އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދުނިޔެއިން ބޭރުކޮށްލުމަށް ރޭވި ރޭވުމެއްގައި ބައިވެރިވުމުގެ ކުށް ސާބިތުވެ، ޕާކިސްތާނުގެ ރައްޔިތަކު 330 މަހަށް ނުވަތަ 27 އަހަރާއި ބައިގެ މުއްދަތަކަށް ޖަލަށްލުމަށް އެމެރިކާގެ ފެޑެރަލް ކޯޓަކުން ޙުކުމްކޮށްފެއެވެ.
ނިއުޔޯކްގެ ބްރޫކްލިންގައި ހުންނާ ފެޑަރަލް ކޯޓުގެ ޤާޟީ އެރިކް އާރް. ކޮމިޓީ މި ޙުކުމް އިއްވާފައިވަނީ އުމުރުން 48 އަހަރުގެ އާޞިފް މަރްޗަންްގެ މައްޗަށެވެ. އެއީ ބައިނަލްއަޤުވާމީ ޓެރަރިޒްމުގެ ޢަމަލު ހިންގަން އުޅުމާއި ފައިސާއަށް މީހަކު މެރުމަށް ރޭވި ރޭވުމުގެ ކުށް ސާބިތުކުރުމާ ގުޅިގެންނެވެ.
ކޯޓުގައި ހާމަކޮށްފައިވާ ގޮތުގައި، 2022 ވަނަ އަހަރު އީރާނަށް ކުރި ދަތުރުުތަކެއްގެ ތެރޭގައި އީރާނުގެ އޮފިޝަލުން ވަނީ އާޞިފް މަރްޗަންް ރެކްރޫޓްކޮށް، ތަމްރީން ދީފައެވެ. އަދި 2024 ވަނަ އަހަރުގެ އޭޕްރީލް މަހު އެމެރިކާއަށް ފޮނުވާލި މި މީހާގެ މައިގަނޑު މަޤުޞަދަކީ 2020 ވަނަ އަހަރު ބަޣުދާދުގައި ދިން ވައިގެ ޙަމަލާއެއްގައި އީރާނުގެ ކޮމާންޑަރ ޤާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގެ ބަދަލުހިފުން ކަމަށް ތަޙުޤީޤުން ދައްކައެވެ.
މަރްޗަންް ވަނީ ޓްރަމްޕްގެ އިތުރުން އެ ދުވަސްވަރުގެ ރައީސް ޖޯ ބައިޑެންއާއި އދ. ގައި ހުންނާ ކުރީގެ ސަފީރު ނިކީ ހޭލީ އަށް ވެސް އަމާޒުކޮށް ހަމަލާދޭން އުޅުނުކަމަށް ކޯޓުގައި އެއްބަސްވެފައެވެ.
އެމެރިކާއަށް އައުމަށްފަހު މަރްޗަންް ވަނީ ޤާތިލުންތަކެއް ހޯދުމަށް މަސައްކަތުކޮށްފައެވެ. ނަމަވެސް، އޭނާ އެކަމަށް އެދުނު ފަރާތުން ލަސްތަކެއް ނުކޮށް ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފް.ބީ.އައި) އަށް އެކަން ރިޕޯޓުކުރުމާ ގުޅިގެން، ސިއްރު އޮފިޝަލުން ވަނީ ޤާތިލުންގެ ގޮތުގައި ހަރަކާތްތެރިވެ މަރްޗަންް އަތުލައިގެންފައެވެ. 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު ޓެކްސަސް އިން ފުރައިގެން ދާން އުޅެނުކޮށް އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން އެމެރިކާގެ ޕްރޮސެކިއުޓަރުން ވިދާޅުވީ، ޤައުމުގެ އިސް ވެރިންނަށް އަމާޒުކޮށް ބޭރު ޤައުމަކުން ހިންގާ މިފަދަ ޢަމަލުތަކަށް އެމެރިކާގެ ސަރުކާރުން އެއްވެސް ވަރަކަށް ތަޙައްމުލެއް ނުކުރާނެ ކަމަށެވެ.







