އިސްރާއީލުގެ އުސޫލީ ޔަހޫދީންގެ އެންމެ އިސް އެއް ފާދިރީ ކަމަށްވާ އުމުރުން 96 އަހަރުގެ ދޯވް ލަންޑޯ، ޒަޔަނިޒަމް އާދެކޮޅަށް ދެއްކެވި ވާހަކަފުޅުތަކެއް އާންމުވުމާ ގުޅިގެން އިސްރާއީލުގެ ސިޔާސީ މަސްރަހު ހޫނުވެ، ދެބަަސްވުމެއް އުފެދިއްޖެ އެވެ.
އާންމުވެފައިވާ ވީޑިއޯ ރެކޯޑިންއެއްގައި، އިސްރާއީލުގެ "ލިތުއޭނިއަން" ޔަހޫދީ ޖަމާއަތުގެ އިސް ލީޑަރު ފާދިރީ ދޯވް ލަންޑޯ ވިދާޅުވެފައިވަނީ، ޒަޔަނިޒަމްގެ ފިކުރަކީ ޔަހޫދީ އުންމަތަށް ބޮޑެތި "ކާރިސާތަކެއް" ކުރިމަތިކުރުވި އައިޑިއޮލޮޖީއެއް ކަމަށެވެ. އަދި ވަކި ދައުލަތެއް ހެދުމަކާ ނުލައި އަރަބިންނާއެކު ސުލްހަވެރިކަމާއެކު ޔަހޫދީން އުޅުނު ނަމަ ޔަހޫދީންގެ ހާލަތު މިއަދު މާ ރަނގަޅުވީސް ކަމަށާއި، ފަލަސްތީނުގެ ނުވަތަ ބައިނަލްއަގުވާމީ ފަރާތެއްގެ ވެރިކަމުގެ ދަށުގައި ތިބުންވެސް އިސްރާއީލު ދަށުގައި ތިބުމަށް ވުރެން ޔަހޫދީންނަށް ރަނގަޅުވީސް ކަމަށް އޭނާ ވިދާޅުވިއެވެ.
ފާދިރީ ލަންޑޯގެ މި ވާހަތައް އާންމުވެފައިވަނީ އިސްރާއީލުގެ ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ކައިރިވެފައިވަނިކޮށެވެ. އިންތިޚާބުގައި އުސޫލީ ޔަހޫދީ ޖަމާއަތްތަކުގެ ދައުރާއި، ޚާއްސަކޮށް އެ މީހުން ސިފައިންގެ ޚިދުމަތުގައި ބައިވެރިވުމާ މެދު އުފެދިފައިވާ ބަހުސަކީ އިންތިޚާބުގައި އެންމެ ބޮޑ ުމައްސަލައެވެ. މީގެއިތުރުން، ކުރިއަށް އޮތް ސަރުކާރެއް އެކުލަވާލުމުގައި އުސޫލީ ޔަހޫދީންގެ ސިޔާސީ ޕާޓީތަކުގެ ތާއީދަކީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ނުހަނު މުހިންމު ބާރެކެވެ.
ލަންޑޯއަކީ އިސްރާއީލުގެ ބަނީ ބަރާކްގައި ހުންނަ ޔަހޫދީ ދީނީ އެކަޑެމީ އެއްގެ ވެރިޔާއެވެ. އޭނާއަކީ އިސްރާއީލުގެ ސަރުކާރު ކޯލިޝަންގައި ހިމެނޭ "ޔުނައިޓެޑް ތައުރާ ޖުޑާއިޒަމް" އިއްތިހާދުގެ ބައެއް ކަމަށްވާ "ދެގެލް ހާތޯރާ" ޕާޓީގެ ދީނީ އިސް ލީޑަރެވެ. އަދި އުސޫލީ ޔަހޫދީ ފާދިރީންގެ މަތީ މަޖިލިސް ގެ މެންބަރެއްވެސް މެއެވެ.
އާންމުވި ވީޑިއޯގައި މި ފާދިރީ ބުނެފައި ވަނީ އިސްރާއީލުން ހިންގާ ގިނަ އަސްކަރީ އޮޕަރޭޝަންތަކަކީ އިންސާނީ ފުރާނަ ސަލާމަތްކުރުމަށް ހިންގާ އޮޕަރޭޝަންތަކެއް ނޫން ކަމަށާއި، އެއީ ދައުލަތުގެ އަބުރާއި ޝަރަފަށްޓަކައި ހިންގާ ހަނގުރާމައިގެ ހަރަކާތްތަކެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.





