އިސްލާމްއާބާދުގެ ބައެއް ސަރަހައްދުތަކުން ފެން ޓެސްޓް ކުރަނީ

އިސްލާމްއާބާދު ކައިރީގައިވާ ސަރާއި ޚަރުބޯޒާ، ދޯކް އަައްބާސީ އަދި މުހައްލާ އުސްމާނިޔާ ސަރަޙައްދުން އެއް މަސްދުވަސް ތެރޭގައި ހަތަރު ޒުވާނުން މަރުވުމާ ގުޅިގެން، އެ ހިސާބުގެ ބޯފެނުގެ ރައްކާތެރިކަމާމެދު ކަންބޮޑުވުންތަކެއް އުފެދި، އެ ސަރަޙައްދުގެ ފެން ސަޕްލައި ވަގުތުން ތަޙުޤީޤުކޮށް ލެބޯޓްރީ ތަހުލީލުތައް ހެދުމަށް އާންމުން އެދެން ފަށައިފި ކަމަށް ޕާކސިްތާން މީޑިއާ އިން ރިޕޯޓުކޮށްފިއެވެ.

މީޑިއާއިން ރިޕޯޓު ކުރި ގޮތުގައި ބައެއް މީހުން މަރުވީ ފުރަމޭ ފެއިލްވެގެން ކަމަށް ރިޕޯޓު ކުރުމާ އެކު، ރައްޔިތުން ވަނީ ހެލްތު މިނިސްޓަރު މިކަމުގެ ތެރެއަށް ވަދެވަޑައިގަތުމަށް އެދިފައެވެ. އަދި މަރުވާން މެދުވެރިވި ސަބަބުތައް ދެނެގަތުމަށާއި، ޢާންމު ޞިއްޙަތަށް ހުރި ނުރައްކާތައް ފާހަގަކުރުމަށްޓަކައި ދެފުށް ފެންނަ ތަޙުޤީޤެއް ހިންގުމަށް އެމީހުން ވަނީ ގޮވާލާފައެވެ.

މި މަރުތަކާއެކު، ރައްކާތެރި ނޫން ބޯފެނާ ގުޅިގެން ޕާކިސްތާނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ކަންބޮޑުވުން ވަނީ އަލުން އާވެފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2019 ވަނަ އަހަރު ޕާކިސްތާނުގައި ރައްކާތެރި ނޫން ފެނާއި، ސާފުތާހިރުކަމަށް އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން ކޮންމެ 100،000 މީހުންގެ ތެރެއިން 38.8 މީހުން ވަނީ މަރާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް، ފެނާއި ސާފުތާހިރުކަމާ ގުޅޭ ގިނަ ނުރައްކާތަކެއް ހިމެނޭތީ، މިއީ ހަމައެކަނި ތަޣައްޔަރުވެފައިވާ ބޯފެނުގެ ސަބަބުން ދިމާވި މަރުތަކެއް ނޫން ކަމަށް މީޙުން ބުނެއެވެ.

އިސްލާމްއާބާދުގެ ސަންގްޖާނީ ހޮސްޕިޓަލުގެ ޑޮކްޓަރު ގުލް ޚާން ވިދާޅުވީ، ފެނުގެ ޒަރީޢާއިން ފެތުރޭ ބަލިތައް ކުރިމަތިވަނީ ބޯފެން ހޮޅިތަކަށް ނަރުދަމާގެ ފެން އެޅުމާއި، ބިމުގެ އަޑީގެ ފެން ތަޣައްޔަރުވުމާއި، ފެން ނަގާ ވަސީލަތްތަކަށް ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުންތަކާއި، އަދި އެކަށީގެންވާ ސާފުތާހިރުކަން ބަލާނެ ނިޒާމެއް ނެތުމުންނެވެ. އެހެންކަމުން މުޖުތަމަޢުތައް ރައްކާތެރިކުރުމަށްޓަކައި ޤަވާއިދުން ފެނުގެ ފެންވަރު ވަޒަންކުރުމާއި، ތަޣައްޔަރުވުމުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

ޑޮކްޓަރު ޚާން ވަނީ ރައްޔިތުން ބޯފެން އެކްރެޑިޓްކޮށްފައިވާ ލެބޯޓްރީތަކުން ތަހުލީލުކުރުމަށާއި، ކައްކާފައިވާ ފެން އަދި އިތުބާރުހުރި ފިލްޓަރު ނިޒާމުތައް ބޭނުންކުރުމަށް އިރުޝާދު ދެއްވާފައެވެ. އަދި ބޯފެން ސަޕްލައި ކުރާ ހޮޅިތަކަށް ނަރުދަމާގެ ފެން ވަނުން ހުއްޓުވުމުގެ މުހިންމުކަން ފާހަގަކުރައްވައި، ބޭރަށް ހިންގުން ނުވަތަ ހަށިގަނޑުން ފެން މަދުވުން ފަދަ ކަމެއް ކުރިމަތިވާނަމަ ލަސްނުކޮށް ސިއްޙީ އެހީތެރިކަން ހޯދުމަށް އިލްތިމާސް ކުރައްވާފައެވެ.

ހިއްސާ ކުރައްވާ!