އަފްޣާނިސްތާނުގެ ފަސްގަނޑު ބޭނުންކޮށްގެން ހިންގާ ޓެރަރިސްޓް ހަމަލާ ތައް ހުއްޓުވުން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމު ނުކުރާނީސް، އެ ގައުމާއެކު އެއްވެސް ޝަރުތަކާ ނުލައި ސިޔާސީ މަޝްވަރާތައް ނުބޭއްވޭނެ ކަމަށް ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން އިއުލާނުކޮށްފިއެވެ.
ޕާކިސްތާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ސައްޖާދު ހައިދަރު ޚާން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އަފްޣާނިސްތާނުގެ ސަރުކާރާއެކު ވާހަކައްދެއްކުމަށް ޕާކިސްތާނުން ފަސްނުޖެހޭ ކަމަށާއި، އަދި ސަރަހައްދީ ސުލްހައަށްޓަކައި އެކުވެރި ގައުމުތަކުން އިސްނަގައިގެން ކުރާ މަސައްކަތްތަކަށް މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް، މަޝްވަރާތައް ކުރިއަށް ދާންޖެހޭނީ ޕާކިސްތާނުގެ ސެކިއުރިޓީ އާއި ގައުމީ ސަލާމަތް ރައްކާތެރިކުރެވޭނެ އުސޫލުތަކުގެ ތެރެއިން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި ރަޝިޔާ ގެ ރައީސް ވްލަދިމީރް ޕޫޓިން ގެ ސަރުކާރުން މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ހުށަހެޅި ހުށަހެޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ރަޝިޔާއިން އިސްވެ މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ރަސްމީ މަޝްވަރާއެއް މިހާތަނަށް ހުށަހަޅާފައިނުވާ ކަމަށެވެ. މޮސްކޯ ފޯމެޓްގެ މަޝްވަރާތަކަށްފަހު ގުޅޭ ބަޔާނެއް ނެރެވިފައިނުވަނީ އަފްޣާނިސްތާނުގައި އުޅޭ ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ފިޔަވަޅުއެޅުމަށް ތާލިބާން ސަރުކާރުން ދެކޮޅުހެދުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ފަދަ ޖަމާއަތްތަކުން ދަނީ އަފްޣާނިސްތާނުގެ ބިން ބޭނުންކޮށްގެން ޕާކިސްތާނުގެ ސިފައިން ނަށް އަދި އާންމުންނަށް އަމާޒުކޮށް ހަމަލާ ތައް ދެމުންނެވެ. ނަމަވެސް އަފްޣާނިސްތާނުގެ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރެއެވެ. މި ޚިޔާލު ތަފާތުވުންތަކާ ހުރެ ގަތަރާއި، ތުރުކީ، ސައޫދީ އަރަބިއްޔާ އަދި ޗައިނާއިން އިސްނަގައިގެން މީގެކުރިން ބޭއްވި ސަމިޓް ތަކާއި މަޝްވަރާތަކުންވެސް ދާއިމީ ހައްލެއް ހޯދިފައެއް ނުވެއެވެ.
ދެކުނު އޭޝިއާގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތު ސިންގް ޕާކިސްތާނަށް އިންޒާރުދެއްވައި ދެއްކެވި ވާހަކަތަކަށްވެސް ޚާރިޖީ ވުޒާރާއިން ވަނީ ރައްދުދީފައެވެ. ނިއުދިއްލީ ގައި ބޭއްވި ކޮންކްލޭވްއެއްގައި ރާޖްނާތު ސިންގް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެއްވެސް ހަމަލާ އެއް އައިސްފިނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ.
ޕާކިސްތާނުގެ ތަރުޖަމާނު ސައްޖާދު ހައިދަރު ޚާން ވަނީ އިންޑިއާގެ މި ވާހަކަތައް ކުށްވެރިކުރައްވައި، ފާއިތުވި އަހަރުގެ މޭ މަހު ހިނގި ސިފައިންގެ ކުރިމަތިލުންތަކުން އިންޑިއާއިން އިބުރަތް ހޯދަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އިންޑިއާއިން ހިންގަފާނެ އެއްވެސް އުދުވާނަކަށް ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ޕާކިސްތާނުން ވަނީ ދީފައެވެ.



