މިޞްރުގައި އަލަށް ހަދާފައިވާ ވެރިރަށުގައި ބިނާ ކުރާ އައު ގަބުރުސްތާނުގައި މީހުން ވަޅުލާ ތަންތަން ވިއްކުމުގެ ވިޔަފާރިއަކީ ނަފާބޮޑު ވިޔަފާރިއެއް ކަމަށް ބުނެއެވެ.
މިސްރުގައި ކޮންމެ އާއިލާއެއްގެ މީހުން ވަޅުލާން ޚާންދާނީ މަގްބަރާއެއް ހަދައެވެ. މިއީ ގެއެއް ގޮތަށް ހުންނަ ތަންތަނެވެ. ޒީނަތްތެރި ކޮށް ގުއްބު މަތީގަިއ ބަހައްޓައި ޖަރީވެސް ކުރެއެވެ.
މިފަދަ ތަންތަނުގައި ކަފުންކޮށްފައިވާ މައްޔިތާ ބާއްވާފައި މަތި އަޅަނީ އެވެ. ވެލި އެޅުމެއް ނޯންނާނެއެވެ. އޭނާއާއެކު ފެންނަ ހިސާބުގައި އޭގެ ކުރިން މަރުވި އެ ޚާންދާނުގެ އަނެއް މީހާވެސް ފެންނާން އޮންނާނެއެވެ.
އައު ވެރިރަށް ޤާހިރާ އަލްޖަދީދާގައި އައު ގަބުރަސްތާނުން މިގޮތަށް އާއިލާތަކަށް ވިއްކާ ކައްވަޅު ގެތައް މިހާރު ހަދާފައި ހުންނަނީ ފަސްތަރީގެ ފެންވަރަށެވެ!
މިތަންތަނުގެ އަގު މިހާރު ވަނީ މިސްރުގެ ފަސް މިލިއަން ޕައުންޑާ ހަމައަށް މަތިވެފައެވެ. މީސް މީޑިއާގައި މީޙުން ބުނަނީ މިތަނުން ކައްވަޅު ގަތުމަށްވުރެން ދުރު ހިސާބަކުން ވިއްލާއެއް ގަތުންވެސް މާ އަގުހެޔޮވާނެ ކަމަށެވެ.
މިފަދަ ތަންތަން ވިއްކާ މީހުން ބުނަނީ މަންޒަރު ރީތި ވާނެ ކަމަށާއި ވަޅުލާން އައިސް ތިބޭ އާއިލާ މީހުންނަށް އެއްވެފައި ތިބެން ޖާގަ އޮންނާނެ ކަމަށާއި އަގު ބޮޑު ސަންގު މަރުމަރު ހިލަ ޖަހާފައި ހުންނާނެ ކަމަށެވެ. އަދި އޭގެ އިތުރުން ކަރަންޓު ހުންނާނެ ކަމަށާއި މި ތަންތާނގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށް ގަބުރު ވަގަށް ނުނެގޭ ގޮތަށް ޒަމާނީ އިލެކްޓްރޮނިކް ދޮރު ލާފައި ހުންނާނެ ކަމަށާއި 24 ގަޑިއިރު ސަލާމަތީ ކަންކަން ބަލަހައްޓަން ގާޑުން ތިބޭ ނެ ކަމަށެވެ.
މީގެ އިތުރުން، ބައެއް އަގު ބޮޑު ތަންތަނަށް ޒިޔާރަތް ކުރާ އާއިލާގެ މީހުންގެ އުޅަނދުވެސް ވެއްދޭ ވަރަށް ތަނަވަސް ވާނެ ކަމަށް ބުނެފައި ވެއެވެ.






