ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުނެގުން ކައިރިވެފައިވަނިކޮށް، އެ އިންތިޚާބުގައި ވާދަކުރައްވާ އަދި އިންތިޚާބު ކާމިޔާބުކުރައްވާނެ ކަމަށް ބޮޑަށް ބެލެވޭ ފްލާވިއޯ ބޮލްސޮނާރޯގެ ބޭބެ، އެޑުއާޑޯ ބޮލްސޮނާރޯ ހައްޔަރުކުރުމުގެ އަމުރެއް އެ ގައުމުގެ ސުޕްރީމް ކޯޓުން ނެރެފި އެވެ.
ބްރެޒިލްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލެކްސަންޑްރޭ ދެ މޮރާއިސް ނެރުއްވި މި އަމުރާއެކު، އޮކްޓޯބަރު 25 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގެ ތެރޭގައި ސިޔާސީ ނުތަނަވަސްކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މި އިންތިޚާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދާ ސިލްވާ އާއި އިދިކޮޅު ކެންޑިޑޭޓް ފްލާވިއޯ ބޮލްސޮނާރޯ އެވެ.
އުމުރުން 42 އަހަރުގެ އެޑުއާޑޯ ބޮލްސޮނާރޯގެ މައްޗަށް ބްރެޒިލްގެ ސުޕްރީމް ކޯޓުން މިއަހަރުގެ ޖޫން މަހު ވަނީ ކުށް ސާބިތުވެ، ހަތަރު އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވީ، ކުރީގެ ރައީސް އަދި އޭނާގެ ބައްޕަ ޖާއިރް ބޮލްސޮނާރޯގެ މައްޗަށް ހިންގި ޝަރީއަތަށް ނުފޫޒު ފޯރުވުމަށްޓަކައި އެމެރިކާގެ ސަރުކާރު މެދުވެރިކޮށް ލޮބީކޮށް، ބްރެޒިލްގެ ސަރުކާރާ ދެކޮޅަށް ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތްކުރި މައްސަލައިގައެވެ.
އެޑުއާޑޯ ބޮލްސޮނާރޯއަކީ އޭނާގެ ބޭބެ ފްލާވިއޯ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެޑްމިނިސްޓްރޭޝަނާ ދެމެދު ގުޅުން ބަދަހިކޮށްދިން މައިގަނޑު ސިޔާސީ ފަރާތެވެ. އެގޮތުން މި އަހަރުގެ މޭ މަހު ވައިޓް ހައުސްގައި ޓްރަމްޕާއެކު ބޭއްވި ބައްދަލުވުމުގައިވެސް އޭނާ ވަނީ ބައިވެރިވެފައެވެ.
2025 ވަނަ އަހަރުގެ މާޗް މަހު އެޑުއާޑޯ ވަނީ އޭނާގެ ބައްޕަ މިނިވަންކުރުމުގެ މަސައްކަތަށް "100 އިންސައްތަ" ވަގުތު ދިނުމަށްޓަކައި އެމެރިކާއަށް ދިރިއުޅުން ބަދަލުކުރާނެ ކަމަށް އިއުލާނުކޮށްފައެވެ. މި ނިންމުމާއެކު އޭނާއަށް ވަނީ ބްރެޒިލްގެ ގާނޫނުހަދާ މަޖިލީހުގެ ގޮނޑިއާއި، ފެޑެރަލް ޕޮލިސް އިންވެސްޓިގޭޓަރުގެ ވަޒީފާ ގެއްލިފައެވެ. މިހާރު އެމެރިކާގެ ޓެކްސަސްގައި ގްރީން ކާޑު ހޯދައިގެން ދިރިއުޅެމުންދާ އެޑުއާޑޯ ހައްޔަރުކުރުމުގެ އަމުރު ނެރުމާއެކު، އޭނާގެ ބްރެޒިލް ޕާސްޕޯޓްވެސް ވަނީ ބާތިލްކޮށްފައެވެ.
ބޮލްސޮނާރޯ އާއިލާއިން ސިޔާސީ ދުޝްމަނެއްގެ ގޮތުގައި ދެކޭ ފަނޑިޔާރު ދެ މޮރާއިސްއަކީ، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރީގެ ރައީސް ޖާއިރް ބޮލްސޮނާރޯގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް އިއްވި ތަހުގީގު ސީދާ ބެލެހެއްޓެވި ފަނޑިޔާރެވެ.
ރިޔާސީ އިންތިޚާބު ކައިރިވަމުންދާއިރު، ބްރެޒިލްގެ ސިޔާސީ ދެ ފެކްޝަނުންވެސް ދަނީ އެކަކު އަނެކަކަށް ކޮރަޕްޝަނާއި ގާނޫނީ ނިޒާމު ސިޔާސީ ހަތިޔާރަކަށް ހެދުމުގެ ތުހުމަތުތައް ތަކުރާރުކޮށް ކުރަމުންނެވެ. އެޑުއާޑޯ ހައްޔަރުކުރުމުގެ އަމުރު ނެރުނު ނަމަވެސް، އޭނާ މިހާރު ދިރިއުޅެނީ އެމެރިކާގައި ކަމަށްވާތީ ހުކުމް ތަންފީޒުކުރުމަށްޓަކައި އޭނާ ބްރެޒިލްއަށް ގެންނަންޖެހޭނެއެވެ.




