ޑްރޯން ހަމަލާތަކެއް ދީ، މުދާ އުފުލާ ބޯޓެއް ފައްތާލައިފި: 11 ފަޅުވެރިން ގެއްލިއްޖެ

ބަލްގޭރިއާގެ ކަނޑުގެ ސަރަހައްދާ ކައިރިން ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދެ ބޯޓަކަށް އަމާޒުކޮށް ރޭގަނޑުގެ ވަގުތުގައި ދިން ޑްރޯން ހަމަލާތަކެއްގައި އެއް ބޯޓު ފައްތާލައި، އޭގައި ތިބި 11 ފަޅުވެރިން ގެއްލިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ބަލްގޭރިއާގެ ސަރުކާރުން ވަނީ ރަޝިޔާގެ ސަފީރު ހާޒިރުކޮށް، ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބަލްގޭރިއާގެ އޮފިޝަލުން ހާމަކުރެއްވި ގޮތުގައި، ރޭގެ ވަގުތުގައި ބްލެކްސީ ކަނޑުގައި ހިންގި މި ހަމަލާތަކުގެ އަމާޒަކަށްވެފައިވަނީ ގިނީ-ބިސާއުގެ ދިދައިގެ ދަށުން ދަތުރުކުރަމުންދިޔަ "އެޗްއެސް ޑިގްނިޓީ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓަކާއި، ޔުކްރޭންގެ ބަޔަކަށް ނިސްބަތްވާ އަދި މޯލްޓާގެ ދިދަ ޖަހާފައިވާ "ޗެލްސީ 3″ ކިޔާ ބޯޓެކެވެ. މީގެ ތެރެއިން ގިނީ-ބިސާއުގެ ބޯޓަށް ދިން ހަމަލާގައި އެ ބޯޓު ވަނީ ބަލްގޭރިއާގެ ކްރަޕެޓްސް އަވަށުގެ އިރުމަތިން 15 ނޯޓިކަލް މޭލު ބޭރުގައި ފެތިފައެވެ.

މި ހާދިސާއާ ގުޅިގެން ގެއްލިފައިވަނީ ސީރިއާ އަދި މިސްރަށް ނިސްބަތްވާ 11 ފަޅުވެރިން ކަމަށް ލަފާކުރެވޭއިރު، އެމީހުން ހޯދުމުގެ މަސައްކަތް ބަލްގޭރިއާގެ ސިފައިންނާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވަނީ ފަށާފައެވެ. އެ ބޯޓުގައި ތިބި 16 ފަޅުވެރިންގެ ތެރެއިން 5 މީހުން އެހެން މުދާ އުފުލާ ބޯޓުތަކުގެ އެހީތެރިކަމާއެކު މިހާރު ވަނީ ސަލާމަތްކޮށްފައެވެ.

"ޗެލްސީ 3″ ބޯޓަށް ތިން ޑްރޯން އަމާޒުވެފައިވެއެވެ. ބަލްގޭރިއާގެ ބޯޑަރު ސިފައިން ބުނީ އެ ބޯޓުގައި ތިބި ފަޅުވެރިން ސަލާމަތްކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ޔުކްރޭންގެ 7 މީހަމާއި އަޒަރުބައިޖާނުގެ 8 މީހަކު ހިމެނޭ ކަމަށެވެ. މި ހަމަލާގައި ޒަޚަމްވި މީހުންނަށް ވަނީ ހޮސްޕިޓަލެއްގައި ފަރުވާދޭން ފަށާފައެވެ.

ހިއްސާ ކުރައްވާ!