ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް ފުރުސަތު ދޭން ހުޅަނގުން އިސްރާއީލަށް އަމުރުކޮށްފި

ފިނި މޫސުން ފެށި، ޣައްޒާގެ ޙާލަތު އިންތިހާއަށް ގޯސްވެފައިވަނިކޮށް، ސަރަޙައްދުގެ ބޯޑަރުތަކުގައި ހިފެހެއްޓިފައިވާ ފޭލިގެ ހިޔާތަކާއި އިންސާނީ އެހީތައް ވީ އެންމެ އަވަހަކަށް ވައްދަން ހުއްދަދިނުމަށް އިސްރާއީލުގެ ސަރުކާރަށް ހުޅަނގުން ބާރުއަޅަން ފަށައިފިއެވެ. އޮސްޓްރޭލިއާ، ކެނޑާ، އިޓަލީ އަދި އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރުން ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި، ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއަށް އަލިއަޅުވާލައްވަމުން، މިހާރުން މިހާރަށް އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.

ފާއިތުވި ދުވަސްތަކުގައި ކުރި ވިއްސާރައާއި ފެންބޮޑުވުމުގެ ޙާދިސާތަކުގެ ސަބަބުން، ޣައްޒާގެ ޢާންމު ރައްޔިތުންނަށް، ޚާއްސަކޮށް ހިޔާވަހިކަމެއް ނެތް ފަރާތްތަކަށް ލިބެމުންދާ ވޭނާއި ދަތިކަން ވަނީ އިތުރުވެފައެވެ. އަދި މިއީ މި ފިނި މޫސުމުގެ ފުރަތަމަ ތޫފާން ކަމަށްވާއިރު، އެއްވެސް ޙިމާޔަތެއް ނެތް އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސްއެޅިފައިވާކަން އެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ނެރުނު ބަޔާނުގައި ފާހަގަކުރައްވައެވެ.

މި ހާލަތު އިތުރަށް ގޯސްވެފައިވަނީ، ޣައްޒާގެ ބޯޑަރު ސަރަޙައްދުގައި 150،000 އަށްވުރެ ގިނަ ފޭލިގެ އާއި ޒަރޫރީ އެހެނިހެން ސާމާނު ތާށިވެފައިވުމާ ގުޅިގެންނެވެ. އިސްރާއީލުން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން މި ތަކެތި އެތެރެކުރުމުގެ ހުއްދަ ނުދިނުމަކީ، ކުރިއަށް އޮތް ފިނި މޫސުމުގައި ބޮޑު ނުރައްކާތަކަކަށް މަގުފަހިވާނެ ކަމެއް ކަމަށް ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ބުނެއެވެ. އަދި ޞިއްޙީ ފަރުވާއާއި އަލުން އާރާސްތުކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ތަކެތި އެތެރެކުރުމުގެ ހުއްދަ ދިނުމަށްވެސް ވަނީ ގޮވާލާފައެވެ.

"އަޅުގަނޑުމެން މިހާރުން މިހާރަށް އިސްރާއީލުގެ ސަރުކާރަށް ގޮވާލަނީ އެއްވެސް ލަސްކުރުމެއް ނެތި، އެހީތައް ޣައްޒާގެ ހުރިހާ ކަންކޮޅުތަކަކަށް ވައްދަން ފުރުޞަތު ދިނުމަށެވެ. އަދި ބޯޑަރުތައް ހުޅުވާލައި، ހިޔާވަހިކަމުގެ ސާމާނު އެތެރެވުމަށް ހުރަސްއަޅާ ހުރިހާ ހުރަސްތަކެއް ނައްތާލަންޖެހެއެވެ،" ބަޔާނުގައި ބުނެފައިވެއެވެ.

ޔަހޫދީ ސިފައިންނާއި ކަމާބެހޭ ފަރާތްތަކުން ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އިޙުތިރާމުކުރުމަށާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ފަސޭހަކޮށްދިނުމަށް ހުޅަނގުގެ ބާރުތަކުން ތަކުރާރުކޮށް ގޮވާލާފައިވެއެވެ. މިކަމުގެ ސަބަބުން މިހާރު އޮތް ނުރައްކާތެރި ޙާލަތު ބަދަލުކުރުމަށް އަދިވެސް ވަގުތު އޮތް ކަމަށް އެ ޤައުމުތަކުން ޤަބޫލުކުރެއެވެ.

ހިއްސާ ކުރައްވާ!