އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ދީނީ އިސް ޝަޚްޞިއްޔަތެއް ކަމަށްވާ ރާބާއި ދޯވް ލިއޯ، ވަނީ ހުޅަނގު އައްސޭރީގައި އުޅޭ ޔަހޫދީ ވަޒަންވެރިން ފަލަސްޠީނު ދަނޑުވެރިންގެ ޒައިތޫނި ބަގީޗާތަކުން ޒައިތޫނި ފޭރުން ހުއްދަކޮށް ފަތުވާއެއް ނެރެދީފައެވެ.
މި ފަތުވާ ނެރެފައިވަނީ ޒައިތޫނި ކަނޑާ މޫސުމާ ދިމާކޮށް ޔަހޫދީ ވަޒަންވެރިން ފަލަސްޠީނުގެ އާންމުންނަށް ދެމުންދާ ހަމަލާތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައެވެ. ހުކުރު ދުވަހު އެކަނިވެސް ހުޅަނގު އައްސޭރީގެ ތަފާތު ސަރަހައްދުތަކުގައި އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ދިން 34 ހަމަލާއެއްގައި ފަލަސްޠީނުގެ 19 މީހަކު ވަނީ ޒަޚަމްވެފައެވެ. މީގެއިތުރުން، ފަލަސްޠީނު ދަނޑުވެރިންނަށް ދޭ ހަމަލާތައް ކަވަރުކުރަމުންދިޔަ އެމެރިކާގެ "ވޮޝިންގްޓަން ޕޯސްޓް" ނޫހުގެ އަންހެން ފޮޓޯ ޖާނަލިސްޓަކަށްވެސް ވަޒަންވެރިން ވަނީ ހަމަލާދީފައެވެ.
އިތާމާރު ބެން-ގަވީރުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޕާޓީއަށް ތާއީދުކުރާ ފާދިރީގެ ފަތުވާގައި ބުނެފައިވަނީ، ސަލާމަތީ ސަބަބުތަކާ ހުރެ ފަލަސްޠީނުގެ ވެރިންނަށް ޒައިޔޫނި ނުބިނދެވޭ ހާލަތުގައި، އެ މީހުން އެ ތަކެތިން އުއްމީދު ކަނޑާލާނެ ކަމަށެވެ. އަދި އަރަބިންނަކީ އެ ބިންތަކުގެ އަސްލު ވެރިން ނޫން ކަމަށާއި، ބިމުގެ އަސްލު ވެރިންނަކީ ޔަހޫދީން ކަމަށްވާތީ އެ ޒައިތޫނި ނެގުމަކީ ބިމުގެ މިލްކުވެރިކަން ސާބިތުކުރުމަށް ކުރެވޭ "ސަވާބު ލިބެނިވި" ކަމެއް ކަމަށްވެސް އޭނާ އިއްވި ފަތުވާގައި ބުނެއެވެ.
ނަމަވެސް، މި ފަތުވާއާ ގުޅިގެން އިސްރާއީލުގެ ދީނީ މީހުންގެ މެދުގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. ގުޝް އެޓްޒިއޯން ސަރަހައްދުގެ ފާދިރީންގެ މަޖިލީހުންނާއި "ތުޒަހާރު" ފާދިރީންގެ ޖަމްޢިއްޔާއިން ވަނީ މި ފަތުވާއާ ދެކޮޅުހަދައި، ފަލަސްޠީނު މީހުންގެ މުދާ ފޭރުމަކީ ޙަރާމް ކުރެވިގެންވާ ވައްކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
މީގެއިތުރުން، އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ގިލްއާދު ކާރިވް ވަނީ ފާދިރީއާއި އޭނާގެ ތާއީދުކުރާ ފަރާތްތަކުން އިސްރާއީލު އަޚްލާޤީ އަދަވަޅަކަށް ވައްޓާލަމުންދާ ކަމަށް ބުނެ ފައެވެ. އަދި ނަފްރަތު އުފައްދައި ޖަރީމާތަކަށް ހިތްވަރުދޭ ފަރާތްތަކާމެދު ޖިނާއީ ތަޙްޤީޤެއް ހިންގުމަށް އޭނާ ވަނީ ފުލުހުންނަށް ގޮވާލާފައެވެ.





