތަކުގެ މަޢުލޫމާތު ހާމަކުރައްވާފައި ނުވެއެވެ. އެހެންވެ މި ކަން ވަނީ އެމެރިކާގެ ޤާނޫނާ ޚިލާފު ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. އަދި ޓްރަމްޕްގެ ސަރުކާރުގެ އިސް ވެރިންނަށްވެސް މިފަދަ އެކައުންޓްތަކެއްގެ މަޢުލޫމާތު އެނގިވަޑައިގެންފައި ނުވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ތުހުމަތުތައް މީސް މީޑިއާގެ މަންސަ "އެކްސް" މެދުވެރިކޮށް ކުޝްނާ ވަނީ ދޮގުކުރައްވާފައެވެ. ކުޝްނާ ވިދާޅުވީ މިއީ އެއްވެސް ޙަޤީޤަތެއް ނެތް، އަދި އެއްވެސް ހެއްކެތް ނެތި އުފައްދާފައިވާ ހާސަރު ވާހަކަތަކެއް ކަމަށެވެ. ރިޕޯޓު ލިޔުނު ފަރާތަށް ބޭންކު ސްޓޭޓްމަންޓެއް، ފައިސާ ފޮނުވި ރެކޯޑެއް ނުވަތަ އެކައުންޓް ނަންބަރެއް ފަދަ އެއްވެސް އެކަށީގެންވާ ހެކިދެއްކިފައި ނުވާކަމަށާއި، މިފަދަ ކަމެއް އެއްވެސް އިރަކު ހިނގާފައި ނުވާނެ ކަމަށް ކުޝްނާ ވިދާޅުވިއެވެ.






