ޖާސޫސްކުރި ކަމުގެ ތުހުމަތުގައި ޗައިނާގެ ކުރީގެ ދެ ސިފައިން ހައްޔަރުކޮށްފި

ދެކުނު ކޮރިއާގެ އަސްކަރީ މައުލޫމާތުތަކާއި އެމެރިކާގެ އަސްކަރީ ހަރަކާތްތަކާ ބެހޭ ސިއްރު މައުލޫމާތުތައް ހޯދައި ޖާސޫސްކުރި ކަމުގެ ތުހުމަތުގައި ޗައިނާގެ ސިފައިންގެ ތެރޭގައި ކުރިން މަސައްކަތްކޮށްފައިވާ ދެ މީހަކު ދެކުނު ކޮރިއާގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

ހައްޔަރު ކޮށްފައިވާ ފުރަތަމަ މީހާއަކީ އުމުރުން 60 އަހަރުގެ ޗައިނާ ރައްޔިތެކެވެ. އޭނާ ވަނީ ދެކުނު ކޮރެއާއާއި އެމެރިކާގެ ވައިގެ ސިފައިން ބޭނުންކުރާ އެއާބޭސްއެއްގެ ކައިރީގައިވާ ހޮޓަލެއްގައި ހާއްސަ ރޭޑިއޯ ރިސީވަރާއި އެންޓެނާ އަދި ލެޕްޓޮޕް ބޭނުންކޮށްގެން، ޖެޓުތަކުގެ ޕައިލަޓުންނާއި އެއާ ޓްރެފިކް ކޮންޓްރޯލާ ދެމެދު ކުރެވުނު މުއާމަލާތްތައް ވަގަށް އަޑުއަހާފައެވެ.

ދެވަނައަށް ހައްޔަރުކުރި އުމުރުން 40 އަހަރުގެ މީހާ ވަނީ އެމެރިކާގެ އަސްކަރީ ހެޑްކުއާޓަރުގައި މަސައްކަތްކުރާ ދެކުނު ކޮރިއާގެ އަންހެނަކަށް ފައިސާދީގެން، ދެ ގައުމުގެ ގުޅިފައިވާ އަސްކަރީ ތަމްރީނުތަކާއި ހަތިޔާރު އުފުލުމުގެ މައުލޫމާތު ހޯދާފައެވެ.

މި ދެ މީހުންވެސް ވަނީ އެއީ އަމިއްލަ ޝައުގުވެރިކަމާއި ވިޔަފާރީގެ ބޭނުމަށް ކުރި ކަމެއް ކަމަށް ބުނެފައެވެ. ނަމަވެސް ދެކުނު ކޮރިއާގެ ފުލުހުން ދަނީ އެ މީހުންގެ އިލެކްޓްރޯނިކް ވަސީލަތްތައް ފޮރެންސިކް ތަހުލީލުތަކަށް ފޮނުވައި، އެ މައުލޫމާތުތައް ޗައިނާގެ ފަރާތްތަކަށް ފޯރުކޮށްދީފައިވޭތޯ ބެލުމުގެ ތަހުގީގުތައް ފުޅާދާއިރާއެއްގައި ހިންގަމުންނެވެ.

ހިއްސާ ކުރައްވާ!