އެމެރިކާއިން ބޭރު ގައުމުތަކަށް ފޯރުކޮށްދޭ މާލީ އަދި އަސްކަރީ އެހީތައް ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ބޭނުންކުރާނަމަ، އެ އެހީތައް ދިނުން މުރާޖަޢާކުރުމަށް އެމެރިކާގެ ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމު މެންބަރު އަބްދުއްސައްޔިދު ގޮވާލައްވައިފިއެވެ.
މިޝިގަން ސްޓޭޓުން ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓުގައި އިންތިޚާބުވެވަޑައިގަތުމަށްފަހު އެޭބީސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އައްސައްޔިދު ވިދާޅުވީ، އެމެރިކާގެ އެހީ ލިބޭ އެންމެހައި ގައުމުތަކަށްވެސް އެއް މިންގަނޑަކުން އަމަލުކުރަންޖެހޭ ކަމަށެވެ. މިގޮތުން ޕާކިސްތާނާއި، މިޞްރާއި، އުރުދުންގެ އިތުރުން އިސްރާއީލަށް ދޭ އެހީތަކާ މެދުވެސް ވިސްނަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ އެމެރިކާގެ ފައިސާ ބޭނުންކޮށްގެން ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފުވާ ގައުމުތަކަށް އެހީ ދިނުން ހުއްޓުވުމަކީ އިސްކަންދޭންޖެހޭ މުހިންމު ކަމެއް ކަމަށެވެ. މީގެ އިތުރުން، އިސްރާއީލަށް އަހަރަކު ދެމުންދާ 4 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ މިއަހަރުގެ ނިޔަލަށް ހުއްޓާލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާއިން ނިންމާފައިވާ ނިންމެވުމަށް އައްސައްޔިދު ވަނީ ތާއީދުކުރައްވާފައެވެ. އެމެރިކާއިން ފޯރުކޮށްދޭ ބައެއް ހަތިޔާރުތައް އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގައި ބޭނުންކުރަމުންދާ ކަމަށް ވިދާޅުވެ، އެފަދަ ހަތިޔާރު ވިއްކުން ހުއްޓާލަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އައްސައްޔިދު ޕާކިސްތާނަށް ދޭ އެހީއާ މެދު ކުރެއްވި ސުވާލުތަކަކީ ނިއުދިއްލީން ދިގު މުއްދަތެއް ވަންދެން ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައަކާ ގުޅިފައިވާ ކަމެކެވެ. ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ޕާކިސްތާނަށް ދޭ ފައިސާ އަސްކަރީ ކަންކަމަށާއި ހަރުކަށި ހަރަކާތްތަކަށް ބޭނުންކޮށްފާނެ ކަމަށް އަބަދުވެސް އިންޑިއާއިން ބުނެއެވެ. މިގޮތުން، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ޕާކިސްތާނަށް ދޫކުރި 1 ބިލިއަން ޑޮލަރުގެ އެހީއާ ދެކޮޅަށް އިންޑިއާއިން ވަނީ ވޯޓުދީފައެވެ.
އެމެރިކާގެ ޚާރިޖީ އެހީތަކާއި އަސްކަރީ ގުޅުންތަކާމެދު ވޮޝިންގޓަންގައި ބަހުސްތައް ހޫނުވެފައިވާ މި ދަނޑިވަޅުގައި، އައްްސައްޔިދު ހުށަހެޅުއްވި ޚިޔާލުތަކުގެ ސަބަބުން ދެކުނު އޭޝިއާގެ ޖިއޯޕޮލިޓިކަލް މައިދާން ގައި ބަހުސްތައް އުފެދުިފައި ވެއެވެ.




