ޙަސީނާ އަނބުރާ ގައުމަށް ވަޑައިގަތުމަށް އާ ޕާސްޕޯޓަކަށް އެދިވަޑައިގެންފި

ބަންގްލަދޭޝްގައި ހިންގި އިހުތިޖާޖުތަކަށްފަހު ވެރިކަމުން ވައްޓާލި ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާ، އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އެނބުރި ގައުމަށް ވަޑައިގަތުމަށްޓަކައި އާ ޕާސްޕޯޓާއި ގައުމީ އައިޑީ ކާޑު ހޯއްދެވުމަށް އެދިވަޑައިގެންފިއެވެ.

ލަންޑަންގެ މެޓްރިކްސް ޗެމްބަރސްގެ ވަކީލުން މެދުވެރިކުރައްވައި، ނިއުދިއްލީގައި ހުންނަ ބަންގްލަދޭޝްގެ އެމްބަސީއަށް ފޮނުއްވި ސިޓީއެއްގައި ޙަސީނާގެ ވަކީލުން ވަނީ، ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން އޭނާގެ ޕާސްޕޯޓާއި އައިޑީ ކާޑު ބާތިލުކޮށްފައިވާތީ، ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާ ބެހޭ މުއާހަދާތަކުގެ ދަށުން އޭނާއަށް އާ ލިޔެކިޔުންތައް އަވަސް މުއްދަތެއްގެ ތެރޭގައި ދޫކޮށް ދިނުމަށް އެދިވަޑައިގެންފައެވެ. ޙަސީނާ ވަނީ އަނބުރާ ގައުމަށް ވަޑައިގެން ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.

ނަމަވެސް، ބަންގްލަދޭޝްގެ ޚާރިޖީ ކަންކަމާ ބެހޭ ސްޓޭޓް މިނިސްޓަރު ޙުމާޔޫން ކަބީރު ވަނީ ޙަސީނާއަށް އާ ޕާސްޕޯޓެއް ދޫކުރުމަށް ދެކޮޅުހައްދަވާފައެވެ. ކަބީރު ވިދާޅުވީ ޙަސީނާއަކީ ފިއްލަވައިގެން އުޅުއްވާ ކުށްވެރިއެއް ކަމަށާއި، އޭނާ އަނބުރާ ގައުމަށް ގެންނަންޖެހޭނީ އިންޑިއާއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން ކަމަށެވެ. އަދި ކުށްވެރިން ހައްޔަރުކޮށްގެން ގެނައުމަށް ޕާސްޕޯޓެއް ބޭނުންނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

2024 ވަނަ އަހަރުގެ އޮގަސްޓު މަހު ހިންގި ދަރިވަރުންގެ އިހުތިޖާޖުތަކަށްފަހު ޙަސީނާގެ 20 އަހަރުވީ ވެރިކަން ވެއްޓި، އޭނާ އިންޑިއާއަށް ފިއްލެވިފަހުން، ބަންގްލަދޭޝްގެ އިންޓަރނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލުން ވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޭނާގެ ޣައިރު ޙާޒިރުގައި މަރުގެ ޙުކުމް އިއްވާފައެވެ. މިއީ އިހުތިޖާޖުތަކުގެ ތެރޭގައި ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ހިންގާފައިވާ ކަމަށް ބުނެ އިއްވި ޙުކުމެކެވެ. ޙަސީނާ ދަނީ މި ތުހުމަތުތަކަށް އިންކާރުކުރައްވަމުންނެވެ.

ޙަސީނާ އިންޑިއާގައި ހުންނެވުމަކީ ނިއުދިއްލީއާއި ޑާކާއާ ދެމެދު އޮތް ގުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ދެގައުމުގެ ސިޔާސީ މަސްރަހު ނުތަނަވަސްވި މުހިންމު ސަބަބެކެވެ. ބަންގްލަދޭޝްގެ ސަރުކާރުން އޭނާ ހަވާލުކުރުމަށް ތަކުރާރުކޮށް އެދެމުންދާއިރު، އިންޑިއާއިން ބުނެފައިވަނީ އެ ހުށަހެޅުންތައް ދިރާސާކުރަމުންދާ ކަމަށެވެ.

ޙަސީނާ އަނބުރާ ގައުމަށް ވަޑައިގެންފިނަމަ، ބަންގްލަދޭޝްގެ ދާޚިލީ ސިޔާސީ މަސްރަހު އިތުރަށް ހޫނުވެ، އޭނާއަށް ތާއީދުކުރާ ފަރާތްތަކާއި ދެކޮޅު ފަރާތްތަކުގެ މެދުގައި ހަމަނުޖެހުން އުފެދިގެންދާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!