އެތައް ސަތޭކަ އަހަރެއް ވަންދެން ފަލަސްޔީނުގެ ޤުދުސްގައި ބަނޑަހަޖަހައިގެން ތިބި އިގިރޭސިން މިއަދު އެތަނުން ބޭރުކޮށްލުމަށް އިސްރާއީލު ސަރުކާރުން ނިންމައިފިއެވެ. ނަމަވެސް އިނގިރޭސިން ބުނަނީ އެމީހުން ގަދަކަމުންވެސް ގުދުސްގައި ތިބޭނެ ކަމަށެވެ. އިރުމަތީ ގުދުސްގައި ހުންނަ އިނގިރޭސިވިލާތުގެ ކޮންސިއުލޭޓް ޖެނެރަލްގެ ހިދުމަތްތައް ހުއްޓޫވާފައިވާ ކަމަށް އިސްރާއީލުން ބުނި ނަމަވެސް، އިނގިރޭސިން ގުދުސްގައި ތިބޭ އިމާރާތް ބަންދުނުކޮށް "ޔޫކޭ މިޝަން، ޖެރޫސަލެމް" ގެ ނަމުގައި މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު އެޑް މިލިބޭންޑް ވިދާޅުވެ އެވެ.
އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑިއޮން ސާރު ވަނީ އިރުމަތީ ގުދުސްގައި ހުންނަ އިނގިރޭސި ކޮންސިއުލޭޓުގެ އޮޕަރޭޝަންތައް މިއަދުން ފެށިގެން ބަންދު ކުރުމަށް ޔަހޫދީ ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެފައެވެ. ސާރު ބުނީ އިނގިރޭސިން ވެސް އެ އިމާރާތުން ފައްސާލާފައިވާނެ ކަމަށެވެ. އަދި އެތާގައި ތިބި އިނގިރޭސި 20 މީހުންވެސް މިހާރު އެތަނުން ބޭރުކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އަދި 8 ޑިޕްލޮމެޓަކު ތިބި ކަމަށް އޭނާ ބުނެއެވެ.
ހެޔޮކަމެއް ކުރުމުން އިނގިރޭސިންނަށް ޔަހޫދީން ދިނީ ތެޔޮ ހަމެކެވެ!
އިނގިރޭސި ޚާރިޖީ ވަޒީރު އެޑް މިލިބޭންޑް ވިދާޅުވީ، ގާތްގަނޑަކަށް 200 އަހަރުވީ އިނގިރޭސި ކޮންސިއުލޭޓް ޖެނެރަލް ބަންދުކުރުމުގެ ގާނޫނީ ހައްގެއް އިސްރާއީލު ސަރުކާރަކަށް ނޯންނާނެ އެވެ.
އަދި އިރުމަތީ ގުދުސްއަކީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިމެއް ކަމަށް އިނގިރޭސިވިލާތުން ދެކޭ ގޮތަށް އެއްވެސް ބަދަލެއް ނާންނަކަން އޭނާ ތަކުރާރުކުރެއްވިއެވެ.
އިނގިރޭސި ގާނޫނުހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން މިލިބޭންޑް ވަނީ، ހުޅަނގު އައްސޭރި ގައި ސެޓްލަރުންގެ ޓެރަރިސްޓުން ފަލަސްތީނުގެ ރައްޔިތުން ނައްތާލައި، އެމީހުންގެ ވަޒަނުން ނެރެލުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް އިނގިރޭސި ސަރުކާރުން ގަބޫލުކުރާ ކަމަށް ވިދާޅުވެފައެވެ. އަދި އިސްރާއީލު ސަރުކާރުން އެކަންކަމަށް ބަލަން ތިބުމުގެ އިތުރުން، ސަރުކާރުގެ ބައެއް ވެރިން އެފަދަ އަމަލުތަކަށް ހިތްވަރުދީ ބަޔާންތައް ނެރެމުންދާ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.






