އިޚްވާނުލް މުސްލިމޫން ޖަމާޢަތް މަނާކުރުމަށް މިޞްރު ސަރުކާރުން ނިންމި ނިންމުމަށް ޔަހޫދީ ގައުމުގެ ދިފާއީ ވަޒީރު ތައުރީފުކޮށްފިއެވެ. ޔަހޫދީ މޯޝޭ ކާޓްސް ވަނީ އިސްރާއީލުން ވެސް މިސްރުން ފިލާވަޅެއް ލިބިގަނެ މިސްރުން ކަން ކުރިގޮތަށް ކަން ކުރުމަށް ގޮވާލަމުން އަރަބި ޕާޓީތައް ޔަހޫދީޫންގެ ސަރުކާރެއްގައި ބައިވެރި ނުކުރާން ގޮވާލާފައެވެ.
- ދިހަ އަހަރަށްވުރެ ގިނަ ދުވަހަށް ދެމިގެންދިޔަ ޤާނޫނީ އަދި ސިޔާސީ ކޯޅުންތަކަކަށްފަހު، އިޚްވާނުލް މުސްލިމޫން ޖަމާޢަތަކީ ދާއިމީ ގޮތެއްގައި ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި މިޞްރުގެ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ރަސްމީކޮށް ކަނޑައަޅައި، އެކަމާ ގުޅޭ އެންމެހާ ޤާނޫނީ އިޖުރާއަތުތައް ނިންމާލައިފިއެވެ.
- މިޞްރުގެ ރަސްމީ ގެޒެޓުގައި ނޮވެންބަރު 8 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ މި ނިންމުމަކީ، އެ ޤައުމުގެ އެންމެ މަތީ ކޯޓުން މިދިޔަ އޭޕްރީލް މަހު އިއްވި ތާރީޚީ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ. މިއާއެކު، 2022 ވަނަ އަހަރު އެ ޖަމާޢަތް ވަގުތީ ގޮތުން ޓެރަރިސްޓް ލިސްޓުގައި ހިމެނުމަށް ނިންމާފައި އޮތް އޮތުން ނިމުމަކަށް އައިސް، އެ ޖަމާޢަތާ މެދު ދާއިމީ ގޮތެއްގައި ޤާނޫނީ ފިޔަވަޅު އެޅިގެންދިޔައީއެވެ.
- މި ނިންމުމާއެކު ކުރިއަށް އޮތް ތަނުގައި ވެސް އެއްވެސް އެހެން ނަމެއްގައި ނުވަތަ ސިޔާސީ އިއްތިޙާދެއްގެ ދަށުން ކަމުގައިވިއަސް، އިޚްވާނުލް މުސްލިމޫން ޖަމާޢަތަށް މިޞްރުގެ ސިޔާސީ މައިދާނުގައި އަލުން ހަރަކާތްތެރިއެއް ނުވެނޭއެވެ. އެހެންވެ މިއީ އިޚުވާނަށް އިއްވާފައިވާ "ޤާނޫނީ މަރުގެ ސަނަދެއް" ކަމަށް ސިފަކޮށްފައި ވެއެވެ. އަދި މިކަމުގެ ސަބަބުން މިޞްރުގެ އެތެރޭގެ ސިޔާސީ އަދި ސަލާމަތީ އޮނިގަނޑު އަލުން ބައްޓަންވެގެންދާއިރު، އިޚްވާނުލް މުސްލިމޫންގެ މައްސަލައިގައި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ޤާހިރާއިން މުޢާމަލާތުކުރާނެ އައު އުޞޫލެއްވެސް ޤާއިމުވެގެންދާނެއެވެ.
- ކުރީގެ ރައީސް މުޙައްމަދު މުރުސީ 2013 ވަނަ އަހަރު ދުރުކުރުމާ ގުޅިގެން ހިނގި ހާދިސާތަކަށްފަހު، އިޚުވާން ޖަމާޢަތާ ދެކޮޅަށް ރަސްމީ ޤާނޫނީ ފިޔަވަޅުތައް އަޅަން ފެށުނެވެ. އެގޮތުން، 2013 ވަނަ އަހަރުގެ ޑިސެންބަރު މަހު މިޞްރުގެ ވަޒީރުންގެ މަޖިލީހުން ނިންމި އިދާރީ ނިންމުމެއްގެ ދަށުން އިޚްވާނުލް މުސްލިމޫނަކީ "ޓެރަރިސްޓް ޖަމާޢަތެއް" ކަމަށް އިޢުލާން ކުރިއެވެ. އަދި އެ ޖަމާޢަތުގެ އެންމެހާ ހަރަކާތްތައް މަނާކޮށް މަރުކަޒުތައް ބަންދުކުރިއެވެ. ނަމަވެސް އެ ނިންމުމަކީ ތަންފީޒީ ބާރުން ނިންމި އިދާރީ ނިންމުމަކަށް ވާތީ، ދުސްތޫރީ ގޮތުން ކުރިމަތިވެދާނެ އިސްތިއުނާފުތަކުން ސަލާމަތް ވާނެ ވަރުގަދަ އަދި ދާއިމީ ޤާނޫނީ އޮނިގަނޑެއް އެކުލަވާލަން ޖެހުނެވެ.
- މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، 2015 ވަނަ އަހަރު މިޞްރުގައި "ޓެރަރިސްޓް ޖަމާޢަތްތަކާއި ޓެރަރިސްޓުންގެ ލިސްޓުތައް ތަރުތީބުކުރުމާ ބެހޭ ޤާނޫނު ނަންބަރު 8″ ފާސްކު ކުރިއެވެ. މި ޤާނޫނުގެ ދަށުން، ތަޙުޤީޤުތަކާއި މާއްދީ ހެކިތަކުގެ މައްޗަށް ބިނާކޮށް ޖަމާޢަތްތަކާއި ވަކިވަކި ފަރުދުން ޓެރަރިސްޓް ލިސްޓުގައި ހިމެނުމުގެ ބާރު ޕަބްލިކް ޕްރޮސެކިއުޝަނަށާއި ޖިނާއީ ކޯޓުތަކަށް ލިބިދިނެވެ.
- އޭގެ ފަހުން، ކޮންމެ ފަސް އަހަރަކުން އައުކުރާ ގޮތަށް "ވަގުތީ" ނިންމުންތަކެއްގެ ދަށުން އެ ޖަމާޢަތް ލިސްޓުގައި ހިމަނަމުން އައި ނަމަވެސް، ނޮވެންބަރު 2026 ގައި ޝާއިޢުކުރި މި ފަހުގެ ނިންމުމާއެކު އެ ދޮރުވެސް ވަނީ އެއްކޮށް ބަންދުވެފައެވެ. މިއާއެކު، ކުރިން ރައްކާތެރިކަމުގެ ވަގުތީ ފިޔަވަޅެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވެ، އާދައިގެ ޝަރުޢީ އެއްވެސް މަރުޙަލާއަކުން އިސްތިއުނާފު ނުކުރެވޭނެ އަދި ބާޠިލު ނުކުރެވޭނެ ނިހާއީ ޙުކުމަކަށް މި ނިންމުން ވަނީ ވެފެވެ.
އިސްރާއީލުގެ "ޒަމާން" ނޫހާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ދިފާޢީ ވަޒީރު ކަޓްޒް ވަނީ އިސްރާއީލުގެ އަރަބި ޕާޓީތަކަކީ ވެސް އިޚްވާނުލް މުސްލިމޫން ޖަމާޢަތާ ގުޅުންހުރި ފަރާތްތައް ކަމަށް ސިފަކޮށްފައެވެ. އަދި އެފަދަ ފަރާތްތައް އިސްރާއީލުގެ ސަރުކާރުގައި ބައިވެރިކުރުމަކީ ޤައުމީ ސަލާމަތަށް ނުހަނު ބޮޑު ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ކަމަށް ބުނެފައި ވެއެވެ.
ކާޓްސް ތުހުމަތު ކުރި ގޮތުގައި، އިޚްވާނުލް މުސްލިމޫން ޖަމާޢަތުން ދަނީ ޙަމާސް ޖަމާޢަތާއި ތުރުކީވިލާތުގައި ޤާއިމުވެފައިވާ ހަމާސްގެ މައި އިދާރާއާ ގުޅިގެން، މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އައްސީސީގެ ވެރިކަމާ ދެކޮޅަށް އިންޤިލާބެއް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން، ޙަމާސްގެ ބޭރުގެ ޖާސޫސީ އިދާރާގެ ވެރިޔާ ޚާލިދު ޢަނާން، އީރާނުގެ ސަރުކާރުގެ ބައެއް ފަރާތްތަކާ ގުޅިގެން މި ހަރަކާތްތަކަށް ފައިސާ ޚަރަދުކޮށް އެކަން ކުރިއަރުވަމުންދާ ކަމަށް ކަޓްޒް ބުންޏެވެ. އަދި މިޞްރުގެ މި ނިންމުމަށް އެމެރިކާއާއި ޢަރަބި ގިނަ ޤައުމުތަކަކުން މަރުޙަބާ ކިޔާފައިވާކަންވެސް އޭނާގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
ފިތުނަ އުފެއްދުމަށް މިފަދަ ވާހަކަތައް އުފައްދައި ހެދުމަކީ ކާޓްސް ފަދަ މީހުންގެ ތޮބީއަތެކެވެ.
އިތުރަށް މީޑިއާގައި ވާހަކަދައްކަމުން ކަޓްޒް ބުނީ ހަރުކަށި އިސްލާމީ ފިކުރެއްގެ ނިވަލުގައި ތިބެގެން އަރަބިންގެ އެންމެ ބޮޑު އަދި އެންމެ ބާރުގަދަ ޤައުމުގެ ރައީސްގެ ވެރިކަން ވައްޓާލުމަށް ތައްޔާރަށް ތިބި ބަޔަކު، ފުރުޞަތު ލިބިއްޖެނަމަ ޔަހޫދީ ދައުލަތް ނައްތާލުމަށް ފަހެއް ނުޖެހޭނެ ކަމަށެވެ. އަދި އިސްލާމީ އަދި ޤައުމީ ފިކުރުގެ ޢަރަބި ޕާޓީތަކާއެކު އެއްވެސް ގުޅުމެއް ނުބޭއްވުމަށް ޤައުމީ ފެންވަރުގައި ފުޅާ އިއްތިފާޤެއް ޤާއިމުކުރުމަށް އޭނާ ގޮވާލެއްވިއެވެ.






