ޕާކިސްތާނުން އުތުރު ކޮރެއާއަށް ނާދިރު ތަހުނިޔާއެއް

ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީ، އުތުރު ކޮރެއާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޒައީމް ކިމް ޖޮންގް އުން އަށް ޚާއްސަ ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. އުތުރު ކޮރެއާ އުފެދުނު ދުވަސް ފާހަގަކުރާ 78 ވަނަ އަހަރީ ދުވަހާ ގުޅިގެން ފޮނުއްވި މި މެސެޖަކީ ނާދިރު އަދި އާދަޔާ ޚިލާފު ފިޔަވަޅެއްގެ ގޮތުގައި ޕާކިސްތާން މީޑިއާއިން ފާހަގަކުރެއެވެ.

ރައީސް ޒަރުދާރީ ފޮނުއްވި މެސެޖުފުޅުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ޕާކިސްތާނާއި އުތުރު ކޮރެއާއާ ދެމެދު އޮތް ގުޅުމަކީ އިތުބާރާއި ހެޔޮ އެދުންތަކުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ މަސްލަޙަތަށްޓަކައި މި ދޭދޭ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ވެސް މި މުނާސަބަތުގައި ވަނީ އުތުރު ކޮރެއާގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުވާފެވެ.

މިއީ ހުޅަނގުގެ ޤައުމުތަކާއި ޚާއްސަކޮށް އެމެރިކާއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ޕާކިސްތާނަކުން، ބައިނަލްއަޤްވާމީ ގޮތުން އެކަހެރިކުރެވިފައިވާ އުތުރު ކޮރެއާއާ މެދު މިފަދަ ފާޅުކަން ބޮޑު ގޮތެއްގައި މުއާމަލާތްކުރި މަދު ފަހަރުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފަހަރެކެވެ.

ހިއްސާ ކުރައްވާ!