އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ނޭޕާލުގެ ބޮޑުވަޒީރު ބާލެން ޝާހު ހޯމަ ދުވަހު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ނޭޕާލުގެ ތަރައްޤީއަށް 24,000 ކްރޯރު ނޭޕާލީ ރުޕީސްގެ މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އިންޑިއާއިން އިޢުލާނުކޮށްފިއެވެ. ގާތްގަނޑަކަށް ދޮޅު ގަޑިއިރަށް ދިގުދެމިގެންދިޔަ މި ބައްދަލުވުމުގައި އަވަށްޓެރި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، ޞިއްޙަތާއި، ޓެކްނޮލޮޖީއާއި، ތަޢުލީމާއި، ދަނޑުވެރިކަމުގެ އިތުރުން ސަލާމަތީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ މުހިންމު އަށް އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.
މި މަޝްވަރާތަކަށްފަހު ގުޅިފައިވާ ނޫސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ، ނޭޕާލުގައި ސްޓާޓްއަޕް އިންކިއުބޭޓަރަކާއި، އިނޮވޭޝަން ހަބެއްގެ އިތުރުން އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އައި.އައި.ޓީ) ގެ އޮފްޝޯ ކެމްޕަހެއް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން، ފޮރެންސިކް ދާއިރާއާއި ޓެކްނޮލޮޖީގެ ދާއިރާއިން އިންޑިއާގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ނޭޕާލުގެ ދަރިވަރުންނަށް ދޭ ސްކޮލަރޝިޕްގެ ފުރުޞަތުތައް އިތުރުކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކާބޯތަކެތި އުފެއްދުމާއި ޕްރޮސެސްކުރުމުގެ ސިނާޢަތް ކުރިއެރުވުމަށްޓަކައި ނޭޕާލުގައި އެގްރޯ އިންޑަސްޓްރިއަލް ޕާކުތައް ތަރައްޤީކުރުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.
ދެ ޤައުމުގެ ދެމެދުގައި ސޮއިކުރި 8 އެއްބަސްވުމުގެ ދަށުން، ގުޖުރާތުގެ ގާންދީނަގަރުގައި ހުންނަ ނޭޝަނަލް ފޮރެންސިކް ސައިންސަސް ޔުނިވަރސިޓީއާއި ނޭޕާލް ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާ ގުޅިގެން ފޮރެންސިކް ސައިންސްގެ ދާއިރާއިން ތަޢުލީމާއި ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. ހަމައެއާއެކު، އިންޑިއާގެ ރާޝްޓްރިޔާ ރަކްޝާ ޔުނިވަރސިޓީއާއި ނޭޕާލް ޕޮލިސް އެކަޑަމީ ގުޅިގެން ފުލުހުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ހަރުދަނާކުރުމަށާއި، ނޭޕާލުގެ ސަރުކާރު މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ދެ ޤައުމުގެ އިދާރީ ތަމްރީނުދޭ މަރުކަޒުތަކުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.
މީގެ އިތުރުން، އާޔުރްވޭދާ އަދި ބޭސްވެރިކަމުގެ ޤަދީމީ ނިޒާމުތައް ކުރިއެރުވުމަށާއި، ސައުތު އޭޝިޔާ ސެޓެލައިޓް މެދުވެރިކޮށް ނޭޕާލުގެ މުވާޞަލާތީ ވިއުގަ ވަރުގަދަކުރުމަށް އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އާއި ނޭޕާލުގެ ކޮމިއުނިކޭޝަން މިނިސްޓްރީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ތިމާވެށްޓާ ރައްޓެހި ޒަމާނީ ސިޓީތައް ތަރައްޤީކުރުމަށް ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާކުރުމުގެ އިތުރުން، މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް އެއްބާރުލުން ދިނުމަށް ވެސް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ.
ރަސްމީ މަޝްވަރާތަކަށްފަހު، ބޮޑުވަޒީރު މޯދީއާއި ބާލެން ޝާހު ވަނީ އިންޑިއާގެ އަޔޯދިޔާއާއި ނޭޕާލުގެ ޖަނަކްޕޫރު ދާމް ގުޅުވާލަދޭ އައު ރޭލު ދަތުރުގެ ޚިދުމަތް ގުޅިގެން އިފްތިތާޙު ކޮށްދެއްވާފައެވެ. ޖުމްލަ 604 ކިލޯމީޓަރުގެ ދިގުމިނުގެ މި ރޭލު މަގުން، ހަފުތާއަކު އެއްފަހަރު ދަތުރުތައް ބާއްވާނެއެވެ. އަދި ކޮންމެ ހޮނިހިރު ދުވަހަކު ޖަނަކްޕޫރު ދާމްއިން އަދި ކޮންމެ ހޯމަ ދުވަހަކު އަޔޯދިޔާ ކެންޓޮންމެންޓް އިން ރޭލު ފުރާނެއެވެ.






