އެމެރިކާގެ ޓެކްސަސް އާއި ނިއު މެކްސިކޯ އިން ޖަނަވާރުގެ މަސްކާ ފަނިތަކެއް ފެނިއްޖެ

އެމެރިކާގެ ޓެކްސަސްގެ ސަރަހައްދެއްގެ ޖަންގަލި ޖަނަވާރު ތަކުންނާއި ނިއު މެކްސިކޯގެ ގެރިއަކުން، މަސް ކައި އުޅޭ ނުރައްކާތެރި މެހީގެ ބާވަތެއް ކަމަށްވާ ނިއު ވޯލްޑް ސްކްރޫވަރމް ފެނިއްޖެކަން އެމެރިކާގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ކަށަވަރުކޮށްދީފިއެވެ. މިއީ މީގެ އެތައް އަހަރެއް ކުރިން އެމެރިކާއިން މުޅިން ނައްތާލެވިފައިވާ ކަމަށް ބެލެވުނު ބައްޔެކެވެ. މިއީ މި ބަލި އަލުން ޖަނަވާރު ތަކުން ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ޓެކްސަސްގެ ޕެކޮސް ކައުންޓީގައި ހުންނަ ގޭމް ރަންޗަކުން ފެނުނު އެއްގަމު ޖަނަވާރެއް ގެ ގައިން މި ފަނި ވަނީ ފެނިފައެވެ. މި ހާދިސާއާ ގުޅިގެން ޓެކްސަސް އެނިމަލް ހެލްތު ކޮމިޝަނުން ވަނީ ބަލި ފެތުރިފައިވާ ސަރަހައްދުގެ އިންތައް ކަނޑައަޅާފައެވެ. އަދި އެ ސަރަހައްދުގައި ފުލުހުންނާއި ކަމާބެހޭ އިދާރާތައް ގުޅިގެން އިތުރު މޮނިޓަރިންގ އާއި ސާވޭގެ މަސައްކަތްތައް ދަނީ ހިންގަމުންނެވެ.

މިކަމާ ގުޅޭގޮތުން ނިއު މެކްސިކޯގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރއިން ބުނީ، އެ ހިސާބުގެ ގެރިއަކުންވެސް މި ބަލި ފެނިފައިވާ ކަމަށެވެ. އެ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބަލި ޖެހިފައިވާ ޖަނަވާރު ފެނުނު ސަރަހައްދުގެ ވަށައިގެން 12.4 މޭލު (20 ކިލޯމީޓަރު) ގެ ސަރަހައްދެއް ކަނޑައަޅާއި އެއީ އިންފެސްޓެޑް ޒޯންއެއްގެ ގޮތުގައި ނިންމާފައެވެ. މި ސަރަހައްދުގެ ތެރޭގައި ޖަނަވާރު އުފުލުމާއި އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގެ ހަރުކަށި އުސޫލުތަކެއްގެ ކަނޑައަޅައި ޖަނަވާރު ޗެކްކޮށް ފަރުވާ ދޭންޖެހޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މީގެ އެތައް އަހަރެއް ކުރިން އެމެރިކާއިން މުޅިން ނައްތާލެވުނު މި ބަލިމަޑުކަން، މިހާރު ވަނީ މެދުތެރޭ އެމެރިކާއިން ފެށިގެން މެކްސިކޯއާ ހަމައަށް ފެތުރިފައެވެ. މިކަމުގެ ސަބަބުން، މެކްސިކޯއިން ގެރިބަކަރި އެމެރިކާއަށް އެތެރެކުރުން ހުއްޓުވުމަށްޓަކައި އެމެރިކާއިން ވަނީ އެއް އަހަރަށްވުރެ ގިނަ ދުވަހުގެ މުއްދަތަކަށް ބޯޑަރު ބަންދުކޮށްފައެވެ. ނަމަވެސް، ފާއިތުވި އޮގަސްޓް މަހު އެރިޒޯނާގެ ބަނދަރެއް މެދުވެރިކޮށް ވިޔަފާރި އަލުން ފަށާފައިވަނީ ވަކި އުސޫލުތަކެއްގެ މަތިންނެވެ.

މިހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގެ ބާޒާރުގައި ގެރިމަހުގެ ސަޕްލައި ދަށްވެ، ވެރި މަހުގެ އަގުތައް ރެކޯޑު މިންވަރަކަށް އުފުލިގެން ގޮސްފައިވެއެވެ.

ހިއްސާ ކުރައްވާ!