ކިއުބާގެ ކުރީގެ ރައީސް ރާޢުލް ކާސްޓްރޯ ހައްޔަރުކުރުމަށް އެމެރިކާގެ ފްލޮރިޑާ ސްޓޭޓުން ނެރުނު އަމުރަކީ އެއްވެސް އަސާސެއް ނެތް، އުފައްދައިގެން އުޅޭ ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ނެރުނު އަމުރެއް ކަމަށް ބުނެ ރަޝިޔާއިން އެކަން ކުށްވެރިކޮށްފިއެވެ. ރަޝިޔާގެ ޚާރިޖީ ވުޒާރާއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ އެމެރިކާގެ މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ކިއުބާއާއެކު ސާބިތުކަމާއެކު އެކުވެރިކަން ތަކުރާރުކޮށްފައެވެ.
އުމުރުން 95 އަހަރުގެ ރާޢުލް ކާސްޓްރޯ ހައްޔަރުކުރުމަށް ފްލޮރިޑާގެ ކޯޓަކުން އަމުރު ނެރުނީ 1996 ވަނަ އަހަރުގެ ފެބްރުއަރީ 24 ދުވަހު ހިންގި ހާދިސާއަކާ ގުޅިގެން މީހުން މެރުމުގެ ކުށުގެ ތުހުމަތުގައެވެ. އެ ހާދިސާގައި ކިއުބާއިން ކަނޑުމަގުން އެމެރިކާއަށް ހިޖުރަކުރަން އުޅުނު އާންމުންނަށް އެހީތެރިވެދޭ "ބްރަދާސް ޓު ދަ ރެސްކިއު" ޖަމްއިއްޔާގެ ދެ މަތިންދާބޯޓަކަށް ހަމަލާދީ ވަނީ ވައްޓާލާފައެވެ. މި ހަމަލާގައި ފްލޮރިޑާގެ ހަތަރު މީހަކު ވަނީ މަރުވެފައެވެ.
ފްލޮރިޑާގެ އެޓާނީ ޖެނެރަލް ޖޭމްސް އުތްމަޔާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރާޢުލް ކާސްޓްރޯ ވަނީ ފްލޮރިޑާގެ ހަތަރު މީހަކު މަރާލުމަށް އަމުރުކުރައްވާފައި ކަމަށާއި، ކޮމިއުނިސްޓް ބައިވެރިން ހިންގި މި ޖަރީމާއަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް ފްލޮރިޑާއިން ހުއްޓައެއް ނުލާނެ ކަމަށެވެ. ކިއުބާގެ އިންގިލާބީ ލީޑަރު ފިޑެލް ކާސްޓްރޯގެ ކޮއްކޮ، ރާޢުލް ކާސްޓްރޯގެ މައްޗަށް އެމެރިކާގެ ފެޑެރަލް ކޯޓުގައި ދައުވާ އުފުލާފައިވަނީ މެއި މަހުގެ ތެރޭގައެވެ.
މި މައްސަލައާ ގުޅިގެން ރަޝިޔާއިން ބުނީ، ހާދިސާ ހިންގިތާ 30 އަހަރަށްވުރެ ގިނަ ދުވަސް ފަހުން، އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް އަމުރެއް ނެރުމަކީ މިއާމީގައި ތިބި ކިއުބާއާ ދެކޮޅު ލޮބީ ގްރޫޕްތަކުން ބަދަލުހިފުމުގެ ގޮތުން ހިންގާ އަމަލެއްގެ ގޮތުގައި މެނުވީ ބެލެވެން ނެތް ކަމަށެވެ. ސޯވިއެޓް އިއްތިހާދުގެ ދުވަސްވަރުން ފެށިގެން ކިއުބާއާ ބަދަހި ގުޅުމެއް ބާއްވަމުން އަންނަ ރަޝިޔާއިން ވަނީ ކިއުބާގެ ރައްޔިތުންނަށް ފުރިހަމަ އެއްބާރުލުން ދޭނެކަން ހާމަކޮށްފައެވެ.
ފްލޮރިޑާއިން ކާސްޓްރޯ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ކިއުބާގެ ކޮމިއުނިސްޓް ސަރުކާރަށް ދެމުންދާ އިގްތިސާދީ، ސިޔާސީ އަދި ގާނޫނީ ޕްރެޝަރުތައް ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައެވެ. މީގެ ކުރިންވެސް އެމެރިކާއިން ވަނީ ދައުވާއެއްގެ މައްޗަށް ބިނާކޮށް، ޖެނުއަރީ މަހު ކިއުބާގެ ގާތް އެކުވެރިއެއް ކަމަށްވާ ވެނެޒުއެލާގެ އޭރުގެ ރައީސް ނިކޮލަސް މަދޫރޯ ވަގަށް ނެގުމަށް ސިފައިންގެ ޚާއްސަ ހަރަކާތެއް ހިންގާފައެވެ.
ކިއުބާގެ މިހާރުގެ ރައީސް މިގުއެލް ދިއާޒް-ކަނެލް ވަނީ ކާސްޓްރޯއާ ދެކޮޅަށް އެމެރިކާއިން ކުރާ ދައުވާތަކަކީ ގާނޫނީ އެއްވެސް އުސޫލަކަށް ފެތޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.




