ނަތަންޔާހޫގެ އިދިކޮޅު މީހަކު ގާނޫ ހަދާ މަޖިލީހުގެ ރައިސްކަމަށް

އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލިސް ކަމަށްވާ ކެނެސެޓްގެ ރައީސްކަމަށް އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ މަތާން ކަހާނާ އިންތިޚާބުކޮށްފިއެވެ. މި ބަދަލަކީ އެ ޤައުމުގެ ސިޔާސީ ނިޒާމަށް އައި ބޮޑު ބަދަލެއް ކަމަށް ޢަރަބް މެންބަރުން ފާހަގަކުރައްވައެވެ.

އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުގައި ބޭއްވި ވޯޓުލުމުގައި، މަތާން ކަހާނާއަށް 66 ވޯޓު ލިބިފައިވާއިރު، ވަގުތީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފަރާތުން ވާދަކުރެއްވި އުފީރ ކަޓްޒަށް ލިބިފައިވަނީ 52 ވޯޓެވެ. މި އިންތިޚާބުގެ ނަތީޖާއާ އެކު، ކެނެސެޓްގެ އެންމެހައި މަސައްކަތްތަކާއި އެޖެންޑާތައް ކޮންޓްރޯލް ކުރުމުގެ ބާރު އިދިކޮޅު ފަރާތްތަކަށް ލިބިގެންގޮސްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ބަދަލަކީ ޔަހޫދީ ޒަޔަނިސްޓުންގެ ސަރުކާރުގެ ސިޔާސަތުތަކަށް އައި ހީނަރުކަމެއްގެ ނިޝާނެއް ކަމަށާއި، މިއީ ގިނަ ދުވަސްވެފައިވާ ނިޒާމަށް އަންނަމުންދާ ބޮޑު ބަދަލެއްގެ ފެށުން ކަމަށް ޤާނޫނު ހަދާ މަޖިލީހުގައި ހުންނެވި ފަލަސްޓީން ދަރިކޮޅުގެ މެމްބަރު އަހުމަދު ޠިބީ ވިދާޅުވެއެވެ. އަދި ޤާނޫނު ހަދާ މަޖިލީހުގައި ތިބިވަޑައިގެންވާ ޢަރަބް މެންބަރުންގެ ވޯޓަކީ މި ނަތީޖާ ނެރުމުގައި ނުހަނު މުހިންމު ދައުރެއް އަދާކުރި ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!