އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި އަރަބިންނާއި މުސްލިމުން އިންތިޚާބު ކުރުމުގެ ތާރިޚު

އެމެރިކާގެ ކޮންގްރެސްއަށް އަރަބި ދަރިކޮޅުގެ ފުރަތަމަ މެންބަރަކު އިންތިޚާބުކުރެވުނުތާ ގާތްގަނޑަކަށް 70 އަހަރު ވެއްޖެއެވެ. އަދި ފުރަތަމަ މުސްލިމް މެންބަރަކު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް އިންތިޚާބުކުރެވުނުތާ 20 އަހަރު ފަހުން، އަންގާރަ ދުވަހު ބޭއްވި އެމެރިކާގެ މިޑްޓާމް އިންތިޚާބުގެ ނަތީޖާ ނިއުޅެމުންދާއިރު އަރަބިންނާއި މުސްލިމުންގެ ރެޕްރެޒެންޓެޓިވުންނާއި ސެނެޓަރުންގެ ލިސްޓަށް އައު ނަންތަކެއް އިތުރުވެގެންދާނެ އެވެ.

އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ މިޝިގަންގައި މިޞްރު ދަރިކޮޅުގެ ޑޮކްޓަރު ޢަބްދުއްރަޙްމާން އައްސައްޔިދު އެވެ. އޭނާ ވެވަޑައިގަންނަވާނީ ސެނެޓުގެ ތާރީޚުގައިވެސް ފުރަތަމަ މުސްލިމް ސެނެޓަރަށެވެ. އަދި ނިއުޖާސީގެ ހައުސް އޮފް ރެޕްރެޒެންޓަޓިވްސްގެ ކެންޑިޑޭޓް ޑޮކްޓަރު އާދަމް ޙަމަވީގެ ގޮނޑި އޭނާއަށް ވަނީ ކަށަވަރުވެފައެވެ.

ނަމަވެސް، ކޮންގްރެސްގައި ޢަރަބިންނާއި މުސްލިމުންގެ ތާރީޚަކީ، ފަހުގެ އަހަރުތަކުގައި ފާހަގަކޮށްލެވުނު ރަޝީދާ ޠުލައިބް އާއި އިލްހާން ޢުމަރު ފަދަ ނަންތަކުން ދައްކުވައިދޭ މިންވަރަށްވުރެ މާ ގަދީމީ އަދި ތަނަވަސް ތާރީޚެކެވެ. 1958 ވަނަ އަހަރުން ފެށިގެން، ޢަރަބި ދަރިކޮޅުގެ ދިހަވަރަކަށް މެމްބަރުން ވަނީ ދެ މަޖިލީހަށް އިންތިޚާބުވެފައެވެ. އޭގެ ތެރޭގައި ސެނެޓުގެ ޑިމޮކްރެޓިކް ޕާޓީގެ ކުރީގެ މެޖޯރިޓީ ލީޑަރަކާއި، ބަރަކް އޮބާމާގެ އެޑްމިނިސްޓްރޭޝަންގެ ކުރީގެ ވަޒީރެއްގެ އިތުރުން ރިޕަބްލިކަން އާއި ޑިމޮކްރެޓިކް މެންބަރުން ހިމެނެއެވެ.

ތާރީޚީ ރެކޯޑުތަކުން ދައްކާ ގޮތުގައި އަރަބިން އިންތިޚާބް ވާން ފަށާފައި ވަނީ މުސްލިމުން ހައުސްއަށް އިންތިޚާބު ވުމުގެ ގާތްގަނޑަކަށް ބައި ޤަރުނު ކުރިންނެވެ.

ފުރަތަމަ ޢަރަބި ނާއިބުންނާއި ސެނެޓަރުންގެ ތެރޭގައި ގިނައީ ކްރިސްޓިއަން މެމްބަރުންނެވެ. ޚާއްޞަކޮށް ލުބުނާނު ދަރިކޮޅުގެ ބޭފުޅުންނެވެ. ކޮންގްރެސްގެ ފުރަތަމަ މުސްލިމް މެންބަރަކީ އިސްލާމްދީން ޤަބޫލުކުރި އެފްރިކާ ދަރިކޮޅުގެ އެމެރިކާ ރައްޔިތެކެވެ.

ކޮންގްރެސްގައި ޢަރަބިންގެ ދައުރު ފެށުނީ 1970 ވަނަ އަހަރު ނޯތު ޑަކޯޓާއިން ހައުސް އޮފް ރެޕްރެޒެންޓަޓިވްސްއަށް އިންތިޚާބުވި ލުބުނާނު ދަރިކޮޅުގެ ޑިމޮކްރެޓިކް ބޭފުޅެއް ކަމަށްވާ ޖޭމްސް އަބޫ ރިޒްޤް އާއެކުގައެވެ. އޭގެފަހުން 1972 ގައި އޭނާ ސެނެޓުގެ ގޮނޑިއެއް ކާމިޔާބުކުރައްވައި، ގާނޫނު ފާސްކުރާ މަތީ މަޖިލީހަށް ވާޞިލްވި ފުރަތަމަ ޢަރަބި އެމެރިކާ މީހާއަށް ވެވަޑައިގަތެވެ. އަބޫ ރިޒްޤް މަޝްހޫރުވެފައިވަނީ މެދުއިރުމަތީގައި އެމެރިކާއިން ގެންގުޅޭ ސިޔާސަތަށް ފާޑުވިދާޅުވުމާއި، ފަލަސްޠީނުގެ ދިފާއުގައި ކުރެއްވި މަސައްކަތްޕުޅާއި، އަދި އެމެރިކާގެ އަޞްލު ވަޒަންވެރިންގެ މައްސަލަތަކުގައި އުޅުއްވި ހަރަކާތްތެރި ކަމުންނެވެ.

އޭނާގެ ފަހުން،  ޢަރަބި ދަރިކޮޅުގެ އިތުރު 4 މެމްބަރަކު އެމެރިކާގެ ސެނެޓަށް އިންތިޚާބު ވިއެވެ.

  • އެއީ މެއިން ސްޓޭޓުގެ ޑިމޮކްރެޓިކް ބޭފުޅެއް ކަމަށްވާ ޖޯޖް މިޗެލް (1980 ގައި އައްޔަންކުރުމަކުން ސެނެޓަށް ވަދެވަޑައިގެން، 1982 ގައި އިންތިޚާބުވެ، 1989 އާއި 1995 އާ ދެމެދު ޑިމޮކްރެޓިކް ޕާޓީގެ މެޖޯރިޓޯ ލީޑަރުކަން ކުރެއްވި އެވެ.)،
  • 1981 އާއި 1987 އާ ދެމެދު ނޯތު ޑަކޯޓާގެ ރިޕަބްލިކަން ޖޭމްސް އަބްދުއްނޫރު،
  • 1995 އާއި 2001 އާ ދެމެދު މިޝިގަންގެ ރިޕަބްލިކަން ސްޕެންސަރ އަބްރަހަމް،
  • 2003 އާއި 2009 އާ ދެމެދު ނިއު ހެމްޕްޝަޔާގެ ރިޕަބްލިކަން ޖޯން އެޑްވަރޑް ސުނޫނޫ އެވެ.

މި ހުރިހައި ބޭފުޅުންނަކީވެސް ލުބުނާނު ދަރިކޮޅުގެ ބޭފުޅުންނެވެ. އަދި ސުނޫނޫގެ އާއިލާގައި ފަލަސްޠީނު ދަރިކޮޅުގެ މޫތައްވެސް ހިމެނެއެވެ. މީގެ ތެރެއިން އެއްވެސް ބޭފުޅަކީ މުސްލިމެއް ނޫނެވެ. އަބޫ ރިޒްޤް، އަބްދްނޫރު އަދި ސުނޫނޫ ވަނީ ސެނެޓަށް ބަދަލުވުމުގެ ކުރިން ހައުސް އޮފް ރެޕްރެޒެންޓަޓިވްސްގެ މެންބަރުކަން ކުރައްވާފައެވެ. އަދި ސްޕެންސަރ އަބްރަހަމް ފަހުން ވަނީ ޖޯޖް ޑަބްލިއު ބުޝްގެ އެޑްމިނިސްޓްރޭޝަންގައި އެނަރޖީ މިނިސްޓަރުކަން ކުރައްވާފައެވެ.

2024 ވަނަ އަހަރު، މިޞްރުގެ ނަސާރާ ޤިބްޠީ ދަރިކޮޅުގެ އެމެރިކާ ރައްޔިތެއް ކަމަށްވާ ޖޯޖް ޙިލްމީ ވަނީ ނިއުޖާސީގެ ސެނެޓަރަކަށް ވެވަޑައިގެންފައެވެ. ނަމަވެސް އޭނާ އެ މަޤާމަށް ވަޑައިގަތީ ބޮބް މެނެންޑޭޒްގެ ބަދަލުގައި އައްޔަންކުރުމަކުންނެވެ. އިންތިޚާބަކުން އެ ގޮނޑި ކާމިޔާބުކުރައްވައިގެނެއް ނޫނެވެ.

ހައުސް އޮފް ރެޕްރެޒެންޓަޓިވްސްއަށް ބަލާއިރު، ޢަރަބިންގެ މޫނުތައް ފެށުނީ 1958 ވަނަ އަހަރު ކެލިފޯނިއާއިން ލުބުނާނު ދަރިކޮޅުގެ ޑިމޮކްރެޓިކް ބޭފުޅެއް ކަމަށްވާ ޖޯޖް ޤާސިމް، އޭނާގެ ރިޕަބްލިކަން ވާދަވެރިޔާގެ މައްޗަށް ކުޑަ ތަފާތަކުން ކުރިހޯއްދަވައި އިންތިޚާބުވުމުންނެވެ. އޭނާ މަޤާމާ ޙަވާލުވެވަޑައިގަތީ 1959 ގެ ކުރީކޮޅުގައެވެ. އަދި އަލުން އިންތިޚާބުވުމަށް ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުގެ ކުރިން 2 އަހަރު ދުވަހު މަޤާމުގައި ދެމި ހުންނެވި އެވެ. އޭގެފަހުން ވަޑައިގަތީ 1967 އާއި 1985 އާ ދެމެދު ޓެކްސަސް ތަމްސީލުކުރެއްވި ލުބުނާނު ދަރިކޮޅުގެ ޑިމޮކްރެޓިކް އަބްރަހަމް ކާޒަން އެވެ.

70ގެ އަހަރުތަކުގައި ޢަރަބިންގެ މޫނުތައް އިތުރު ވެގެންދިޔައެވެ.

  • އެއީ ކޮނެކްޓިކަޓްއިން ޓޯބީ މޮފެޓް (1975–1983)،
  • ންގްރެސްގެ ފުރަތަމަ ޢަރަބި ދަރިކޮޅުގެ އަންހެން ބޭފުޅާ ކަމަށްވާ އޮހާޔޯއިން މޭރީ ރޯޒް އޯކާރ (1977–1993)
  • ވެސްޓް ވާޖިނިއާއިން ނިކް ރަޙާލް (1977–2015) އިންތިޚާބު ވިއެވެ. ރަޙާލް ވަނީ ގާނޫނު ހަދާ މަޖިލީހުގައި 38 އަހަރު ހޭދަކުރައްވައި، ޢަރަބި ދަރިކޮޅުގެ އެންމެ ފާހަގަކޮށްލެވޭ ޚިދުމަތްތެރި މެމްބަރަށް ވެވަޑައިގެންފައެވެ.

90ގެ އަހަރުތަކުގައި އިތުރު ނަންތަކެއް މަޝްހޫރު ވިއެވެ. އޭގެ ތެރޭގައި:

  • މިޒޫރީއިން ޕެޓް ޑެނަރ (1993–2001)،
  • މެއިންއިން ޖޯން ބާލްޑާޗީ (1995–2003) އޭނާ ފަހުން ވަނީ އެ ސްޓޭޓުގެ ގަވަރުނަރުކަމަށް އިންތިޚާބުވެފައެވެ.
  • އިލިނޯއީގެ ރިޕަބްލިކަން ރޭލަހޫޑް (1995–2009) އޭނާ ވަނީ އޮބާމާގެ އެޑްމިނިސްޓްރޭޝަންގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރައްވާފައެވެ.
  • ލުއިޒިއާނާގެ ޑިމޮކްރެޓިކް ކްރިސް ޖޯން (1997–2005) ހިމެނެއެވެ.

ޖެހިގެން އައި 20 އަހަރުގެ ތެރޭގައި، މި ލިސްޓުގައި:

  • ކެލިފޯނިއާގެ ރިޕަބްލިކަން ދާރިލް އީސާ،
  • ލުއިޒިއާނާގެ ޗާލްސް ބުސްތާނީ (2005–2017)،
  • މިޝިގަންއިން ފަލަސްޠީނު-ސޫރިޔާ ދަރިކޮޅުގެ ޖަސްޓިން އަނާޝް (2011–2021) އޭނާ އިންތިޚާބުވީ ރިޕަބްލިކަން ކެންޑިޑޭޓެއްގެ ގޮތުގައެވެ. ފަހުން މިނިވަން މެންބަރަކަށް ބަދަލުވެ، އޭގެފަހުން ލިބަރޓޭރިއަން ޕާޓީއަށް ބަދަލުވިއެވެ.
  • ނިއުޔޯކްގެ ރިޗަރޑް ޙަންނާ (2011–2017)،
  • ލުއިޒިއާނާގެ ރާލްފް އަބްރަހަމް (2015–2021)،
  • ލުއިޒިއާނާގެ ގަރެޓް ގްރޭވްސް (2015–2025)،

އެ މުއްދަތުގައި ޢަރަބި އަސްލާ ގުޅިފައިވާ ޑިމޮކްރެޓިކް ބޭފުޅުންގެ ތެރޭގައި:

  • ފްލޮރިޑާގެ ގްވެން ގްރޭހަމް (2015–2017)،
  • ފްލޮރިޑާގެ ޗާރލީ ކްރިސްޓް (2017–2022)،
  • ނެވާޑާގެ ރޫބެން ކިހުއެން (2017–2019)،
  • ފްލޮރިޑާގެ ޑެބީ މުކާރސެލް-ޕަވަލް (2019–2021)،
  • ލުބުނާނު ދަރިކޮޅުގެ ދޯނާ ޝާލާލާ. އޭނާ ވަނީ ކުރިން ބިލް ކްލިންޓަންގެ އެޑްމިނިސްޓްރޭޝަންގައި ހެލްތު މިނިސްޓަރުކަން ކުރައްވާފައެވެ. އަދި ފަހުން 2019 އާއި 2021 އާ ދެމެދު ކޮންގްރެސްއަށް އިންތިޚާބުވިއެވެ.

2018 ވަނަ އަހަރު، ފަލަސްޠީނު ދަރިކޮޅުގެ ރަޝީދާ ޠަލީބް މިޝިގަންއިން އިންތިޚާބުވެ، ކޮންގްރެސްގެ ފުރަތަމަ ފަލަސްޠީނު ދަރިކޮޅުގެ އަންހެން ބޭފުޅާއަށް ވެވަޑައިގަތެވެ. އަދި އޭނާއަކީ ކޮންގްރެސްގެ ގޮނޑި ކާމިޔާބުކުރެއްވި ފުރަތަމަ ދެ މުސްލިމް އަންހެން ބޭފުޅުންގެ ތެރެއިން އެކެކެވެ. 2024 ގެ އިންތިޚާބުގައި، ސޫރިޔާ ދަރިކޮޅުގެ ރިޕަބްލިކަން އަބްރަހަމް ޙަމާދާ ވަނީ އެރިޒޯނާގެ 8 ވަނަ ދާއިރާ ތަމްސީލުކުރެއްވުމަށް ގުޅިވަޑައިގެންފައެވެ.

އެހެންކަމުން، ތާރީޚީ ގޮތުން ޢަރަބިންގެ ޙާޟިރުވުން ހަމައެކަނި ޑިމޮކްރެޓުންނަށް ނުވަތަ ފަލަސްޠީނުގެ މައްސަލައަށް ތާއީދުކުރާ ސިޔާސީ ބޭފުޅުންނަށް އެކަނި ހަނިވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި ތަފާތު ސިޔާސީ ފިކުރުތައް ހިމެނެއެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން ވަނީ ރިޕަބްލިކަން ޕާޓީގެ އެތެރޭގެ ލީޑަރޝިޕް މަޤާމުތައްވެސް ފުރައްވާފައެވެ.

ކޮންގްރެސްގައި މުސްލިމުން ތަމްސީލުވުމުގެ ތާރީޚު ފެށުނީ 2006 ވަނަ އަހަރު މިނެސޯޓާގެ ޑިމޮކްރެޓިކް ކީތު އެލިސަން އިންތިޚާބުވުމުންނެވެ. އޭނާ ވެވަޑައިގަތީ މަޖިލީހުގެ ފުރަތަމަ މުސްލިމް މެންބަރަށެވެ. އަދި 2019 ގައި މިނެސޯޓާގެ އެޓަރނީ ޖެނެރަލްގެ މަޤާމަށް ބަދަލުވެވަޑައިގަންނަވަންދެން އޭނާ މަޤާމުގައި ދެމިހުންނެވިއެވެ.

2008 މާރޗްގައި، އެފްރިކާ ދަރިކޮޅުގެ އެމެރިކާ މުސްލިމެއް ކަމަށްވާ އަންދްރޭ ކާރސަން އޭނާއާ ގުޅިވަޑައިގަތެވެ. އޭނާ އިންޑިއާނާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވިއިރު، އަދިވެސް އިންނެވީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައެވެ.

އޭގެފަހުން 2018 ގެ އިންތިޚާބުގައި ރަޝީދާ ޠުލައިބް އާއި، މިނެސޯޓާއިން ސޯމާލި ދަރިކޮޅުގެ އެމެރިކާ މުސްލިމެއް ކަމަށްވާ އިލްހާން ޢުމަރު އިންތިޚާބުވިއެވެ. ސޯމާލިޔާއަކީ ޢަރަބި ލީގުގެ މެންބަރަކަށް ވީނަމަވެސް، ނަސްލީ ދަރިކޮޅުގެ ގޮތުން އިލްހާން ބެލެވެނީ ސޯމާލީއެއްގެ ގޮތުގައެވެ، ޢަރައްބެއްގެ ގޮތުގައެއް ނޫނެވެ.

2024 ގައި، އެފްރިކާ ދަރިކޮޅުގެ އެމެރިކާ މުސްލިމެއް ކަމަށްވާ ލަޠީފާ ސައިމަން ކެލިފޯނިއާއިން އިންތިޚާބުވިއެވެ. އޭގެފަހުން، 2026 އޯގަސްޓްގައި ކެލިފޯނިއާގެ ބައި-އިލެކްޝަން އަފްޣާން ދަރިކޮޅުގެ އެމެރިކާ މުސްލިމެއް ކަމަށްވާ ޢާއިޝާ ވައްހާބް ކާމިޔާބުކުރައްވައި، ސެޕްޓެމްބަރު 2 ގައި ޤާނޫނީ ހުވާކުރެއްވުމާއެކު، ތާރީޚީ އަދަދު ވަނީ 6 މެންބަރުންނަށް އިތުރު ވެފައެވެ.

އެހެންކަމުން ކޮންގްރެސްއަށް އިންތިޚާބުވި މުސްލިމުންގެ ޖުމްލަ އަދަދަކީ 6 އެވެ. އޭގެ ތެރެއިން ފަސް ބޭފުޅުން މިހާރުވެސް ހައުސް އޮފް ރެޕްރެޒެންޓަޓިވްސްގައި ތިއްބެވިއިރު، އެ އެންމެ ބޭފުޅުންނަކީވެސް ޑިމޮކްރެޓުންނެވެ. އަދި ސެނެޓަށް އެއްވެސް މުސްލިމަކު އިންތިޚާބުވެފައެއް ނުވެއެވެ.

މިއަދުގެ އިންތިޚާބުގެ އެންމެ ކުރީގައިވަނީ މިޞްރު ދަރިކޮޅުގެ އެމެރިކާ ޑޮކްޓަރެއް ކަމަށްވާ، އަދި މިޝިގަންގެ ސެނެޓަށް ޑިމޮކްރެޓުންގެ ކެންޑިޑޭޓް ޢަބްދުއްރަޙްމާން އައްސައްޔިދު ެއެވެ. އައްސައްޔިދު ވަނީ އޯގަސްޓް މަހު ބޭއްވި ޑިމޮކްރެޓިކް ޕްރައިމަރީ ކާމިޔާބުކުރައްވާފައެވެ. އޭނާ މިހާރު ހުންނެވީ ސެނެޓަށް އިންތިޚާބުވާ ފުރަތަމަ މުސްލިމު މެމްބަރުގެ ތާރީޚީ ކާމިޔާބީއާ ގާތުގައެވެ.

ހައުސް އޮފް ރެޕްރެޒެންޓަޓިވްސްއަށް ބަލާއިރު، މި ދައުރުގައި އައު ނަންތަކެއް ފާހަގަކޮށްލެވެއެވެ. އެންމެ ކުރީގައިވަނީ ނިއުޖާސީގެ 12 ވަނަ ދާއިރާއަށް ރިޕަބްލިކަން ޕާޓީގެ ގްރެގް މިލީއާ ދެކޮޅަށް ވާދަކުރައްވައި ކާމިޔާބީ ހޯއްދެވި މިޞްރު ދަރިކޮޅުގެ އެމެރިކާ މުސްލިމް ސާޖަން ޑޮކްޓަރު އާދަމް ޙަމަވީ އެވެ.

2024 ގައި ޣައްޒާގެ ހަނގުރާމައިގެ ޒަޚަމްވި މީހުންނަށް ފަރުވާދެއްވުމަށް ވޮލަންޓިއާ ކުރެއްވުމާއި، އަދި ކުރިން މިލިޓަރީ ޑޮކްޓަރެއްގެ ގޮތުގައި ޚިދުމަތް ކުރެއްވުމުން ޙަމަވީއަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ. އޭނާގެ ކާމިޔާބީއާއެކު، އޭނާ ވެވަޑައިގަތީ ކޮންގްރެސްގައި ނިއުޖާސީ ތަމްސީލުކުރައްވާ ފުރަތަމަ މުސްލިމަށެވެ.

ނިއުޔޯކްގައި، ޑޮމިނިކަން އަސްލުގެ އެމެރިކާ މުސްލިމެއް ކަމަށްވާ ދާރިއަލީޒާ އަވިލާ ޝެވާލިއޭ، ޖޫން މަހުގެ ޕްރައިމަރީގައި ޑިމޮކްރެޓިކް ނާއިބު އެޑްރިއާނޯ އެސްޕަޔާތު ބަލިކުރުމަށްފަހު، 13 ވަނަ ދާއިރާގެ އިންތިޚާބުގައި ވާދަކުރައްވައެވެ. އޭނާ އިންތިޚާބުގައި ވާދަކުރައްވަނީ ރިޕަބްލިކަން މެނުއަލް ވިލިއަމްސްއާ ދެކޮޅަށެވެ.

އެރިޒޯނާގައި، ސޫރިޔާ ދަރިކޮޅުގެ އެމެރިކާ މުސްލިމް ޑޮކްޓަރު ޒުހްދީ ޖާސިރު، 4 ވަނަ ދާއިރާއިން ރިޕަބްލިކަން ޕާޓީގެ ޓިކެޓްގައި، ޑިމޮކްރެޓިކް ނާއިބު ގްރެގް ސްޓެންޓަންއާ ދެކޮޅަށް ވާދަކުރައްވައެވެ. މިއީ މުސްލިމުންގެ ސިޔާސީ ބައިވެރިވުމުގެ ތެރޭގައިވާ ޕާޓީ ތަފާތުކަމުގެ މިސާލެކެވެ.

މުސްލިމް ކެންޑިޑޭޓުންގެ ލިސްޓުގައި މިނިވަން ކެންޑިޑޭޓުން ކަމަށްވާ ވާޖިނިއާގެ 10 ވަނަ ދާއިރާއަށް އަޙްސަން މުޖީބު މާލިކް އަދި އެ ސްޓޭޓުގެ 7 ވަނަ ދާއިރާއަށް ޢަލާ އަޙްރާރު ވާދަ ކުރެއެވެ. އަދި ކުރިން ޔޫރަޕްގައި އުޅުނު ޢަރަބި އެމެރިކާ މީހެއް ކަމަށްވާ މުޢާޛް އަބޫ ޣަޒާލާ، ނޯތު ކެރޮލައިނާގެ 7 ވަނަ ދާއިރާއަށް ލިބަރޓޭރިއަން ޕާޓީގެ ޓިކެޓްގައި ވާދަކުރައްވައެވެ.

މީގެއިތުރުން، މިހާރު ތިއްބެވި މުސްލިމް 5 މެމްބަރުންވެސް މަސައްކަތް ކުރައްވަނީ އެބޭފުޅުންގެ ގޮނޑިތައް ދަމަހައްޓެވުމަށެވެ.

މި އިންތިޚާބު މިއައީ އެމެރިކާގެ ޢަރަބި ދަރިކޮޅުގެ ވޯޓުލާ މީހުންގެ މިސްރާބަށް ބަދަލުތަކެއް އަންނަމުންދެއެވެ. އަރަބި އެމެރިކަން އިންސްޓިޓިއުޓުން ޝާއިޢުކުރި ސަރވޭއަކުން ދައްކާ ގޮތުގައި، ވޯޓު ލާނެ ކަމަށް ބެލެވޭ ޢަރަބި ވޯޓަރުންގެ 59% މީހުން ޤަޞްދުކުރަނީ ހައުސް އޮފް ރެޕްރެޒެންޓަޓިވްސްއަށް ޑިމޮކްރެޓިކް ކެންޑިޑޭޓުންނަށް ތާއީދުކުރުމަށެވެ. ރިޕަބްލިކަނުންނަށް ތާއީދުކުރަނީ  އަރަބި ދަރިކޮޅުގެ 26% އެވެ. މި ސަރވޭ ހަދާފައިވަނީ 500 ވޯޓަރުންގެ ސާމްޕަލްއެއްގެ މައްޗަށެވެ.

މިއިން އެނގޭ ގޮތުގައި ކޮންގްރެސްގައި ޢަރަބިންނާއި މުސްލިމުންގެ ވާހަކައަކީ ހަމައެކަނި އެކަކު އަނެކަކާ ގުޅިފައިވާ ދީނީ ނުވަތަ ނަސްލީ އައިޑެންޓިޓީއަކަށް އެކަނި ގުޅިފައިވާ ކަމެއް ނޫނެވެ. ޢަރަބިންގެ ތަމްސީލުވުން ކްރިސްޓިއަން ސިޔާސީ ބޭފުޅުން މެދުވެރިކޮށް ފެށުނުއިރު، މުސްލިމުން ތަމްސީލުވުން ފުޅާވެގެންދިޔައީ އެފްރިކާ، ސޯމާލީ، ފަލަސްޠީނު އަދި އަފްޣާން ދަރިކޮޅުގެ އެމެރިކާ މީހުން މެދުވެރިކޮށެވެ. އަދި ނޮވެމްބަރު 3 ގެ ނަތީޖާއިން އައު ޞަފްޙާއެއް ހުޅުވިގެންދާނެއެވެ. ޚާއްޞަކޮށް ސެނެޓުގެ ތާރީޚުގައި ފުރަތަމަ މުސްލިމް މެންބަރަކު އަބްދުއްސައްޔިދު ސެނެޓަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭތީއެވެ. މަސްދަރު: އަލްޖަޒީރާ

ހިއްސާ ކުރައްވާ!