ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގެ ވެރިރަށް ކުއެޓާއާއި އެ ޕްރޮވިންސްގެ ގިނަ ޑިސްޓްރިކްޓްތަކުގައި އަމަންއަމާންކަން ގެއްލިފައިވުމާއި، ތަކެތީގެ އަގު އުފުލުމާއި، ވަޒީފާ ނެތުމުގެ މައްސަލައިގެ އިތުރުން، ދިގު މުއްދަތަކަށް ކަރަންޓާއި ގޭސް ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކާ ދެކޮޅަށް އޯލް ޕާޓީޒް އެލަޔަންސްއިން ގޮވާލި ގޮވާލުމަކަށް ހަޅުތާލުކޮށް ވިޔަފާރިތައް ބަންދުކޮށްފިއެވެ.
މި ހަޅުތާލާ ގުޅިގެން ބަލޫޗިސްތާނުގެ އެކި ސަރަޙައްދުތަކުގެ ބާޒާރުތަކާއި، ފިހާރަތަކުގެ އިތުރުން ވިޔަފާރި މަރުކަޒުތައް މުޅި ދުވަހު ހުރީ ބަންދުކޮށްފައެވެ. ޚާއްސަކޮށް ކުއެޓާގެ މައިގަނޑު ވިޔަފާރި ސަރަޙައްދުތައް ކަމަށްވާ ޖިނާޙް ރޯޑް، ޤަންދަހާރީ ބާޒާރު، ސޫރަޖް ގަންޖް ބާޒާރު، މަސްޖިދު ރޯޑް، ލިޔާޤަތު ބާޒާރު، ޢަބްދުއްސައްތާރު ރޯޑް، ޕްރިންސް ރޯޑް، މެކަންގީ ރޯޑް، މިޝަން ރޯޑް، އަލަމްދާރު ރޯޑް އަދި ތޯގީ ރޯޑްގެ ހުރިހާ ފިހާރަތަކެއް ވަނީ ބަންދުކޮށްފައެވެ.
އޯލް ޕާޓީޒް އެލަޔަންސްއިން މި ހަޅުތާލަށް ގޮވާލާފައިވަނީ ޕްރޮވިންސްގެ އަމާންކަން ނެތުމާއި ޤުދުރަތީ ވަސީލަތްތަކާއި މަޢުދަންތަކާ ގުޅޭ މައްސަލަތަކުގެ އިތުރުން، ވިޔަފާރީގެ މަގުތައް ބަންދުކުރުމާ ދެކޮޅަށެވެ. ހަމައެއާއެކު، ބޮޑެތި މަގުތަކުގައި ހަތިޔާރުއެޅި ޖަމާޢަތްތަކުގެ ހަރަކާތްތައް އިތުރުވެ، ވިޔަފާރިވެރިންގެ މުދާ އުފުލާ އުޅަނދުތަކުގައި އަލިފާން ރޯކުރުމުގެ ހާދިސާތައް ހިނގަމުންދާތީ އެކަމާ މެދު މުޒާހަރާކުރާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެއިތުރުން، ސިޔާސީ ލީޑަރުންނާއި މަސައްކަތްތެރިންނާ ދެކޮޅަށް ޑިމޮކްރަސީއާ ޚިލާފް ފިޔަވަޅުތައް އަޅައި މީހުން ނިޒާމުން ގެއްލުވާލުމާއި ހައްޔަރުކުރަމުންދާ ކަމަށް ބުނެ، އެކަމާ ދެކޮޅަށްވެސް ހަޅުތާލުގައި އަޑުއުފުލާފައިވެއެވެ.
ހަޅުތާލު ކުރިއަށްދިޔަ ވަގުތު ކުއެޓާގެ އަމަންއަމާންކަން ބެލެހެއްޓުމަށް ފުލުހުން ވަނީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ހަތިޔާރުއެޅި ފުލުހުން އެ ޕްރޮވިންސްގެ އެކި ސަރަޙައްދުތަކުގައި ޕެޓްރޯލް ކުރަމުން ދިޔައިރު، ބޮޑެތި ބާޒާރުތަކާއި ވިޔަފާރި މަރުކަޒުތައް ހުންނަ ސަރަޙައްދުތަކުގައި އިތުރު ފުލުހުން ވަނީ ރުކުރުވާލާފައެވެ.
މި ހަޅުތާލުގެ ތެރެއިން، އޯލް ޕާޓީޒް އެލަޔަންސްގެ އިސްވެރިންނާއި ވިޔަފާރިވެރިންގެ ޖަމުޢިއްޔާތަކުން ކުއެޓާގެ އެކި ހިސާބުތަކުން ހިނގާލުންތައް ބާއްވައި، މަނާން ޗޯކަށް އެއްވެ މުޒާހަރާއެއް ކޮށްފައިވެއެވެ. މި އެއްވުމުގައި ޖޭ.ޔޫ.އައި-އެފް ކުއެޓާގެ ވެރިޔާ މައުލާނާ ޢަބްދުއްރަޙްމާން ރަފީޤް، ބަލޫޗިސްތާން ނޭޝަނަލް ޕާޓީގެ މޫސާ ބަލޫޗް، ނޭޝަނަލް ޕާޓީގެ ޢަލީ އަޙްމަދު ލަންގޯވް، ޕީ.ކޭ.އެމް.އޭ.ޕީ ގެ އަޙްމަދު ޖާން އަދި ވިޔަފާރިވެރިންގެ ޖަމުޢިއްޔާގެ ރައީސް ޢަބްދުއްރަޙީމް ކާކަރު ވާހަކަދެއްކެވިއެވެ.
މުޒާހަރާގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަދެއްކެވި ލީޑަރުން ވިދާޅުވީ، ކަރަންޓާއި ގޭސް ފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރު ނާކާމިޔާބުވެފައިވާ ކަމަށެވެ. އޭގެ ސަބަބުން ތަފާތު އެކި ދާއިރާތަކުގެ ރައްޔިތުންނަށް މަގުތަކަށް ނުކުންނަން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކާއި ވިޔަފާރިވެރިންގެ ޖަމުޢިއްޔާތައް ގުޅިގެން މި މަސައްކަތް ފެށީ، އިތުރުވަމުންދާ ނާމާންކަމާއި، އިންފްލޭޝަނާއި، ވަޒީފާ ނެތުމުގެ މައްސަލައިގެ އިތުރުން ރައްޔިތުންގެ ޝަކުވާތަކަށް ޙައްލެއް ހޯދައިދިނުމުގައި ސަރުކާރު ފެއިލްވެފައިވާ މިންވަރު ސަމާލުކަމަށް ގެނައުމަށް ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.




