އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން ހަނދުގެ ބިމުގައި ދިރިއުޅެ މަސައްކަތްކުރާނެ އައު އެސްޓްރޮނޯޓުން ހޯދުމަށް ވަޒީފާގެ ފުރުޞަތު ހުޅުވާލައިފިއެވެ. ނާސާއިން ކުރި މި އިޢުލާނުގައިވާ ގޮތުން، މި ޚާއްސަ މިޝަންތަކަށް ހޮވޭ ފަރާތްތަކަށް އަހަރަކު 164،395 އެމެރިކާ ޑޮލަރުގެ ބޮޑު މުސާރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެމީހުން އެ ފައިސާ ހަނދުގައި ހޭދަކުރާނެ ގޮތާ މެދިު މީހުން ވަނީ ސުއާލު ކޮށްފައެވެ.
މި އިޢުލާނާ ގުޅިގެން ސްކައި ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ނާސާގެ ޑިރެކްޓަރު ޖެރެޑް އައިޒެކްމަން ވިދާޅުވީ، މި ޕްރޮގްރާމަށް ހޮވޭ އެސްޓްރޮނޯޓުންނަށް ހަނދުގެ ބިމުގައި ހިނގުމާއި، ހަނދުގައި ޤާއިމުކުރާ މަރުކަޒުގައި ދިރިއުޅެ މަސައްކަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. މީގެއިތުރުން، ކުރިއަށް އޮތް ތަނުގައި އިންސާނުން މާސްއަށް ފޮނުވުމަށް ބޭނުންވާ ނިޒާމުތަކާއި އޮޕަރޭޝަންތައް ތަރައްޤީކުރުމުގައިވެސް މި ފަރާތްތަކުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނާސާއިން ހާމަކޮށްފައިވާ ގޮތުގައި، މި ދަތުރުތަކަކީ ފަންނީ ގޮތުން މަތީ ފެންވަރުގެ ޤާބިލުކަމާއި، ރަނގަޅު ނިންމުންތައް ނިންމުމުގެ ހުނަރާއި، ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫޙުގެ އިތުރުން، ހިތްވަރުގަދަކަން ބޭނުންވާނެ މަސައްކަތްތަކެކެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ނާސާއިން ކަނޑައަޅާފައިވާ ހަރުކަށި މިންގަނޑުތަކާއި ޝަރުޠުތައް ފުރިހަމަކުރަންޖެހެއެވެ.
ވަޒީފާގެ ޝަރުޠުތަކުގެ ތެރޭގައި، 12 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދާ ޖައްވީ މިޝަންތަކުގައި ބައިވެރިވުމަށް ތައްޔާރަށް ހުރުން ހިމެނެއެވެ. މި މުއްދަތުގައި އާއިލާއާއި ރަޙުމަތްތެރިންނާ ދުރުގައި، އެކަހެރި މާޙައުލެއްގައި، ވަސީލަތްތައް މަދު އަދި ދިރިއުޅުމުގެ ޙާލަތްތައް ދަތި ތަނެއްގައި އުޅުމުގެ ޤާބިލުކަން ހުންނަންޖެހޭނެ ކަމަށް ނާސާއިން ބުނެއެވެ.
މި ޝަރުޠުތަކާއި ތަޢުލީމީ ފެންވަރު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން، ސީދާ އިންޓަވިއުއިން ފާސްވާ ކެންޑިޑޭޓުންނަށް ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެސްޓްރޮނޯޓް ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ދަޢުވަތު ދެވޭނެއެވެ. މި ތަމްރީނު މަރުޙަލާ ފުރިހަމަކުރުމަށްފަހު، މިޝަންތަކަށް އެންމެ އެކަށީގެންވާ އެސްޓްރޮނޯޓުން ކަނޑައެޅުމުގެ އެންމެ ފަހުގެ ނިންމުން ނިންމާނީ ނާސާއިންނެވެ.
ފާއިތުވި ޤަރުނުގެ 1960 ގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށް ނާސާއިން ވަނީ އެސްޓްރޮނޯޓުންނަށް ވުމަށް ތަމްރީނުވުމުގެ ފުރުޞަތު 370 އަށްވުރެ ގިނަ މީހުންނަށް ދީފައެވެ. އެ އިދާރާއިން އެންމެ ފަހުން އެސްޓްރޮނޯޓުން ހޯދުމަށް ހުޅުވާލި 2024 ވަނަ އަހަރުގެ ބުރުގައި، ކުރިމަތިލި 8،000 އަށްވުރެ ގިނަ މީހުންގެ ތެރެއިން ހޮވާފައިވަނީ އެންމެ 10 އެސްޓްރޮނޯޓުންނެވެ.






