ނަތަންޔާހޫއާ ދެކޮޅަށް ކުރި ސީރިއަސް ދައުވާތަކުން ސަލާމަތް ވެއްޖެ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުގައި ހިންގަމުންދާ ޝަރީޢަތުގައި، އެންމެ ބޮޑު ދެ ދަޢުވާ ދޫކޮށްލުމަށް ޖެރޫސަލެމް ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރަކު ލަފާދެއްވުމާ ގުޅިގެން، ޝަރީޢަތް ވަގުތުން ނިންމާލުމަށް ނަތަންޔާހޫ ގޮވާލައިފިއެވެ. 2020 ވަނަ އަހަރު ފެށި މި ޝަރީޢަތުގައި، މީޑިއާގެ ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ބުނާ ގަޒިއްޔާ 4,000 ގައި ކުށް ސާބިތުވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށާއި، ދެން އެންމެ ބޮޑު ގަޒިއްޔާ ކަމަށްވާ ކޭސް 2,000 އަލުން މުރާޖަޢާކުރަން ޖެހޭ ކަމަށް ބުދަ ދުވަހު ފަނޑިޔާރު ވިދާޅުވެފައިވެއެވެ.

އިސްރާއީލުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކޮށްފައިވާ ނަތަންޔާހޫގެ މައްޗަށް ކުރާ ތަޙުޤީޤުތަކާއި ދަޢުވާތަކަށް ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވެއެވެ. މި މައްސަލަ ވަނީ ޔަހޫދީ މުޖުތަމަޢުގައި ބޮޑު ދެބަސްވުމަކަށް ވެފައެވެ.

ރިޝްވަތާއި، މަކަރާއި ޙީލަތް އަދި އިތުބާރު ގެއްލުވާލުމުގެ ދަޢުވާތައް ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާއިރު، އަގުބޮޑު ސުއްޓާއާއި ޝޭމްޕޭން ފަދަ ތަކެތި ޤާނޫނާ ޚިލާފަށް ޤަބޫލު ކުރި ކަމަށާއި، ވާދަވެރި ނޫހެއްގެ ހަރަކާތްތައް ހުއްޓުވުމުގެ ބަދަލުގައި އެއް ނޫހެއްގެ ވެރިޔަކާއެކު ޚަބަރުތައް ފައިދާހުރި ގޮތަކަށް ގެނެސްދިނުމަށް ވާހަކަ ދައްކައި ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި ޚަބަރު ވެބްސައިޓަކުން ނަތަންއަށް މޮޅުވާ ގޮތަށް ޚަބަރު ގެނެސްދިނުމުގެ ބަދަލުގައި ޓެލެކޮމިއުނިކޭޝަން ކުންފުންޏަކަށް ރެގިއުލޭޓަރީ މަންފާތަކެއް ހޯދައިދެއްވި ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.

ނަތަންޔާހޫގެ މައްޗަށް ކުށް ސާބިތުވުމާ މެދު އެންމެ ފަހު ގޮތް ނިންމާނީ ފަނޑިޔާރުންގެ މަޖިލީހުން ކަމަށް ވާތީ، މި ކަމުގެ ސަބަބުން އެ ދެ މައްސަލައިގައި ދައުލަތުން ކުރި މަސައްކަތް ވަނީ ބަލިކަށިވެފައެވެ.

ނާޖާއިޒު ގޮތަށް ހަދިޔާ ބަލައި ގަތުމުގެ މައްސަލައާ ގުޅޭ ފަހު ދަޢުވާގައި، ދައުލަތާއި ދިފާޢީ ވަކީލުންގެ ޓީމުން އެއްބަސްވުމަކަށް އައުމަށް ފަނޑިޔާރުން ބާރު އަޅާފައި ވެއެވެ. އެއާއެކު 2020 ވަނަ އަހަރު ފެށުނު ޝަރީޢަތް ހުއްޓާލުމުގެ އެއްބަސްވުމަކަށް ދިއުމުގެ މަގު ފަހިވުމުގެ ފުރުސަތު އެބައޮތެވެ.

މި ތަޙުޤީޤަކީ ސިޔާސީ މަޤްޞަދެއްގައި ހިންގާ ކަމެއް ކަމަށް އަބަދުވެސް ނަޔަންތާހޫ ބުނެއެވެ. މިއީ ނަތަންޔާހޫއަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އިސްރާއީލުގެ ގިނަ މީޑިއާ އިން މި ކަން ސިފަކޮށްފައިވެއެވެ.

މިދިޔަ މަހު ބޭއްވި އިންތިޚާބުގައި ވަކި ކޮޅަކަށް ސާފު އަޣުލަބިއްޔަތެއް ނުލިބި އޮތްއިރު، ނަތަންޔާހޫ މަޤާމުން ދުރަށް ދިއުުމުގެ އެއްބަސްވުމެއްގެ ތެރެއިން މާފެއް ލިބިދާނެ ކަމަށް ބައެއް ސިޔާސީ މަސްދަރުތަކުން ކުރިން ލަފާކުރި ނަމަވެސް، މި ބަދަލާއެކު އިންތިޚާބަށް ފަހު ކުރިއަށްދާ މަޝްވަރާތަކުގައި އިދިކޮޅު ފަރާތްތަކަށް އޮތް ބާރު ވަނީ ގެއްލިފައެވެ.

2016 ވަނަ އަހަރު ނަތަންޔާހޫގެ މައްޗަށް ތަޙުޤީޤު ހިންގުމަށް އެންމެ ފުރަތަމަ އަމުރުކުރެއްވި ކުރީގެ އެޓާނީ ޖެނެރަލް އަވިޗާއި މެންޑެލްބްލިޓް ދެއްވި ހެކިބަހަކީ ވެސް ޕްރޮސިކިއުޝަންގެ މައްސަލައަށް ގެއްލުންވި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ނަތަންޔާހޫ ބުނީ "ދިހަ އަހަރުގެ ނުރައްކާތެރި ވޭން އަޅުގަނޑަށާއި، އަޅުގަނޑުގެ ޢާއިލާއަށާއި، އަޅުގަނޑުގެ ދަރިފުޅަށް ލިބިއްޖެ؛ އެއީ ފުރާނައަށް ގެއްލުންދިން ނަފްރަތު އުފެއްދުމުގެ ދިހަ އަހަރު" ކަމަށެވެ. "އެ އަހަރުތައް އަޅުގަނޑުމެންނަށް އަނބުރާ ދޭނީ ކާކު؟ މި ޝަރީޢަތް ވަގުތުން ނިމުމަކަށް ގެންނަން ޖެހޭ،" ފަލަސްޠީނު މީހުންގެ ޖެނޮސައިޑް މޭސްތިރި ބުންޏެވެ.

އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް އަދިވެސް ކާމިޔާބެއ ްނުވެއެވެ. މިހާރު ކަންތައް ފެންނަ ގޮތުން އައިޒެންކޮޓަށް ސަރުކާރެއ ްއެކުލަވާލެވޭނެ ހެނެއް ހިއެއް ނުވެއެވެ. އައިޒެންކޮޓްއަށް ސަރުކާރު އެކުލަވާލުމަށް ދިން ފުރަތަމަ ފުރުސަތު ގެ މުއްދަތު ހަމަވާނީ ޑިސެމްބަރު 6 ވަނަ ދުވަހަށެވެ.

ހިއްސާ ކުރައްވާ!