ޤަޠަރުގެ ސަރުކާރުން ނުވަތަ އެ ޤައުމުގެ އެއްވެސް ފަރާތަކުން ރިޝްވަތެއް ލިބިފައި ނުވާނެ ކަމަށް ޔަހޫދީ ޒަޔަނިސްޓުންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކޯޓުގައި ބުނެފިއެވެ. ޤުދުސްގެ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށްދާ ޝަރީޢަތެއްގައި ހެކިބަސް ދެމުން، އޭނާ ވަނީ ޤަޠަރަށް ބޮން އަޅަން ފަސްނުޖެހޭނެ ކަމަށާއި، މީގެ ކުރިން އެ ޤައުމަށް ބޮން އަޅާފައިވަނެ ކަމަށް ބުނެފައެވެ.
މި ޝަރީޢަތަކީ މެދުއިރުމަތީގެ މީޑިއާ ދިރާސާކުރާ މަރުކަޒެއްގެ ވެރިޔާ ޔުޣާލް ކާމޯންއާއި ނަތަންޔާހޫއާއި އޭނާގެ ލިކުޑް ޕާޓީން ޤަޠަރުން ފައިސާ ހޯދާފައިވާ ކަމަށް ބުނާ ވާހަކަތަކަކާ ގުޅިގެން ނަތަންޔާހޫ ހުށަޅާފައިވާ މައްސަލައެކެވެ. ނަތަންޔާހޫ ފާހަގަކުރިގޮތުގައި، ޣައްޒާގައި ޖެނޮސައިޑް ހިންގަމުންދާ ދަނޑިވަޅެއްގައި، އަސީރުން މިނިވަންކުރުމަށް މަސައްކަތްކުރަމުންދިޔަ ވަގުތު މިފަދަ ވާހަކަތައް ދެއްކުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. އަދި އޭނާއަކީ ޤަޠަރުގެ "ރަހީނެއް" ގެ ގޮތުގައި ސިފަކުރުމަކީ ދަށުދަރަޖައިގެ ޢަމަލެއް ކަމަށް އޭނާ ބުންޏެވެ.
މިދިޔަ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު، ޤަޠަރުގެ ވެރިރަށް ދޯޙާގައި ހުންނަ ޙަމާސް ޖަމާޢަތުގެ ސިޔާސީ އޮފީހުގެ އިސްވެރިން މަޝްވަރާ ކުރައްވަމުން ދިޔަ ސަރަޙައްދަކަށް ޔަހޫދީން ވަނީ ވައިގެ ޙަމަލާއެއް ދީފައެވެ. މި ޙަމަލާގައި ޙަމާސްގެ މުހިންމު ވެރިން ސަލާމަތްވި ނަމަވެސް، ޤަޠަރުގެ ސަލާމަތީ ބާރުގެ އޮފިޝަލަކާއި ޙަމާސްގެ ފަސް މުވައްޒަފުން ވަނީ ޝަހީދުވެފައެވެ. މި ޙަމަލާއަށް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން، ފަހުން ނަތަންޔާހޫ ވަނީ އެކަމަށް މާފަށް އެދިފައެވެ.
ޝަރީޢަތުގެ މަޖިލީހުގައި ވާހަކ ދައްކަމުން ނަތަންޔާހޫ ވަނީ ސީދާ ކާމޯނަށް މުޚާޠަބުކޮށް، އޭނާ ދައްކާފައިވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، މި ކަމުގެ އަގު އޭނާ ދައްކަންޖެހޭނެ ކަމަށް ބުނެ އިންޒާރުދީފައެވެ. އަދި މި މައްސަލަ ސުލްހަ ވެގެން ނިންމާލުމަށް ޤާޟީ ހުށަހެޅުއްވި ހުށަހެޅުމަށް ކާމޯންގެ ޤާނޫނީ ވަކީލުން ވަނީ ދެކޮޅު ހަދާފައެވެ.






