ސޫދާނުގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ތުރުކީގެ ބޭރަކްދާރު އަކިންޖީ މަރުކާގެ ޑްރޯންތަކުން، ޗައިނާގެ އެފްއެޗް/ސީއެޗް-95 މަރުކާގެ ޑްރޯންތައް ވައްޓާލައި، އަސްކަރީ ޓެކްނޮލޮޖީގެ މަތީ ފެންވަރުގެ ގާބިލުކަން ސާބިތުކޮށްދީފިއެވެ.
2023 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ސޫދާނުގައި ހިނގަމުންދާ ހަނގުރާމައަކީ އެފްރިކާ ބައްރުގައި އެންމެ ފުޅާދާއިރާއެއްގައި ޑްރޯން ބޭނުންކުރަމުންދާ އެއް މައިދާން ކަމަށްވާއިރު، ސޫދާނުގެ ސިފައިންނާއި ރެޕިޑް ސަޕޯޓް ފޯސެސް (އާރްއެސްއެފް) އިން ދަނީ ރީކޮނިސަންސް އަދި އަމާޒުތަކަށް ހަމަލާދިނުމަށް ޑްރޯން ބޭނުންކުރަމުންނެވެ. ނަމަވެސް ފާއިތުވި މަސްތަކުގައި ސޫދާނުގެ ވައިގެ ސަެރަހައްދުން ފެނިގެންގޮސްފައިވަނީ ބޮޑެތި މަރުކާގެ އަސްކަރީ ޑްރޯންތައް ސީދާ ވައިގެ ތެރޭގައި ހަމަލަ ދިނުމުގެ ހާލަތުގައި ކުރިމަތިލައި، އެކަތި އަނެކަތި ވައްޓާލާ މަންޒަރެކެވެ.
މި ކުރިމަތިލުންތަކުގައި ސޫދާނުގެ ސިފައިން ބޭނުންކުރަނީ ތުރުކީގެ ބޭރަގްދާރު ކުންފުނީގެ އަކިންޖީ ޑްރޯންތަކެކެވެ. އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ސަޕޯޓު ކުރާ އާރްއެސްއެފްއަށް ފޯރުކޮށްދީފައިވާ ކަމަށް ބެލެވޭ ޗައިނާގެ ސީއެޗް-95 ޑްރޯންތަކެވެ. ޗައިނާ ދްރޯންތައް ވަނީ އަކިންޖީގެ ހަމަލާތަކުގައި ނައްތާލާފައެވެ.
2026 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހިނގި ފަސް މަސްދުވަހުގެ ހަނގުރާމައިގެ ތެރޭގައި، އަކިންޖީ ޑްރޯންތަކުން ވަނީ އާރްއެސްއެފްގެ މަދުވެގެން 6 ޑްރޯން، އަދި ބައެއް ރިޕޯޓުތައް ބުނާގޮތުން 8 ޑްރޯން ވައިގެ ތެރޭގައި ވައްޓާލާފައެވެ.
އަކިންޖީ ޑްރޯންތަކުން މި ހަމަލާތައް ދިނުމަށް ބޭނުންކުރަނީ ތުރުކީގެ ރޮކެޓްސަން ކުންފުނިން އުފައްދާފައިވާ "އެރެން" މަރުކާގެ ގައިޑެޑް މިސައިލެވެ. ޖެޓް އެންޖީނު ހަރުކޮށްފައިވާ، 35 ކިލޯގްރާމްގެ މި މިސައިލަކީ 100 ކިލޯމީޓަރަށްވުރެ ދުރަށް ދަތުރުކޮށް، ބިންމަތީގެ އަމާޒުތަކުގެ އިތުރުން ވައިގެ ތެރޭގައި މަޑުން ދަތުރުކުރާ އުޅަނދުތަކަށް ޚާއްސަ ކަމާއެކު ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ އުފެއްދުމެކެވެ.
އަސްކަރީ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ޗައިނާގެ ސީއެޗް-95 އަށްވުރެ ތުރުކީގެ އަކިންޖީ ޑްރޯންގެ ޓެކްނޮލޮޖީ މތިވެފައި ގާބިލުކަން ބޮޑެވެ.
އަކިންޖީ ޑްރޯންގައި ހަރުކޮށްފައިވާ އޮންބޯޑް ރޭޑާގެ އެހީގައި ބިންމަތީގެ އިތުރުން ވައިގެ ތެރޭގައި އުޅޭ އަމާޒުތައް ދެނެގަނެވޭތީ، މިއީ އަންމޭންޑް ފައިޓާ ޖެޓެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ. އަދި ސީއެޗް-95 އާ އަޅައިބަލާއިރު އަކިންޖީއަކީ ބަރު އުފުލޭ އަދި މަތިން ދަތުރުކުރެވޭ، އަދި ބާރުމިންވެސް އަވަސް ޑްރޯނެކެވެ.
މީގެ ކުރިން ލިބިޔާ، އަޒަރުބައިޖާން އަދި ޔުކްރޭން ގެ ހަނގުރާމައިގައި ތުރުކީގެ ޑްރޯންތައް ހޯދި ކާމިޔާބީތަކަށްފަހު، ސޫދާނުގެ ވައިގެ މައިދާން ގައި ހޯދި މި ކާމިޔާބީގެ ސަބަބުން ބައިނަލްއަގުވާމީ އަސްކަރީ ވިޔަފާރީގެ މައިދާން ގައި ތުރުކީގެ އުފެއްދުންތަކަށް އޮތް ތަރުހީބު އިތުރަށް ވަރުގަދަވެގެންދާނެއެވެ.



