މިސްރާއި މެލޭޝިޔާގެ ތައުލީމީ ގުޅުން ބަދަލުކޮށްދިނުމުގައި އަލްއަޒްހަރުގެ ދައުރު ބޮޑު: އަންވަރު އިބްރާހީމް

މިސްރާއި މެލޭޝިޔާއާ ދެމެދު އޮތް އިލްމީ އަދި އިސްލާމީ ތައުލީމީ ގުޅުން އިތުރަށް ވަރުގަދަކުރުމުގައި އަލްއަޒްހަރުން އަދާކުރާ ދައުރަށާއި، އަލްއަޒުހަރުގެ އިމާމުލް އަކްބަރު ޑރ. އަހުމަދު އަލްޠައްޔިބު ކުރައްވާ މަސައްކަތްޕުޅުތަކަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ތައުރީފު ކުރައްވައިފިއެވެ.

މިސްރުގެ ރައީސް އަބްދުލްފައްތާޙް އަލްސީސީއާއެކު ބޭއްވެވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވީ، ގަރުނުތަކެއް ވަންދެން މިސްރާއި އަލްއަޒްހަރުން ވަނީ މެލޭޝިޔާގެ އެތައް ޖީލެއްގެ ދަރިވަރުންނަށް އިސްލާމީ ތައުލީމާއި އަރަބި ބަސް އުނގަންނައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައި ކަމަށެވެ. އަދި މި ގުޅުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ތާރީޚީ އަދި ސަގާފީ ބަދަލުވުންތަކުގެ މައިގަނޑު އަސާސް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ އަލްއަޒްހަރުގެ އިމާމުލްއަކްބަރު މެލޭޝިޔާއަށް ކުރެއްވި ޚާއްސަ ޒިއާރަތުގައި، މެލޭޝިޔާގައި އަލްއަޒްހަރުން ހިންގާ އަރަބި ބަސް އުނގަންނައިދޭ ސެންޓަރެއް ހުޅުވައިދެއްވާފައިވާތީ، ރައީސް ސީސީއަށާއި އިމާމުލްއަކްބަރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މެލޭޝިޔާއިން އަބަދުވެސް ބޭނުންވަނީ އަލްއަޒްހަރާއެކު އޮތް ތައުލީމީ އަދި އިލްމީ ބައިވެރިވުން ފުޅާކޮށް، ދީނީ ތައުލީމުގެ ދާއިރާއިން ތަޖުރިބާ ބަދަލުކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ސީސީ ރައީސްގެ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މި ބައްދަލުވުމުގައި ދެ ގައުމުގެ ލީޑަރުން ވަނީ ބައިނަލްއަގުވާމީ މައިދާން ގައި އިސްލާމީ މެދު މިނުގެ މިންގަނޑުތަކާއި އުސޫލުތައް ކުރިއަރުވައި، ސުލްހަވެރިކަމާއެކު އުޅުމުގެ ސަގާފަތް އަލްއަޒްހަރު މެދުވެރިކޮށް ފެތުރުމުގެ މުހިންމުކަމާ މެދު ވާހަކަދައްކަވާފައެވެ. އަދި އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އިލްމީ އަދި ފިކުރީ ގޮތުން އެއްބާރުލުން ދިނުމުގެ ސްޓްރެޓެޖީތަކާ މެދު މަޝްވަރާ ކުރެވުނެވެ.

މިސްރާއި މެލޭޝިޔާއާ ދެމެދު އޮތް ގުޅުންތަކުގެ ތެރޭގައި ތައުލީމީ ދާއިރާ ހިމެނޭއިރު، އަލްއަޒްހަރު ޔުނިވަސިޓީގައި ތައުލީމު ހާސިލުކުރަމުންދާ މެލޭޝިޔާގެ ދަރިވަރުންގެ އަދަދު ދަނީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންނެވެ. މި ބައްދަލުވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ޚާރިޖީ އަދި ތައުލީމީ ގުޅުންތައް އާ ހަރުފަތަކަށް ގޮސް، ކުރިއަށް އޮތް ތަނުގައި އިތުރު މަޝްރޫއުތައް ފެށިގެންދާނެ ކަމަށް މެލޭޝިއާއިން ބުނެއެވެ.

ހިއްސާ ކުރައްވާ!