ނަތަންޔާހޫ މަސައްކަތް ކުރަނީ އެމެރިކާގެ ފައިސާއާއި ލެއިން އަމިއްލަ ނަފުސު ސަލާމަތް ކުރަން: އިރާނުގެ ޚާރިޖީ ވަޒީރު

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަސައްކަތް ކުރަނީ އެމެރިކާގެ ރައްޔިތުންގެ ފައިސާއާއި ލެއިން އޭނާގެ އަމިއްލަ ނަފުސު ގާނޫނީ ފިޔަވަޅުތަކުން ސަލާމަތް ކުރުމަށް ކަމަށް އިރާނުގެ ޚާރިޖީ ވަޒީރު عباس عراقجي ތުހުމަތު ކުރައްވައިފިއެވެ.

އިރާނުގެ އިސް ޑިޕްލޮމެޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ނަތަންޔާހޫގެ އަތް ވަނީ އަރަބިންނާއި، އެމެރިކާ މީހުންގެ އިތުރުން އިރާނުގެ ރައްޔިތުންގެ ލެއިން ތަޣައްޔަރުވެފައި ކަމަށެވެ. އަދި އޭނާއަކީ އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރަންޖެހޭ "ހަނގުރާމައިގެ ކުށްވެރިއެއް" ކަމަށް އަރާގްޗީ ސިފަކުރެއްވިއެވެ.

އަރާގްޗީ އިތުރަށް ވިދާޅުވީ، ނަތަންޔާހޫ ހިންގާ ޖަރީމާތަކާއި ކަންކަމުގެ ސަބަބުން ލިބޭ ގެއްލުންތަކާއި ޖަވާބުދާރީވުމުން ރެކުމަށްޓަކައި، އަމިއްލަ ގައުމުގެ ރައްޔިތުންގެ މަސްލަހަތަށްވެސް އެއްވެސް ވަރަކަށް ބެލުމެއްނެތި ސިޔާސީ ގޮތުން ނުރައްކާތެރި އަމަލުތައް ހިންގަމުންދާ ކަމަށެވެ. އެގޮތުން އޭނާ ނަތަންޔާހޫ ސިފަކުރެއްވީ، އަމިއްލަ ނަފުސު ސަލާމަތްކުރުމަށްޓަކައި އެހެން މީހުން ގުރުބާންކުރަން ތައްޔާރަށް ހުރި "ނުރައްކާތެރި ކެސިނޯ ކުޅުންތެރިއެއްގެ" ގޮތުގައެވެ.

މެދުއިރުމަތީގެ މަސްރަހު ގެ ހަލަބޮލިކަމާއެކު ވެސް އިރާނުން ދަނީ އިސްރާއީލުން ހިންގަމުންދާ އަސްކަރީ ހަރަކާތްތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މައިދާން ގައި އަޑުއުފުލަމުންނެވެ. ޚާއްސަކޮށް ޣައްޒާ އާއި ހުޅަނގު އައްސޭރި އަދި ސަރަހައްދީ ގައުމުތަކުގައި އިސްރާއީލުގެ ސިފައިން ހިންގަމުންދާ އަނިޔާވެރި ހަރަކާތްތަކުގެ ފަހަތުގައިވަނީ އެމެރިކާގެ ސިޔާސީ އަދި މާލީ މަދަދާއި ސްޓްރެޓެޖީ ކަމަށް އިރާނުން ދަނީ ތުހުމަތުކުރަމުންނެވެ.

ހިއްސާ ކުރައްވާ!