ޖިނާޢީ ކުށަކާ ގުޅިގެން މިޞްރުގެ "އަލްޙަދަޘް އަލްޔައުމް" ޓީވީ ޗެނަލް ހުއްޓުވައިފި

މީޑިއާގެ މިންގަނޑުތަކާ ޚިލާފުވުމުގެ ސަބަބުން، މިޞްރުގެ މަޝްހޫރު ޓީވީ ޗެނަލެއް ކަމަށްވާ "އަލްޙަދަޘް އަލްޔައުމް" ގެ ބްރޯޑްކާސްޓިންގ ނޮވެމްބަރު މަހުގެ ނިޔަލަށް މެދުކެނޑުމަށް އެ ޤައުމުގެ މީޑިއާ ރެގިއުލޭޓަރީ ކައުންސިލުން ނިންމައިފިއެވެ. މި ނިންމުން އައިސްފައިވަނީ އެ ޗެނަލްގައި މަސައްކަތްކުރާ ޕްރެޒެންޓަރަކު އޭނާގެ އަމިއްލަ ދެ ކުދިން މަރާލި ކަމަށް ތުހުމަތުކުރެވޭ ޖިނާޢީ މައްސަލައެއް ފެންމަތި ވެފައިވާ ދަނޑިވަޅެއްގައެވެ.

މިޞްރުގެ މީޑިއާ ރެގިއުލޭޓަރީ ކައުންސިލްގެ ރައީސް ޚާލިދު ޢަބްދުލްޢަޒީޒް ހާމަކުރެއްވި ގޮތުގައި، މި ފިޔަވަޅު އެޅީ ޗެނަލްގެ އޮނިގަނޑު އިސްލާޙުކުރުމަށާއި، 2018 ވަނަ އަހަރުގެ 180 ނަންބަރު ޤާނޫނުން ލާޒިމުކުރާ ނޫސްވެރިކަމާއި މީޑިއާގެ ހަމަތަކަށް އެ ޗެނަލުން ފުރިހަމައަށް ބޯލަނބާތޯ ބެލުމުގެ ފުރުޞަތު ދިނުމުގެ ގޮތުންނެވެ.

ތަކުރާރުކޮށް މީޑިއާގެ އުސޫލާ ޚިލާފު ކަންކަން ހިނގާފައިވުމާ ގުޅިގެން އެޅި މި ފިޔަވަޅާ ގުޅިގެން، ޤާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، މިޞްރުގެ ސެޓެލައިޓް އޮޕަރޭޓަރު ކަމަށްވާ "ނައިލް ސެޓް" އަދި މީޑީއާ ޕްރޮޑަކްޝަން ސިޓީއަށް ވަނީ އެންގުން އަންގާފައެވެ.

މި ނިންމުމާ އެއްވަރަކަށް، މިޞްރުގެ އާންމުންގެ މެދުގައި ހައިރާންކަމެއް އުފެއްދި ޖިނާޢީ ހާދިސާއެއް ވަނީ ފެންމަތިވެފެވެ. އެ ޗެނަލަށް މަސައްކަތް ކުރި ޕްރެޒެންޓަރަކު، އޭނާގެ ގެއެއްގައި ޢުމުރުން 7 އަހަރާއި 9 އަހަރުގެ ދެ ކުދިންނަށް ޙަމަލާދީ މަރާލާފައިވާ ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ޕްރެޒެންޓަރު ވަނީ ގެންގޮސްފެވެ. މި މައްސަލައިގެ ޙަޤީޤަތް ހޯދުމަށް ޕްރޮސިކިއުޓަރ ޖެނަރަލް ގެ އޮފީހުންނާއި ތަޙުޤީޤީ އިދާރާތަކުން ދަނީ މައްސަލަ ބަލަމުންނެވެ.

މި ހާދިސާއާ ގުޅިގެން "އަލްޙަދަޘް އަލްޔައުމް" ޗެނަލްގެ އިސްވެރިން ނެރުނު ބަޔާނެއްގައި ވަނީ އެ މީހުންނާ ޕްރެޒެންޓަރަކާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އޭނާއާއެކު ވެފައިވާ އެއްބސްވުން ވަގުތުން އުވާލާފައިވާކަން ވެސް ވަނީ ހާމަކޮށްފައެވެ.

ހިއްސާ ކުރައްވާ!