މިޞްރުގެ ދެކުނުގެ ރަށެއް ކަމަށްވާ އަސްވާނުގެ ޤުއްބަތުލްހަވާ ސަރަޙައްދުގައި ކުރިއަށްގެންދިޔަ އާސާރު ކޮނުމުގެ މަސައްކަތްތަކެއްގެ ތެރެއިން، މީގެ 2،500 އަހަރު ކުރިން މަމީކޮށް ރައްކާކޮށްފައިވާ 10 ކިނބުލެއްގެ ހަށިތައް ހިމެނޭ ޚާއްސަ ގަބުރުސްތާނެއް އާކިއޮލޮޖިސްޓުންގެ ޓީމަކުން ހޯދައިފިއެވެ. މި ހޯދުމުގެ ސަބަބުން އިހުގެ މިޞްރުގެ ރައްޔިތުންގެ ދީނީ އަޤީދާތަކާއި ޖަނަވާރުތައް ރައްކާކުރުމަށް ބޭނުންކުރި ތަފާތު އާދަކާދައާ ބެހޭގޮތުން މުޅިން އައު މަޢުލޫމާތުތަކެއް ވަނީ ހާމަވެފައެވެ.
ނީލަކޯރުގެ ހުޅަނގު އައްސޭރީގައި، އަސްވާނު ސިޓީއާ ކުރިމައްޗަށްވާ ގޮތަށް އޮންނަ މި ސަރަޙައްދުން މި ގަބުރުސްތާން ފެނިފައިވަނީ މީގެ ކުރިން އެއްވެސް ބަޔަކު ވަދެ، ކައްވަޅު ކޮނެގެން ވައްކަން ކޮށްފައި ނުވާ ރައްކާތެރިކަމާއެކު އޮއް ތަނަކުންނެވެ. 2019 ވަނަ އަހަރު ހުޅުވާލި މި ގަބުރުސްތާނުގެ ތެރެއިން، ގުނަވަންތައް ފުރިހަމައަށް ހުރި ފަސް ކިނބުލުގެ ހަށިގަނޑާއި، ވަކިން ހުރި ފަސް ކިނބުލުގެ ބޯ ބުރި ވަނީ ފެނިފައެވެ.
2018 ވަނަ އަހަރު އާސާރު ހޯދަން ފެށި މި މަޝްރޫޢުގައި، ބައިޒަންޓައިން ޒަމާނުގައި ޖަމާވެފައި ހުރި ކުނިބުނިތަކުގެ ބޯ ފަށަލަތަކެއްގެ ދަށުން މިފަދަ ހަތް ކުދި ކިނބޫ ގަބުރުސްތާން ވަނީ ފެނިފައެވެ.
ބެލްޖިއަމްގެ ރޯޔަލް އިންސްޓިޓިއުޓް އޮފް ނެޗުރަލް ސައިންސަސްގެ ޒޫއާކިއޮލޮޖިސްޓް ބީ ޑީ ކުޕެރޭ މި ކިނބޫތައް ތަޙުލީލުކުރުމަށްފަހު ހާމަކުރި ގޮތުގައި، މި ކިނބޫތައް މަމީކޮށްފައިވަނީ އާންމުކޮށް މިޞްރުގައި ޖަނަވާރުތައް މަމީކުރާ ގޮތާ ޚިލާފަށެވެ. އެގޮތުން، ހަށިގަނޑު ކުނިވިޔަނުދިނުމަށް އާންމުކޮށް ބޭނުންކުރާ ގަހުގެ ކިރު ކަމަށްވާ ރެޒިން މި ކިނބޫތަކުގެ ގައިގައި އުނގުޅާފައެއް ނުވެއެވެ. އަދި ބަނޑު ފަޅައި، އެތެރެހަށީގެ ގުނަވަންތައް ނަގާފައި ނުވާކަން ވެސް ސާބިތު ވެއެވެ. ފެތުމުގައި ހަށިގަނޑު ހަމަހަމަކުރުމަށް ކިނބޫ ދިރުވާލާ މި ހިލަތައް ބަނޑުތެރޭގައި ހުރުމުން، އެތަކެތީގެ އެތެރެހަށި ހުސްކޮށްފައި ނުވާކަން ކަށަވަރުވެއެވެ.
ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، މި ކިނބޫތައް އެންމެ ފުރަތަމަ ވަޅުލާފައިވަނީ އެހެން ސަރަޙައްދެއްގެ ވެލިގަނޑުގެ ތެރޭގައެވެ. އެ ސަރަޙައްދުގެ ހޫނާއި ހިކި މާޙައުލުގެ ސަބަބުން ޤުދުރަތީ ގޮތުން ކިނބޫތަކުގެ ހަށިގަނޑު ހިކުމުން، ވެލިގަނޑުން ނަގައި، ކަފައާއި ކަދުރުރުކުގެ ފަން ބޭނުންކޮށްގެން ބަނދެ، މި ގަބުރުސްތާނަށް ގެނެސް ރައްކާކުރީއެވެ. ރެޒިން ބޭނުންކޮށްފައި ނުވުމުން، މިއީ ޢީސާގެފާނުގެ މީލާދުގެ 332 އަހަރު ކުރިން ފެށުނު ޓޮލެމިކް ޒަމާނުގެ ކުރީގެ، އަދި ޢީސާގެފާނުގެ ފަސްވަނަ ޤަރުނުގެ ކުރީގެ ތަކެތި ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.
މި ހޯދުމުގެ އެންމެ ޚާއްސަ އެއް ކަމަކީ، މިތަނުން ފެނުނު 10 ސާމްޕަލްގެ ތެރޭގައި ދެ ބާވަތެއްގެ ކިނބޫ ހިމެނޭކަން ދެނެގަނެވުމެވެ. އެއީ ނީލަކޯރުގެ ކިނބުލާއި ހުޅަނގު އެފްރިކާގެ ކިނބުލެވެ.
ހުޅަނގު އެފްރިކާގެ ކިނބުލަކީ މިހާރު މިޞްރުގެ ސަރަޙައްދުތަކުން މުޅިން ނެތިގޮސްފައިވާ ބާވަތެކެވެ. ނަމަވެސް މި ހޯދުމުން ސާބިތުވަނީ އިހު ޒަމާނުގައި މިޞްރުގެ ފެންގަނޑުތަކުގައި މި ބާވަތުގެ ކިނބޫ އުޅުނު ކަމެވެ. އާންމުކޮށް ކުރިން ފެނިފައިވާ މަމީކޮށްފައިވާ ކިނބޫތަކަކީ ކުދި ކިނބޫތަކެއް ނަމަވެސް، މި ގަބުރުސްތާނުން ފެނިފައިވަނީ 1.8 މީޓަރާއި 3.5 މީޓަރާ ދެމެދުގެ ބޮޑެތި ކިނބޫތަކެވެ.
މިޞްރުގެ ތާރީޚީ ޢިލްމުވެރިން ޤަބޫލުކުރާ ގޮތުގައި، މި ކިނބޫތައް އެއް ތަނެއްގައި ރައްކާކޮށްފައިވަނީ ފެނާއި ދަނޑުވެރިކަމަށް ބަރަކާތް ހޯދުމަށް އިހުގެ މިޞްރު މީހުން އަޅުކަންކުރި "ސޯބެކް" ނަމަކަށް ކިޔާ ބުދަށް މި ސޮރުމެން ޤުރުބާންކުރުމުގެ ގޮތުންނެވެ.
ނީލަކޯރުގެ ކިނބުލަކީ ވަރަށް ރުޅިގަދަ، ނުރައްކާތެރި ބާވަތަކަށް ވީނަމަވެސް، ހުޅަނގު އެފްރިކާގެ ކިނބުލަކީ ނިސްބަތުން މަޑުމައިތިރި ބާވަތެކެވެ.
އެހެންކަމުން، ފައްޅިތަކުގެ ފެންގަނޑުތަކުގައި ގެންގުޅުމަށާއި ދީނީ ޙަރަކާތްތަކުގައި ބޭނުންކުރުމަށް އިހުގެ މިޞްރު މީހުން މި ބާވަތުގެ ކިނބޫ ޚިޔާރުކުރީ ކަމަށް ދިރާސާ ޓީމުން ލަފާކުރެއެވެ. ކުރިއަށް އޮތް ތަނުގައި މި ކިނބޫތަކުގެ ޑީއެންއޭ ތަޙުލީލުތައް ހަދައި، އިތުރު ޙަޤީޤަތްތައް ހޯދުމަށް ސައިންސްވެރިން ވަނީ ނިންމާފައެވެ.






