މިސްރުގެ ދަނޑުވެރިކަމަށް ފެން ބޭނުންކުރާ ފެންގަނޑުތަކާއި ފެންހިންދާ ކާނުތަކުން ނީލަ ކޯރުގައި ދިރިއުޅޭ ޚާއްސަ އާއިލާގެ ކިނބޫ ފެންނަ މިންވަރު އިތުރުވާން ފަށައިފިއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއާއި ލޯކަލް ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނާ ގޮތުގައި، މި ކިނބޫތަކަކީ ގަވާއިދާ ޚިލާފަށް މިސްމީހުން ކުޑައިރު ގޭގޭގައި ގެންގުޅުމަށްފަހު، ބޮޑުވެ ނުރައްކާވުމުން ފެންގަނޑުތަކަށް ދޫކޮށްލާ ތަކެއްޗެވެ. މި ކަމަށް ބާރުދޭ އެންމެ ބޮޑު ހެއްކެއް ފެނިގެންދިޔައީ އޮކްޓޯބަރު 29 ވީ ބުރާސްފަތި ދުވަހުއެވެ. އަސްވާނުން އިސްކަންދަރިއްޔާއަށް ދަތުރުކުރި ރޭލެއްގެ ތެރޭގައި 8 ގޯނީގައި ބަންދުކޮށްފައި އޮތް 20 އާއި 25 ސެންޓިމީޓަރާ ދެމެދުގެ 30 ކުޑަ ކިނބޫ ފެނިގން ތިމާވެށީގެ އިދާރާތަކުން ވަނީ އެތަކެތި އަތުލައިގަނެފައެވެ.
1970 ވަނަ އަހަރު މިސްރުގެ އަސްވާނުގައި "އަސްވާން ހައި ޑޭމް" ބިނާކުރުމުގެ ކުރިން ނީލަން ކޯރުގެ އުތުރުގެ ސަރަހައްދުތަކުން މީރުފެނުގައި އުޅޭ ކިނބޫ ފެނެއެވެ. ނަމަވެސް، ޑޭމާއެކު އޭގެ ތަބީޢީ މާހައުލު ވަނީ ކޯރުގެ ދެކުނުގައިވާ ނާސިރު ލޭކަށް ބަދަލުވެފައެވެ. ނަމަވެސް، ފާއިތުވި މަސްތަކުގައި ޝަރްޤިއްޔާ އާއި ޤަލްޔޫބިއްޔާ ފަދަ އުތުރުގެ ސަރަހައްދުތަކުގެ ފެންގަނޑުތަކުން ކިނބޫ ފެނިގެން ރިޕޯޓުކުރުން ވަނީ އިތުރުވެފައެވެ.
ސައިންސް ޖަރނަލް "ޕްލަސް ވަން" އާއި "ފްރޮންޓިއަރސް އިން ކޮންޒަވޭޝަން ސައިންސް" ގައި ޝާއިއުކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، ނާސިރު ލޭކްގެ ވަށައިގެންވާ ސަރަހައްދުތަކުން ކިނބުލުގެ ބިސް އެއްކުރުމާއި ކުދި ކިނބޫތައް ހިފުމަކީ އާންމުން ޤާނޫނާ ޚިލާފަށް ހިންގާ ބޮޑު ވިޔަފާރިއެކެވެ.
1990 ގެ އަހަރުތަކުގައި ފަތުރުވެރިންނަށް ދެއްކުމަށް ނޫބާ ސަރަހައްދުގެ ގެތަކުގައި ކިނބޫ ގެންގުޅުނެވެ. އަދި ފަހުން އެސޮރުމެން ވަނީ ޤާހިރާގެ ސައްޔިދާ ޢާއިޝާގެ "ސޫޤުލް ޖުމުޢާ" ފަދަ އާންމު ބާޒާރުތަކުގައާއި މީސް މީޑިއާ ގުރޫޕްތަކުގައި ވިއްކާ ވިޔަފާރިއަކަށް ބަދަލުވެފައެވެ.
ކެއިރޯ ޔުނިވާސިޓީގެ ވޯޓަރ ރިސޯސަސް މާހިރު ޑރ. ޢައްބާސް ޝަރާޤީ ވިދާޅުވި ގޮތުގައި، އަސްވާން ހައި ޑޭމަކީ ކިނބުލަށް ހުރަސްނުކުރެވޭނެ ވަރުގެ ބޮޑު ސިމެންތި ފާރެކެވެ. އަދި ޑޭމުގެ އުތުރުން ނީލަ ކޯރުގެ އޮއިވަރު މަޑުވުމާއި، ފިނިހޫނުމިން ބަދަލުވުމުގެ ސަބަބުން ތަބީޢީ ގޮތުން ކިނބޫ އުޅެން އެ ހިސާބު އެކަށީގެނެއް ނުވެއެވެ. މީގެ އިތުރުން، ދަނޑުވެރިކަމަށް ފެން ނެގުމަށް ބޭނުންކުރާ ފެންގަނޑުތަކަކީ ކޯރާ ސީދާ ގުޅުމެއް އޮންނަ ތަންތަނެއް ނޫން ކަމަށާއި، އެތަންތަނުގެ ލޮނުކަން ބޮޑުވުމުން މީރުފެނުގައި އުޅޭ ކިނބުލަށް އަމިއްލައަށް އެތަންތަނަށް ނުދެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިސްރު ސަރުކާރުން 2010 ވަނަ އަހަރު ބައިނަލްއަޤުވާމީ "ސައިޓީސް" އެއްބަސްވުމުގެ ދަށުން ކިނބޫ އާލާކޮށް ގެންގުޅުމަށް ހުއްދަ ހޯދަން ޖެހޭ ގޮތަށް ހެއްޖެވެ. އަދި 2019 ގައި ޤަވާޢިދުތައް އާންމުކުރި އެވެ. ނަމަވެސް ކިނބޫ ގެންގުޅުމަށް، 2.5 އޭކަރުގެ ބިން ބޭނުންވުމާއި ސެކިއުރިޓީ އާއި ތިމާވެށީގެ 4 އިދާރާއެއްގެ ހުއްދަ ހޯދަންޖެހޭތީ އެއްވެސް މީހަކު ހުއްދަ ހޯދައިގެން ކިނބޫ ގެންގުޅެން ބޭނުމެއް ނުވެއެވެ.
ޒިމްބާބްވޭގެ ޗިންހޯޔީ ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީގެ އެސޯސިއޭޓް ޕްރޮފެސަރ ޑރ. ބެވިން އުޓީޓީ ވިދާޅުވީ، ޤާނޫނީ އިމުގެ ތެރެއިން ވިޔަފާރިކުރުމުގެ އުސޫލުތައް މާ ބޮޑަށް ހަރުކަށިވުމުން، ވަގު ވިޔަފާރި ފުޅާވެ، މިފަދައިން އާންމު ފެންގަނޑުތަކަށް ކިނބޫ ދޫކޮށްލުމުގެ ނުރައްކާ ބޮޑުވާން ފަށާފައިވާ ކަމަށެވެ. މަސްދަރު: އަލްޖަޒީރާ







