އީރާނަށް އަލުން ހަމަލާދިނުމަށް އެދި ނަތަންޔާހޫ ކޮންމެ ދުވަހަކު ޓްރަމްޕަށް ފޯނުން ކުރޭ 

އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތައް އަލުން ފެށުމަށް އެދި ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކޮންމެ ދުވަހަކު ފޯނުން ގުޅައި ފިއްތަމުންދާ ކަން ހާމަވެއްޖެއެވެ.

ފައިނޭންޝަލް ޓައިމްސްއިން އާންމުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، އީރާނާ ދެކޮޅަށް އަލުން ހަނގުރާމައެއް ފެށުމަށް ނަތަންޔާހޫ ކުރައްވަމުންދާ މަސައްކަތްތަކާ ގުޅިގެން ވައިޓް ހައުސްގެ އެތެރޭގައާއި ބޭރުގެ ޑިޕްލޮމެޓުންގެ މެދުގައި ވަނީ ބޮޑެތި ޚިޔާލު ޚިލާފު ވުންތަކެއް އުފެދިފައެވެ. ސަރަހައްދީ ހަމަޖެހުން ދެމެހެއްޓެވުމަށް އެދޭ އިދާރާތަކުން ދަނީ އަސްކަރީ ހަރަކާތްތައް އަލުން ފެށުމަށް ފިއްތާ ޔަހޫދީ ފިއްތުންތަކާ ދެކޮޅަށް މަސައްކަތް ކުރަމުންނެވެ.

މި މައުލޫމާތު އެނގޭ މަސްދަރަކާ ހަވާލާދީ ފައިނޭންޝަލް ޓައިމްސްގެ ރިޕޯޓުގައި ބުނެފައިވަނީ، ހަނގުރާމަ އަލުން ފެށުމަށް އެދި ނަތަންޔާހޫ ކޮންމެ ދުވަހަކުވެސް ޓްރަމްޕަށް ގުޅާ ކަމަށެވެ. އަދި ވައިޓް ހައުސްގެ އެތެރޭގައާއި ބޭރުގައި ހަނގުރާމައާ ދެކޮޅަށް ތިއްބެވި ފަރާތްތަކުން ދަނީ އެ މަސައްކަތްތައް ހުއްޓުވުމަށް ނުފޫޒު ފޯރުވަމުންނެވެ.

މިކަމުގެ ތެރޭގައި، މެދުއިރުމަތީގެ ލީޑަރުން ވަނީ ވޮޝިންގޓަނުން އަސްކަރީ ފިޔަވަޅުތައް ވަރުގަދަކުރުމާ ދެކޮޅަށް ޑިޕްލޮމެޓިކް މަސައްކަތްތައް ފުޅާކުރައްވާފައެވެ.

ޤަޠަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލްޘާނީ އާއި ސަރަހައްދީ އިސް ވެރިން ވަނީ މަސްރަހު ހަމައަކަށް އަޅުވައި، ދާއިމީ ހައްލެއް ހޯދުމަށް މަޝްވަރާކުރައްވާފައެވެ.

އިސް ޑިޕްލޮމެޓުންނާއެކު ބޭއްވެވި ބައްދަލުވުންތަކަށްފަހު، ރައީސް ޓްރަމްޕް މީސް މީޑިއާގައި ވިދާޅުވެފައިވަނީ އީރާނަށް އައު ހަމަލާ ތަކެއް ދިނުމަކީ އޮތް ކަމެއް ނޫން ކަމަށެވެ. އަސްކަރީ ހަމަލާތަކެއް ދިނުމުގެ ބަދަލުގައި، އީރާނާ ދެކޮޅަށް ވަރުގަދަ އިޤްތިޞާދީ ފިއްތުންތަކާއި ކަނޑުމަގުން ހިފަހައްޓާފައިވާ ހިފެހެއްޓުންތައް ދެމެހެއްޓެވުމުގެ ސްޓްރެޓެޖީ އަށް އިސްކަންދެއްވާނެ ކަމަށް ޓްރަމްޕް އިޝާރާތްކުރެއްވިއެވެ.

ނަމަވެސް، ނަތަންޔާހޫގެ ފިއްތުންތަކާ ގުޅިގެން ޢަރަބި އަދި މުސްލިމް ގައުމުތަކުގެ ލީޑަރުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ.

ސުޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒާއިދު އަލްނަހްޔާން، ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީ އަދި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އަރްދޮޣާން ވަނީ އަސްކަރީ ފިޔަވަޅުތަކުން އެކަހެރިވުމަށް އެދި ވޮޝިންގޓަނަށް ސީދާ މެސެޖުތައް ފޮނުއްވާފައެވެ.

އަނެއްކޮޅުން، އީރާނުގެ ސިފައިންގެ އިސް ވެރިންނާއި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން ވަނީ އެމެރިކާ ނުވަތަ އިސްރާއީލުން އިސްވެދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދު ހަމަލާ އެއް ދޭނެ ކަމުގެ އިންޒާރު ދއްވާފައެވެ. މީގެ ތެރޭގައި ސަރަހައްދީ ޑިޖިޓަލް ވަސީލަތްތަކާއި ކަނޑުއަޑީގެ ކޭބަލްތަކަށް އަމާޒުކޮށް ހަމަލާދިނުން ހިމެނޭކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

ހިއްސާ ކުރައްވާ!