ހަތްދިހަ އަހަރަށްވުރެ ދިގުލައިގޮސްފައިވާ އަދިވެސް ނުނިމި އޮތް ކޮރެއާ ހަނގުރާމަ ރަސްމީކޮށް ނިންމައި، ސުލްހަ ގާއިމުކުރުމުގެ މަޝްވަރާތައް އަލުން ފެށުމަށް ދެކުނު ކޮރެއާގެ ރައީސް އީ ޖޭ-މިއުންގް އުތުރު ކޮރެއާއަށް ގޮވާލައްވައިފިއެވެ.
ކޮރެއާގެ އިސްތިއުމާރީ ބާރުގެ ގޮތުގައި ތިބި ޖަޕާނުގެ އަތްދަށުން މިނިވަންވި ދުވަސް ފާހަގަކުރުމަށް ބޭއްވި 81 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި ރައީސް އީ ވިދާޅުވީ، ދެ ގައުމުގެ މެދުގައި އޮތް ހަސަދަވެރިކަމާއި ނުރައްކާކުރުންތައް ފަހަނައަލައި ގޮސް ސީދާ މަޝްވަރާގެ މޭޒަށް އަންނަންޖެހޭ ކަމަށެވެ. މީގެ އިތުރުން އުތުރު ކޮރެއާގެ ނިއުކްލިއާ ގާބިލުކަން އިތުރުވަމުން ދިއުން ހުއްޓުވުމަށްޓަކައި އަމަލީ ގޮތުން އެޅިދާނެ ފިޔަވަޅުތަކާމެދު ވާހަކައްދެއްކުމުގެ ފުރުސަތު މި މަޝްވަރާތަކުގެ ތެރެއިން ހުޅުވިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ދެ ގައުމަށްވެސް ސުލްހަވެރިކަމާއެކު އެކީގައި އުޅެވޭނެ އަދި އިގްތިސާދީގޮތުން ކުރިއަރައިދެވޭނެ މަގުތައް ހޯދުމަށްޓަކައި، އިސްނަގައިގެން މަޝްވަރާކުރާ މައިގަނޑު ދެ ގައުމުގެ ގޮތުގައި ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް އަޅުގަނޑު ގޮވާލަން،" ދެކުނު ކޮރެއާގެ ރައީސް ވިދާޅުވިއެވެ.
1950 އިން 1953 އަށް ކުރިއަށްދިޔަ ކޮރެއާ ހަނގުރާމަ ހުއްޓިފައި ވަނީ ސުލްހައިގެ އެއްބަސްވުމަކުން ނޫނެވެ. އޭގެ ބަދަލުގައި ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމެއް އުފެއްދި ނަމަވެސް، ގާނޫނީ ގޮތުން ބަލާއިރު ދެ ކޮރެއާ އަދިވެސް އޮތީ ހަނގުރާމައިގެ ހާލަތެއްގައެވެ.
ކުރީގެ ރައީސް ޔޫން ސުކް-ޔޯލް މާޝަލްލޯ އިއުލާންކުރަން އުޅުމުގެ ތެރޭގައި މަގާމުން ދުރުކުރުމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް އީ، ދަނީ އުތުރު ކޮރެއާއާއި އެ ގައުމުގެ ބަދަހި އެކުވެރިޔާ ޗައިނާއާއެކު އޮތް ގުޅުން ރަނގަޅުކުރުމަށް ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވަމުންނެވެ. އެގޮތުން، މި އަހަރުގެ އެޕްރީލް މަހު ދެކުނު ކޮރެއާގެ އަންމޭންޑް ޑްރޯންތަކެއް އުތުރު ކޮރެއާގެ ސަރަހައްދަށް ވަން މައްސަލައިގައި ދެކުނު ކޮރެއާގެ ސަރުކާރުން ވަނީ އުތުރު ކޮރެއާގެ ކިބައިން ރަސްމީކޮށް މާފަށްވެސް އެދިފައެވެ.
ދެކުނު ކޮރެއާގެ މި ހުށަހެޅުމާ ގުޅިގެން އުތުރު ކޮރެއާއިން އަދި ރަސްމީކޮށް ޖަވާބެއް ދީފައެއް ނުވެއެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން މިއަހަރުގެ މާޗް މަހު ދެއްވި ޚިތާބުގައި ދެކުނު ކޮރެއާއަކީ އެގައުމުގެ "އެންމެ ދުޝްމަން ގައުމު" ކަމަށް ސިފަކުރައްވައި، ސޯލްއާއެކު އޮންނަ ސިޔާސީ އަދި ޚާރިޖީ ގުޅުންތައް މުޅިން ކަނޑާލާނެ ކަމަށް ވަނީ އިންޒާރު ދެއްވާފައެވެ.




