އެމެރިކާއިން މެދުއިރުމަތީގެ ފަސް ޤައުމެއްގައި ހުންނަ އެމްބަސީތަކުގެ މުވައްޒަފުންގެ އާއިލާތަކާއި ބައެއް މުވައްޒަފުން އެގައުމުތަކުން ފޭބުމަށް އަންގައިފިއެވެ.. މި ނިންމުމާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށާއި ހަކަތައިގެ މާކެޓަށް ވަނީ ވަގުތުން ބޮޑެތި އަސަރުތަކެއް ކޮށްފައެވެ.
މި އޯޑަރުގެ ދަށުން ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާގެ އެމްބަސީގެ ހުރިހާ މުވައްޒަފުންގެ އާއިލާތަކާއި، ކޮންމެހެން ބޭނުންވާ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން ފޭބުމަށް ވަނީ އަންގާފައެވެ. މިއީ މާޗު މަހު އެޅި ފިޔަވަޅުތަކާ އަޅައިބަލާއިރު މާ ހަރުކަށި ފިޔަވަޅެކެވެ. މީގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ޤަޠަރު، ބަޙްރައިން އަދި އުރުދުންގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓކް މިޝަންތަކުންވެސް މުވައްޒަފުންގެ އާއިލާތައް ފޭބުމަށް ވަނީ އަންގާފެވެ. މިއީ މި ހަނގުރާމަ ފެށުނުފަހުން އުރުދުންގައި ތިބޭ އެމެރިކާ އެމްބަސީ ގެ އާއިލާތައް މި ލިސްޓެއްގައި ހިމެނުނު ދެވަނަ ފަހަރެވެ.
މި ކުއްލި ފިޔަވަޅު އަޅާފައިވަނީ ސަރަހައްދީ ސަލާމަތަށް ކުއްލި ނުރައްކާތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ. އެގޮތުން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގެ ކިންގް ޚާލިދު އެއާޕޯޓަށް ދިން ހަމަލާއެއްގައި އެމެރިކާގެ ރައްޔިތަކު ހިމެނޭހެން 13 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. އަދި އާރަމްކޯގެ ޝައިބާ ތެލުގެ ކާރުޚާނާއަށް އަމާޒުކޮށް ފޮނުވާލި ޑްރޯނެއް ވައްޓާލުމުން ދެ މީހުން މަރުވެފައިވެއެވެ. މި ހަމަލާތަކުގެ ޒިންމާ ހޫޘީން އުފުލާފައިވާއިރު، ސައުދީ އަރަބިއްޔާގައި ތިބޭ އެމެރިކާ ސިފައިންނާއި މުވައްޒަފުން އެއާޕޯޓުތައް ބޭނުންކުރުން ވަނީ ވަގުތީ ގޮތުން ހުއްޓުވާފައެވެ.
މި ހާދިސާތަކާ ގުޅިގެން ބައިނަލްއަގުވާމީ އިގްތިސާދަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފهއެވެ. އެގޮތުން ބްރެންޓްކްރޫޑް ތެލުގެ އަގު 1.9 އިންސައްތަ އުފުލި، ފީފާއެއްގެ އަގު ވަނީ 110.85 ޑޮލަރަށް އަރާފައެވެ. މީގެ އިތުރުން އޮމާނާއި އިރާގުގެ އައްސޭރިފަށުގައި ތެޔޮ އުފުލާ ދެ ބޯޓަކަށް ހަމަލާދީފައިވާއިރު، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ 20 އިންސައްތަ ދަތުރުކުރާ ހުރުމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.
މި ކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބައިނަލްއަގުވާމީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ، މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތައް މުޅިން އައު މަރުހަލާއަކަށް ގޮސްދާނެ ކަމުގެ ސިގުނަލެއް ކަމަށެވެ.
އެމެރިކާ ސަރުކާރުން ވަނީ އެއް ދުވަހުގެ ތެރޭގައި 12 ޤައުމަކަށް ސަލާމަތީ އިންޒާރުތައް ނެރެފައެވެ. ޤަޠަރުގައި މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ކަމަށްވާ އަލް އުދައިދު އެއާ ބޭސް ހުންނައިރު، މި ސަރަހައްދުގައި ހޫޘީން ހިންގަމުންދާ ހަރަކާތްތަކުގެ ސަބަބުން މުޅި ސަރަހައްދުގެ ސަލާމަތަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހިފައިވާކަމަށް ބުނެއެވެ.





