ޠާލިބާނާއެކު އިންޑިއާއިން ޑިޕްލޮމެޓިކް އަދި ސަލާމަތީ ގުޅުންތައް ބަދަހިކޮށް، އައު ޞަފުޙާއެއް ހުޅުވައިފި

އަފްޣާނިސްތާނުގައި ވެރިކަން ކުރާ ޠާލިބާން ޖަމާޢަތާއެކު އިންޑިއާއިން އޮތް ޒަމާންވީ ޚިލާފުތައް ފަހަނައަޅައި ގޮސް، ޑިޕްލޮމެޓިކް އަދި ސަލާމަތީ ގުޅުންތައް ބަދަހިކުރުމުގެ މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ. 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު، އދ. ގެ ދަތިކުރުމުގެ ލިސްޓުގައި ހިމެނޭ އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރު އާމިރު ޚާން މުއްތަޤީ ނިއުދިއްލީގެ ޙައިދަރުއާބާދު ހައުސްއަށް ވަޑައިގެންނެވިއިރު، އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވީ އަފްޣާނިސްތާނުގެ ސިޔާދަތާއި، ބިމުގެ އެއްބައިވަންތަކަމާއި މިނިވަންކަމަށް އިންޑިއާއިން ފުރިހަމައަށް އިޙްތިރާމްކުރާ ކަމަށެވެ.

އެ ދަތުރުގެ ތެރެއިން ކާބުލްގައި ހުންނަ އިންޑިއާގެ ޑިޕްލޮމެޓިކް މިޝަން އެމްބަސީއަކަށް ބަދަލުކުރުމަށާއި، މުމްބާއީ އަދި ޙައިދަރުއާބާދުގައި ހުންނަ އަފްޣާނިސްތާނުގެ ދެ ކޮންސިއުލޭޓް ޠާލިބާނުން ޢައްޔަންކުރާ ޑިޕްލޮމެޓުންނާ ޙަވާލުކުރުމުގެ އިތުރުން، އަފްޣާނިސްތާނުގެ ހޮސްޕިޓާތަކަށް 20 އެމްބިއުލާންސް ހަދިޔާކުރުމަށް ވެސް އިންޑިއާއިން ނިންމިއެވެ.

މި ބަދަލަކީ 1996 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޠާލިބާނުން ކާބުލް ހިފުމުގެ އެއް ދުވަސް ކުރިން، އިންޑިއާގެ ޑިޕްލޮމެޓުން އަވަސްއަރުވާލައިގެން ފުރާވަޑައިގެންނެވި ފަހުން ދެގައުމުގެ ގުޅުމަށް އައި ބޮޑު އިންޤިލާބެކެވެ.

ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ އަތްގަދަދަށުގައި އޮންނަ ޖަމާޢަތެއްގެ ގޮތުގައި ޠާލިބާނުންނާ މެދު ދެކެ، 1996 އިން 2001 އަށް އިންޑިއާއިން ވަނީ އީރާނާއި ރަޝިޔާއާ ގުޅިގެން "ނޮދަން އެލަޔަންސް" އަށް ހަތިޔާރާއި ފައިސާ ފޯރުކޮށްދީފައެވެ. އެ ދުވަސްވަރު ކަޝްމީރުގައި ހަނގުރާމަކުރާ "ލަޝްކަރޭ ޠައްޔިބާ" ފަދަ ޖަމާޢަތްތަކަށް އަފްޣާނިސްތާނުގެ ބިން ބޭނުންކުރެވޭ ކަމުގެ ކަންބޮޑުވުމާއި، 1999 ވަނަ އަހަރު އިންޑިއާގެ މަތިންދާބޯޓެއް ހައިޖެކްކޮށް ކަންދަހާރުގައި ޖެއްސި ހާދިސާއިން ދެ ފަރާތުގެ ދެމެދުގައި އޮތް މައްސަލަ އިތުރަށް ބޮޑުވިއެވެ.

2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށްފަހު ޠާލިބާނުންގެ ވެރިކަން ވެއްޓުމުން، 2001 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ޚާރިޖީ ވަޒީރު ޖަސްވަންތު ސިންގް ކާބުލްއަށް ވަޑައިގެން އެމްބަސީގައި އިންޑިއާގެ ދިދަ ނެންގެވިއެވެ. އޭގެ ފަހުން 20 އަހަރު ދުވަހުގެ ތެރޭގައި 3 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އަފްޣާނިސްތާނުގެ އިންފްރާސްޓްރަކްޗަރ އާއި ތަޢުލީމާއި ޞިއްޙަތަށް ޚަރަދުކޮށް، 2016 ވަނަ އަހަރު އީރާނާއި އަފްޣާނިސްތާނާ އެކު ޗާބަހާރު ބަނދަރު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރިއެވެ. ނަމަވެސް، 2008 އިން 2014 އާ ދެމެދު ކާބުލްގެ އެމްބަސީއަށާއި، ޖަލާލްއާބާދު އަދި ހެރާތުގެ ކޮންސިއުލޭޓްތަކަށް ދިން ހަމަލާތަކުގައި އިންޑިއާގެ މަޞްލަޙަތުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ފައިބަން ތައްޔާރުވަމުން ދިޔަ ދަނޑިވަޅުގައި، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު މޮސްކޯގައި ބޭއްވި "މޮސްކޯ ފޯމެޓް" ގައި އިންޑިއާގެ ޚާރިޖީ ސިޔާސަތަށް ބަދަލު އަންނަން ފެށިއެވެ.

ރަޝިޔާއާއި އީރާނުން ޠާލިބާނުންނާ ގުޅުން ބަދަހިކުރަމުން ދިއުމާއި، އަފްޣާނިސްތާނުގެ މަސްރަހު ޕާކިސްތާނާއި ޗައިނާއަށް އެކަނި ހުސްވެގެން ހިނގައިދާނެ ކަމުގެ ބިރަށްޓަކައި، 22 އަހަރު ފަހުން އިންޑިއާގެ މަންދޫބުންނާއި ޠާލިބާނުން އެއް މޭޒެއްގައި ތިއްބެވެ. އަދި 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ޠާލިބާނުން އަލުން ވެރިކަމަށް އައުމަށްފަހު، 2022 ވަނަ އަހަރުގެ ޖޫން މަހު އިންސާނީ އެހީގެ މަސައްކަތްތަކަށް "ޓެކްނިކަލް ޓީމެއް" ކާބުލްއަށް ފޮނުވައި، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ބަޖެޓުގައި އަފްޣާނިސްތާނަށް ދޭ އެހީ 150 ކްރޯރު ރުޕީސް (ގާތްގަނޑަކަށް 18 މިލިއަން ޑޮލަރު) އަށް އިތުރުކުރިއެވެ.

މި ގުޅުމުގެ ފަހަތުގައި އޮތީ ސަލާމަތީ މަޞްލަޙަތުތަކެވެ. އަފްޣާނިސްތާނުގެ ބިން ކަޝްމީރަށް ހަމަލާދޭ ޖަމާޢަތްތަކުން ބޭނުން ނުކުރާނެ ކަމުގެ ޔަގީން ކަން ޠާލިބާނުން ދނުމަކީ ނިއުދިއްލީގެ މުހިންމު ސްޓްރެޓެޖީއެކެވެ. 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ދެ ޤައުމުގެ ބޯޑަރުގައި ކުރިމަތިލުންތައް ހިނގައި، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ އާޞިފް ޠާލިބާން ސަރުކާރާ ދެކޮޅަށް "ހުޅުވާލެވިފައިވާ ހަނގުރާމައެއް" އިޢުލާނުކުރިއިރު، ޕާކިސްތާނުން ދިން ވައިގެ ހަމަލާތައް އިންޑިއާއިން ވަނީ ކުށްވެރިކޮށްފައެވެ.

އަނެއްކޮޅުން، ޗާބަހާރު ބަނދަރަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކާއި ކަނޑުގެ ޙިޞާރެއް 2026 ވަނަ އަހަރުގެ އޭޕްރީލް މަހު އަޅާފައިވުމާއެކު، އެ މަޝްރޫޢަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މުއްތަޤީ ނިއުދިއްލީގައި ވިދާޅުވީ އަފްޣާނިސްތާނުން އިންޑިއާ ދެކެނީ "ގާތް ރަޙްމަތްތެރިއެއް" ގެ ގޮތުގައި ކަމަށާއި، އެއްވެސް ފަރާތަކުން އަފްޣާނިސްތާނުގެ ބިން އެހެން ޤައުމަކާ ދެކޮޅަށް ބޭނުންކުރުމަށް ފުރުޞަތު ނުދޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!