ޕާކިސްތާނުގެ ޕާލަމެންޓުގެ ބާރު ކެނޑި، ސަރަހައްދީ ސަރުކާރު އުވާލުމުން ޑިމޮކްރަސީއަށް ބޮޑެތި ގޮންޖެހުންތަކެއް

ޕާކިސްތާނުގެ ޕްރޮވިންސްތަކުގެ ސަރުކާރެއް އުވާލައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ޕާލަމެންޓުން ނިންމި ނިންމުމާއެކު، އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ މިނިވަންކަމާއި ޑިމޮކްރެޓިކް ނިޒާމުގެ ބާރު މުޅިން ކެނޑެމުންދާ ކަމުގެ ކަންބޮޑުވުން އާންމު ވެއްޖެއެވެ. ރައްޔިތުން އިންތިޚާބުކޮށްފައިވާ ޕްރޮވިންސް ސަރުކާރެއް މަގާމުން ދުރުކޮށް، ގަވަރްނަރުގެ ވެރިކަން ގާއިމުކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވަނީ އެއްވެސް ފުޅާ ބަހުސެއް ކުރުމަކާ ނުލައި، މަދު ގަޑިއިރުކޮޅެއްގެ ތެރޭގައެވެ.

ޚައިބަރު ޕަޚްތޫންޚުވާގެ އިންތިޚާބީ ސަރުކާރު އުވާލައި، އެ ސަރަހައްދުގެ ބޮޑުވަޒީރާއި ވަޒީރުން ހައްޔަރުކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް މަރުކަޒީ ސަރުކާރުން ބާރުދިން ނަމަވެސް، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަނީ މިއީ ޕާލަމެންޓުން އަމިއްލައަށް ނިންމި ނިންމުމެއް ނޫން ކަމަށެވެ. ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތުގެ މާއްދާތަކަށް ފުރިހަމައަށް އަހުލުވެރިވުމެއް ނެތި، ކުރިން އެހެން ފަރާތްތަކަކުން ނިންމާފައިވާ ނިންމުންތަކުގައި ސިއްކަ ޖެހުމުގެ އުސޫލެއް ޕާކިސްތާން ޕާލަމެންޓުން ގެންގުޅޭ ކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ޕާކިސްތާނުގެ ގާނޫނުއަސާސީއަށް ގެނެވުނު 26 ވަނަ އަދި 27 ވަނަ އިސްލާހާއެކު، އަދުލު އިންސާފު ގާއިމުކުރުމުގެ މިނިވަންކަމާއި ގާނޫނުއަސާސީގެ އަސާސީ ރޫހު ވަނީ ހީނަރުވެފައެވެ.

ގާނޫނ އަސާސީއަށް ގެންނަ އިސްލާހުތަކުގެ ޑްރާފްޓް ވަޒީރުންނަށާއި މަޖިލިސް މެންބަރުންނަށް ލިބިފައިވަނީ ވޯޓަށް އެހުމުގެ މަދު ގަޑިއިރުކޮޅެއް ކުރިން ކަމަށްވާއިރު، ގައުމީ ސަލާމަތާއި ޚާރިޖީ ސިޔާސަތުތަކާ ގުޅޭ މުހިންމު މައްސަލަތަކުގައި ޕާލަމެންޓުގައި އެއްވެސް ވަރަކަށް ބަހުސްކުރެވިފައެއް ނުވެއެވެ.

ޓެރަރިޒަމާ ދެކޮޅަށް ހިންގާ އަސްކަރީ ހަރަކާތްތަކަށް ސަރަހައްދީ ސަރުކާރުން އެއްބާރުލުން ނުދޭ ކަމަށް ބުނެ ޚައިބަރު ޕަޚްތޫންޚުވާގެ ސަރުކާރު އުވާލިއިރު، އެޕްރޮވިންސްގައި ހަނގުރާމަވެރިންގެ ހަމަލާތައް ދަނީ އިތުރުވަމުންނެވެ. އެކަމަކު، ޓެރަރިޒަމް ހުއްޓުވުމަށް ސަރުކާރުން ގެންގުޅޭ މައިގަނޑު ސިޔާސަތަކީ ކޮބައިކަމާއި، އެ ސިޔާސަތު ޕާލަމެންޓަށް ހުށަހެޅިފައިވޭތޯ ކުރެވޭ ސުވާލުތަކަށް އެކަށީގެންވާ ޖަވާބެއް ލިބިފައެއް ނުވެއެވެ. ސިފައިން ހިންގާ އަސްކަރީ ހަރަކާތްތަކަށް އެކަނި ބަރޯސާވެގެން ގެންގުޅޭ ސިޔާސަތުގެ ސަބަބުން، ގައުމީ ސަލާމަތަށް އޮތް ނުރައްކާތަކަށް ދާއިމީ ހައްލެއް ލިބިފައެއް ނުވެއެވެ.

މީގެ އިތުރުން، ބަލޫޗިސްތާން ޕްރޮވިންސްގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންގެ ހަރަކާތްތައް އިތުރުވެ، ޕްރޮވިންސްގެ ބޮޑު ބައެއްގެ ކޮންޓްރޯލް ސަރުކާރަށް ގެއްލެމުންދާއިރުވެސް، އެކަމާ މެދު މަޝްވަރާކުރުމުގެ ބާރު ޕާލަމެންޓަކަށް ނެތެވެ. ޚާރިޖީ މައިދާނަށް ބަލާއިރު، ސައޫދީ އަރަބިއްޔާއާއި ތުރުކީއާއެކު ސޮއިކުރެވުނު މައްކާ ދިފާއީ އެއްބަސްވުން ފަދަ އިސްތިރާޖީ މުހިންމު ނިންމުންތައްވެސް ޕާލަމެންޓުން ތަސްދީގުކޮށްފައެއް ނުވެއެވެ.

ޕާކިސްތާންގެ ކޮލަމިސްޓް ޒާހިދު ހުސައިންގެ ލިޔުއްވުމެއްގެ ޚުލާސާއެއް

ހިއްސާ ކުރައްވާ!