އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރިއަށްދާ އަހަރީ "ލަންޑަން ހަލާލް ފޯރަމް" ގެ ދެވަނަ ދުވަހުގެ ހަރަކާތްތައް ފަލަސްތީނުގެ ސަގާފީ އަދި އަސްލު ކާތަކެތި ހިމެނޭ ޚާއްސަ ސައިފޮދަކުން ފަށައި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖެނޮސައިޑް ލާއިންސާނީ އަމަލުތަކާއި އިގްތިސާދީ ހަނގުރާމައަށް އަލިއަޅުވާލައިފިއެވެ.
ލަންޑަންގެ ކުއީން އެލިޒަބެތު 2 ސެންޓަރުގައި "ހަލާލް ޠައްޔިބު ފޯ ހިއުމެނިޓީ" ގެ ތީމުގެ ދަށުން ކުރިއަށްދާ މި ފޯރަމަކީ އިސްލާމިކް ޗެމްބަރ އޮފް ކޮމާސް އެންޑް ޑިވެލޮޕްމަންޓް (އައި.ސީ.ސީ.ޑީ) އާއި ހަލާލް ޕްރޮޑަކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީ (އެޗް.ޕީ.ޑީ.ސީ) ގުޅިގެން "ހަލާލް360″ އިން އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގައި ވިޔަފާރިވެރިންނާއި، އިންވެސްޓަރުންނާއި، ދާއިރާގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ފޯރަމްގެ ސައިފޮދުގެ ތެރެއިން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިބްނު ހަލްދޫން ޔުނިވަސިޓީގެ ބޯޑު އޮފް ޓްރަސްޓީސްގެ ޑެޕިއުޓީ ޗެއާމަން ބިލާލް އުރުދުޣާން ވިދާޅުވީ، ޖެނޮސައޮޑް ހަމަލަތައް ހުއްޓާލުމުގެ ވާހަކަތައް ދެއްކި ނަމަވެސް ޣައްޒާގައި ކޮންމެ ދުވަހަކުވެސް ނަސްލުނައްތާލުމުގެ އަމަލުތަކާއި ހަމަލާތައް ޔަހޫދީން ހިނގަމުންދާ ކަމަށެވެ. އަދި މިކަންކަން ކުރަނީ ހަމައެކަނި ޣައްޒާގައެއް ނޫން ކަމަށާއި، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރިއާއި ގުދުސްގެ ހާލަތުވެސް ދުވަހުން ދުވަހަށް ގޯސްވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބިލާލް އުރުދުޣާން އިތުރަށް ވިދާޅުވީ، ފަލަސްތީނުގެ މައްސަލައަކީ ވަކި ސިޔާސީ ފިކުރަކަށް އޮތް ކަމެއް ނޫން ކަމަށާއި، ފަލަސްތީނުގެ އުފެއްދުންތެރިންނާއި އިންވެސްޓަރުންގެ ގާބިލުކަން އިތުރުކުރުމަށް ސްޓްރެޓެޖީއެއްގެ ދަށުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ޣައްޒާއާއި ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ކާބޯތަކެތީގެ ދާއިރާއިން ފެށިގެން ޓެކްނޮލޮޖީއާއި ސިއްހީ ދާއިރާ ފަދަ މުހިންމު ދާއިރާތަކުން އިންވެސްޓްމަންޓްތައް ފުޅާކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހަރަކާތުގައި އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ފަލަސްތީނުގެ ސަފީރު ހުސާމް ޒަލްމުތު ވެސް ވާހަކަފުޅު ދެއްކެވިއެވެ. ސަފީރު ވިދާޅުވީ ޣައްޒާގައި ނަސްލުނައްތާލުމުގެ އަމަލުތައް ކުރިއަށްދާއިރު، ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ މަސައްކަތްތަކެއް ހިންގަމުންދާ ކަމަށެވެ. ޚާއްސަކޮށް އިސްރާއީލުގެ ވަޒަންވެރިން، ފަލަސްތީނު ރައްޔިތުންގެ ޒައިތޫނި އުފެއްދުންތަކަށް އަމާޒުކޮށް ހަމަލާ ދެމުންދާކަން ފާހަގަކުރައްވައި، އިސްރާއީލުން ދަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިގްތިސާދީ ހަނގުރާމައެއްވެސް ކުރަމުން ކަމަށް ސަފީރު ވިދާޅުވިއެވެ.
މި ފޯރަމްގެ ތެރެއިން ފަލަސްތީނުގެ ތާރީޚާއި، ސަގާފަތް އަދި އިޖުތިމާއީ ހާލަތު ދައްކުވައިދޭ "ޕެލެސްޓީނިއަން މިއުޒިއަމް" އާ ގުޅޭ ވީޑިއޯއެއްވެސް ވަނީ ދައްކާފައެވެ. މި ހަރަކާތުގައި ތުރުކީވިލާތުން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުސްމާން ކޮރާއި އެރްތާސްގެއިތުރުން އިސްލާމީ ދުނިޔޭގެ މާލީ އަދި ވިޔަފާރި ދާއިރާގެ އިސް ޑިޕްލޮމެޓުންނާއި ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފޯރަމަކީ ހަމައެކަނި ހަލާލް ސެޓިފިކެޓް ދިނުމާއި ކާބޯތަކެތީގެ ދާއިރާއަށް އެކަނި ބެލުމުގެ ބަދަލުގައި، ހަލާލް އިގްތިސާދު އިންވެސްޓްމަންޓާއި، ފަތުރުވެރިކަމާއި، ޓެކްނޮލޮޖީ އަދި ބައިނަލްއަގުވާމީ ވިޔަފާރީގެ ދާއިރާއަށް ފުޅާކުރުމަށް މަޝްވަރާކުރުމަށް ބާއްވާ ފޯރަމެކެވެ.

