އީރާނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ކުރިމަގާއި ސިފައިންގެ ޙަރަކާތްތައް އަލުން ފެށުމާމެދު އުފެދިފައިވާ ބޮޑެތި ޚިޔާލު ތަފާތުވުންތަކުގެ ތެރޭގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެމެދު މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ފޯނު ކޯލެއްގައި ވަރަށް ހުތުރުކޮށް ޒުވާބުކޮށް، ހޫނު ބަހުސެއް ހިނގާފައިވާ ކަމަށް އިސްރާއީލުގެ މީޑިއާ އިން ހާމަކޮށްފިއެވެ.
އިސްރާއީލުގެ ނޫހެއް ކަމަށްވާ "ޔެދިއޮތު އަހްރޮނޮތު" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފޯނު ކޯލުގައި ނަތަންޔާހޫ ވަނީ އީރާނާ ދެކޮޅަށް ހަނގުރާމަ އަލުން ފެށުމަށް ތަކުރާރުކޮށް ޓްރަމްޕަށް ފިއްތާ ފައެވެ. ނަމަވެސް، ޓްރަމްޕް ހުންނެވީ ނަތަންޔާހޫއާ ހެދި ލިބިވަޑައިގެންނެވި އިންތިޚާބީ ނާކާމިޔާބީއާއެކު ޑިޕްލޮމެޓުންގެ މަސައްކަތްތަކަށް ފުރުޞަތު ދެއްވައި، އީރާނާއެކު މިހާރު ކުރިއަށްދާ މަޝްވަރާތަކަށް ކުރިއެރުން ހޯދުމަށް ފުރުޞަތު ދިނުމުގެ ސްޓްރެޓެޖީއެއްގައި ހިފަހައްޓަވައިގެންނެވެ.
މަސްދަރުތަކާ ހަވާލާދީ އެ މީޑިއާ ސިފަކޮށްފައިވާ ގޮތުގައި، ދެ ބޭފުޅުންގެ މެދުގައި ޒުވާބު ވަރުގަދަވެ އެ ފޯނު ކޯލު ބަދަލުވެގެންދިޔައީ ވަރަށް ހުތުރު ޒުވާބަކަށެވެ.
ނަމަވެސް، އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ މި ރިޕޯޓުތައް ދޮގުކޮށްފައި ވެއެވެ.، އަދި އެއީ ދޮގު ޚަބަރުތަކެއް ކަމަށް ބުނެފައެވެ. އިސްރާއީލުގެ އިސް މަސްއޫލުވެރިއަކު ކަށަވަރުކޮށްދިން ގޮތުގައި، ހަފްތާ ބަންދުގައި ދެ ލީޑަރުން ފޯނުން ގުޅައި ސައްލާކުރި ނަމަވެސް، އެއްވެސް ކަހަލަ ޒުވާބެއް ނުވަތަ އަވަގުރާނަ ގޮވުމެއް ހިނގާފައެއް ނުވެއެވެ.
ހަނގުރާމަ ކުރިއަށް ގެންދާނެ ގޮތާމެދު ޓްރަމްޕާއި ނަތަންޔާހޫއާ ދެމެދު މިފަދަ ޚިލާފެއް އުފެދުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް ދެ ވެރިން ފޯނު ކޯލުތަކުގައި ޒުވާބު ކޮށްފައިވެއެވެ. އަދި މީގެ ކުރިން "ނިއުޔޯކް ޕޯސްޓް" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވަނީ، ކުރިން ބޭއްވި ފޯނު ކޯލެއްގައި ނަތަންޔާހޫއަކީ މޮޔަ އެއްގެ ގޮތުގައި ސިފަކުރެއްވި ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، އީރާނާ ދެކޮޅަށް ފުޅާދާއިރާއެއްގައި ހަނގުރާމަ އަލުން ފެށުމަށް ބާރުއެޅުއްވުމުގެ ގޮތުން ނަތަންޔާހޫ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޓްރަމްޕަށް ގުޅައި ބޮލަށް އުދަނގޫ ކުރަމުންދާ ކަމަށް "ފައިނޭންޝަލް ޓައިމްސް" އިންވެސް ވަނީ ދާދި ފަހުން ރިޕޯޓުކޮށްފައެވެ.
މިދިޔަ އޮކްޓޯބަރު މަހު ބޭއްވި ޢާންމު އިންތިޚާބުގައި ޕާޓީއަށް ގިނަ ގޮނޑިތަކެއް ގެއްލި، އޭނާގެ ސިޔާސީ މުސްތަޤުބަލަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ނަތަންޔާހޫ ބޭނުން ވަނީ އެމެރިކާ ސިފައިން އީރާނަށް ވައިގެ ހަމަލާތައް ދީ މެދުއިރުމައްޗާއި އެމެރިކާގެ ސިޔާސީ މަސްރަހު އަލުން ކައްކުވައި ލާށެވެ.
އަންގާރަ ދުވަހު އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަމުން ނަތަންޔާހޫ ބުނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވައި، އެޤައުމުން ކުރިމަތިވާ ނުރައްކާ ދާއިމީ ގޮތެއްގައި ނައްތާލެވެން އޮތް ހަމައެކަނި މަގަކީ އީރާނުގެ ވެރިކަން ވައްޓާލުން ކަމަށެވެ.






